މީސްތަކުންނަށް އެނގި، ޢަމަލުކޮށްފާނެތީ އިބިލީސް އެންމެ ބޮޑަށް ކަންބޮޑުވާ އާޔަތާ ޙަދީޘް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
މީސްތަކުންނަށް އެނގި، ޢަމަލުކޮށްފާނެތީ އިބިލީސް އެންމެ ބޮޑަށް ކަންބޮޑުވާ އާޔަތާ ޙަދީޘް-

މިރޭ ބަހެއް ބުނަލަން ބޭނުންވެގެން މިއުޅެނީ ރަސޫލް (ﷺ) ކުރައްވަވާފައިވާ ޙަދީޘްފުޅުތަކުގެ ތެރެއިން އިބިލީސް އެންމެ ބޮޑަށް ސިއްރުކުރަން، މީސްތަކުންނަށް އެނގުނަ ނުދޭން ބޭނުންވާ ޙަދީޘްފުޅާއި ކީރިތި ޤުރްއާނުގެ ޢާޔަތުގެ ވާހަކައެވެ.

އެ ޙަދީޘްފުޅަކީ ރަސޫލް (ﷺ) ގެ ޞަޙާބީންގެ ތެރެއިން ވެސް އެންމެ އިސް ސަފުގައި ހުންނެވި އަބޫ ޛައްރު ރިވާ ކުރައްވަވާފައިވާ ޙަދީޘްފުޅެކެވެ.

މި ޙަދީޘްފުޅު ދެކެ އިބިލީސް އެހައި ޖެހިލުންވަނީ އިބިލީސް އުފައްދާ ފިތުނަ މީސްތަކުން ޤަބޫލުކުރުމާއި މި ޙަދީޘްފުޅުގެ ސަބަބުން ދުރުވެގެންދާތީއެވެ. މިޙަދީޘްފުޅު ޤަބޫލުކުރާ މީހުން އިބިލީހުގެ ބަސް ޤަބޫލުނުކޮށް ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވާތީއެވެ. ފާފައެއް ކުރެވުނު ނަމަވެސް އެކަމާއި ހިތާމަކޮށް ތައުބާވާތީއެވެ! ﷲ ތަޢާލާގެ ރަޙްމަތުން އުންމީދުކަނޑާނުލައި ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދަންނަވާތީއެވެ.

މީހަކު ލައްވައި ފާފަ ކުރުވަންއުޅޭއިރު އިބިލީސް ބުނާނެއެވެ. "ތިއަކަން ކޮށްލާށެވެ! ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމުން ﷲ ތަޢާލާ ފާފަ ފުއްސަވައިދެއްވަވާނެތެވެ." ފާފަ ކުރުމުން ބަސްމަގު މުޅިން ބަދަލުކޮށްލައި ބުނާނެތެވެ! "ކަލޭ ތިއަކުރީ ވަރަށް ބޮޑު ފާފައެކެވެ. ކަލޭގެ ފާފަ ނުފުއްސަވާނެތެވެ!"

މިގޮތަށް ވަސްވާސްދިނުމުން ބައެއް މީހުންނަށް އެކަން ޤަބޫލުކުރެވި އިބިލީހުގެ އަޅަކަށްވެވި ފާފަކުރުން މަތީގައި ދެމިތިބެއެވެ. މި ޙަދީޘްފުޅު ސިއްރުކުރަން އިބިލީސް އެހައި ބޮޑަށް ބޭނުންވަނީ މިޙަދީޘްފުޅު އެނގި ޤަބޫލުކުރާ މީހުން އިބިލީހުގެ އެމަޅިން ސަލާމަތްވެ ތައުބާވާތީއެވެ.

ޙަދީޘްފުޅުގައިވަނީ މީހަކު އީމާންކަންމަތީގައި މަރުވެއްޖެ ނަމަ އެމީހަކު އެމީހަކު ސުވަރުވައްދަވާނެ ކަމަށެވެ. މާނައަކީ ޝަހާދަތުގެ މަތީގައި މަރުވުމެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއިއެކު ޝަރީކު ނުކޮށް މަރުވުމެވެ.

މިޙަދީޘްފުޅު ބަޔާންކުރެއްވެވުމުން އަބޫޛައްރު "އެމީހަކީ ޒިނޭކޮށް ވައްކަންކުރާ މީހަކުކަމުގައިވީނަމަވެސްތޯ" ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ "އާނއެކެވެ!" ސުވާލު އަބޫޛައްރު ތަކުރާރުކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވީ އެމީހަކީ ޒިނޭކޮށް އަދި ވައްކަންކޮށްފައިވާ މީހަކުކަމުގައިވީނަމަވެސް" ކަމަށެވެ. އަދި 4 ވަނަ ފަހަރަށް އަބޫޛައްރު ސުވާލުކުރެއްވެވުމުން ޙަދީޘްފުޅުކުރެއްވެވީ ހަމަ އެއް ޖަވާބެކެވެ. އެމީހަކީ ޒިނޭކޮށް ވައްކަންކޮށްފައިވާ މީހަކުގައިވީނަމަވެސް ކަމަށާއި އަދި އިތުރަށް ޙަދީޘްފުޅު ކުރެއްވެވީ "އެކަމާއި އަބޫ ޛައްރު ކިތަންމެ ނުރުހުނު ކަމުގައިވީނަމަވެސް" ކަމަށެވެ.

މިޙަދީޘްފުޅުން އެނގިގެންދަނީ މީހަކަށް ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ނަމަވެސް އެމީހަކު، ﷲ ތަޢާލާ އެއްކައުވަންތަކުރުންމަތީގައި، ޝަހާދަތުގެ ދެކަލިމަމަތީގައި މަރުވެއްޖެ ނަމަ އެމީހަކު ސުވަރުގެ ވައްދަވާނެ ކަމެވެ. ވީމާ އިބިލީހުގެ ބަސް އެއްގޮތަކަށްވެސް ޤަބޫލުނުކުރާށެވެ! ތައުބާވުން ގިނަކުރާށެވެ!

އިބިލީސް އެންމެ ބޮޑަށް ސިއްރުކުރަން ބޭނުންވާ އާޔަތަކީ:

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ." (އައްޒުމަރު: 53)

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް توبة ވެ، އެކަލާނގެއަށް ކިޔަމަންވާށެވެ! (އެއީ) ތިޔަބައިމީހުންނަށް عذاب އައުމުގެ ކުރިންނެވެ. ދެން ތިޔަބައިމީހުންނަކަށް نصر އެއް ނުލިބޭނެތެވެ." (އައްޒުމަރު: 54)

މިބަޔާންކުރި ޙަދީޘްފުޅުގެ މާނައަކީ ޝަހާދަތުގެމަތީގައި މަރުވެއްޖެނަމަ އެމީހަކު ކޮށްފައިވާ ފާފަތަކަށް ޢަޛާބް ނުދެއްވެވުމެއް ނޫނެވެ. އެމީހަކަށް ޙައްޤު ޢަޛާބް ދެއްވެވުމަށްފަހު ސުވަރުގެ ވައްދަވާނެ ކަމެވެ. ވީމާ މިޙަދީޘްފުޅަކީ ފާފަކުރަން ލިބޭ ހުއްދައަކަށް ނުހަދާށެވެ.

--ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިޙަދީޘްފުޅުގެ މާނައަކީ އެއްވެސް ޙާލެއްގައި އެމީހަކު ކުރި ފާފަތަކަށް ޢަޛާބު ނުދެއްވަވައި ސުވަރުގެ ވެއްދެވުމެއް ނޫނެވެ. އެމީހަކު ކުރި ފާފަތަކަށް ތައުބާނުވެ ހުއްޓައި މަރުވެއްޖެ ނަމަ އެކަމުގެ ޢަޛާބު އެމީހަކަށް ދެއްވަވާނެތެވެ! އެއަށްފަހު އެމީހަކު ސުވަރުގެ ވައްދަވާނެތެވެ. މައްސަލައަކީ ނަރަކައިގައި ހޭދަކުރަންޖެހޭނީ ކިތައް ބިލިއަން، ޓްރިލިއަން އަހަރުކަން ނުވަތަ ކިހައި މުއްދަތެއްކަން ނުއެނގޭ ކަމެވެ.

މިޙަދީޘްފުޅުގައި އެމީހަކީ "ވައްކަންކޮށްފައިވާ މީހަކުނަމަވެސް" އޮތްއިރު އެކަމުން ތައުބާވާން އެދޭމީހާ ވައްކަމުން ލިބިގަތް އަނެކާގެ ޙައްޤު އަދާކުރަންޖެހޭނެއެވެ. އަދި އެމީހާގެ ކިބައިން މާފަށްވެސް އެދެން ޖެހޭނެއެވެ. އެއީ އެމީހާ ތައުބާވުމުގެ ޝަރުޠުތަކުގައި ހިމެނޭ ކަންކަމެވެ. ﷲ ތަޢާލާ ޢަފޫކުރައްވަވާނީ ފާފަތަކެވެ. މީސްތަކުންގެ ޙައްޤުތައް ޖެހޭނީ އަދާކުރާށެވެ!

--ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން