ތަނަވަސްކަން ލިބިއްޖެނަމަ އެތަނަވަސްކަން ގެއްލިދާނެތީ ކަންބޮޑުވެއެވެ. ތަނަވަސްކަން ގެއްލިއްޖެނަމަ ތަނަވަސްކަން ގެއްލިދާނެތީ ކަންބޮޑުވެއެވެ.
އެއްބައަކު ކައިވެނި ނުކުރެވޭއިރު ކައިވެނި ނުކުރެވޭތީ ކަންބޮޑުވެއެވެ. ކައިވެނިކުރެވުނީމާ ކައިވެނި ރޫޅިދާނެތީ ކަންބޮޑުވެއެވެ. އަނެއް ބައަކު ކައިވެނި ކުރެވުނީ އުޅެންޖެހޭ ހިތްދަތި ދިރިއުޅުމުގެ ސަބަބުން ކައިވެނިކުރެވުނީތީ ކަންބޮޑުވެއެވެ. ކައިވެނި ރޫޅޭއިރަށް ކައިވެނިރޫޅި އެކަނިވެރިވީތީ ކަންބޮޑުވެއެވެ.
މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ދުނިޔޭގައި ހޭދަކުރަންޖެހޭ ކޮންމެ ދުވހަކީވެސް ހާސްވުމާއި ކަންބޮޑުވުމުގައި ހޭދަކުރަންޖެހޭ ދުވަހެކެވެ. އެއީ އެކަން ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ގޮތެވެ. ހާސްވުމާއި ކަންބޮޑުވުންތައް ފިލައިގެންދާނީ ހަމައެކަނި ސުވަރުގެ ވަދެވުމުންނެވެ. ސުވަރުގެ ވަދެވުމާއިއެކު ކޮންމެ މީހަކުވެސް "އަލްޙަމްދުލިﷲ" ކިޔާނެއެވެ. އެއީ ހުރިހާ ހާސްވުމާއި ކަންބޮޑުވުންތައް ފިލައި އެކަމުން ސަލާމަތްވެވުނީތީއެވެ. ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ދެން ކުރިމަތިނުވާނެތީއެވެ.
ހާސްކަމާއި ކަންބޮޑުވުމަށް އޮތް ފަރުވާއަކީ އެއީ މައްސަލައެއް ނޫންކަމާއި ދުނިޔޭގައި ހުރިހާ ދުވަހަކު އެކަންކަން ކުރިމަތިވާނެކަން ޤަބޫލުކުރުމެވެ. އެކިމީހުންނަށް އެކިވަރަށެވެ. އެކިގޮތްގޮތަށެވެ. އެކި ކަންކަމުގައެވެ.
ދާއިމީ ފަރުވާއެއް ލިބެން މިއޮތީ ކުރިން މިބަޔާންކުރި ފަދައިން ހަމައެންމެ ގޮތަކުންނެވެ. އެއީ ސުވަރުގެ ވަދެވުމެވެ. ވީމާ އަހަރެމެންނަށް އޮތީ ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތްކުރުމެވެ. ގިނަގިނައިން ތައުބާވެ ހެޔޮ ޢަމަލުތައް ކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން