ހަށިގަނޑުގެ ތަނެއްގައި ފާރުކޮޅެއް ޖަހައިފިނަމަ ފުރަތަމަ ކުރާ ކަމަކީ އެތަނެއް ސާފުކުރުމެވެ. އެތަނުގައި ހުރި ހުރިހާ ހަޑިއެއްޗެތި ނެގުމެވެ. ދެން މިކުރާ ކަމަކީ ހަޑިއެއްޗެއް ނުވަތަ ޖަރާސީމެއް އަތުވެދާނެކަމަށް ހީކުރެވޭ ބައިތައްވެސް ނެގުމެވެ. ބޭސް އަޅަން ފަށަނީ މިހުރިހާ ކަމެއް ކުރުމަށްފަހުގައެވެ. އަދި އެވަރަކުންވެސް ނިންމައިލަނީއެއް ނޫނެވެ. ޖަރާސީމު އިތުރަށް އުފެދިދާނެކަމަށްޓަކައި އެންޓިބައޮޓިކްވެސް ކަމުއެވެ.
އަހަރެމެންގެ އީމާންކަމަކީވެސް ހަމަ މިފަދަ ކަމެކެވެ. އީމާންކަން ބަލިކަށިވާނަމަ އެކަމަށް ފަރުވާކުރަންޖެހެއެވެ. އެކަމުގެ ފަރުވާ ފެށެނީ ހިތާއި ހަމައިންނެވެ. އެހެނީ އީމާންކަން ބަލިކަށިވާން ފަށާނީ ހިތުގެ އޮފް ކެނޑުމުންނެވެ.
ހިތަކީ އެއިގެ ޒާތުގައި ޠޯހިރު އެއްޗެކެވެ. ނަމަވެސް ހިތުގެ ޠޯހިރުކަމަކީ ކެނޑިގެންދާ ކެނޑިގެންދާ ކަމެކެވެ. އެކަމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އެކިވަރުގެ ފާފަތައް ކުރެވުން ހިމެނެއެވެ. ބޮޑެތި ފާފަތައް ކުރެވޭނަމަ އަވަހަށް ކެނޑިގެންދާނެއެވެ. ކުދިފާފަތައް ކުރެވުން ގިނަވެއްޖެ ނަމަވެސް ހިތުގެ ޠޯހިރުކަން ކެނޑިގެންދާނެއެވެ.
ވީމާ ފުރަތަމަކަމަކަށް ކުރަންޖެހޭ ކަމަކީ ހިތް ޠޯހިރުކުރުމެވެ. އެކަން ކުރެވޭނީ ފާފަކުރުން ހުއްޓާލެވިގެންނެވެ. ފާފަ ކުރެވޭނަމަ ހިތުގެ ޠޯހިރުކަން ދާނީ ކެނޑެމުންނެވެ. ފާފަކުރުން ހުއްޓައިލަން ވިސްނާ މީހާ ތިމާއަށް ފާފަކުރެވޭ ހުރިހާ ސަބަބުތަކެއް ނައްތައިލަން ޖެހޭނެއެވެ. އެގޮތުން ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީވެސް ތިމާ އެކުގައި އުޅޭ މީހުންގެ ތެރޭގައި ފާފަކުރުމަށް ހިތްވަރުދޭ މީހަކު ހުރިނަމަ އެމީހަކާއި ދުރުހެލިވުމެވެ.
ފަށަމުން ބުނިފަދައިން ފާރުގަނޑަށް ފަރުވާކުރަން ފަށާއިރު ފުރަތަމަކަމެއްގެ ގޮތުންވެސް ފާރުގަނޑު ސާފުކޮށް ޖަރާސީމެއް އަތުވެދާނެ ކަމަށް ހީވާ ސަރަހައްދުވެސް ސާފުކުރާ ފަދައިން ނުވަތަ ކަނޑައި ނަގާ ފަދައިން ހިތް ޠޯހިރުކުރަން އެދޭމީހާ ފުރަތަމަ ކަމެއްގެ ގޮތުންވެސް ނުބައި އެކުވެރިންނާއި ދުރުހެލިވާންޖެހޭނެއެވެ.
އެކުވެރިންނާއިމެދު ސަމާލުކަން ދޭންޖެހޭނީ ހަމައެކަނި ފާފަކުރަން ބުނާތީއެއް ނޫނެވެ. މިސާލަކަށް އެކުގައި އުޅެވޭ މީހާއަކީ ނެތިމޮށެއުޅޭ، ދެބަ އުޑުވައި މީހުންގެ ވާހަކަތައް ދައްކައި އުޅޭ މީހަކު ނަމަވެސް އެމީހަކާއި ގުޅިގެން އުޅެގެން ނުވާނެއެވެ. އޭނާގެ ވާހަކަތައް އަޑުއަހައި އެ ވާހަކަތަކުގައި ބައިވެރިވުމަކީވެސް ކުރެވޭ ފާފައެކެވެ. އެފަދަ ފާފަތަކުގެ ސަބަބުންވެސް މީހާގެ ހިތުގެ ޠޯހިރުކަން ދާނީ ކެނޑެމުންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުކަންކުރަން ކަންނެތްވެވެނީ އަދި ފަރުވާ ކުޑަކުރެވެނީ އީމާންކަން ކުޑަވާތީއެވެ. އީމާންކަން ކުޑަވަނީ ހިތުގެ ޠޯހިރުކަން ގެއްލި އޮފް ކެނޑޭތީއެވެ. ހިތަކީވެސް ޕޮލިޝްކުރަންޖެހޭ އެއްޗެކެވެ. ނޫންނަމަ ދަމިލަ ޖަހަމުން ގޮސް ކަޅުކުލައަށް ބަދަލުވެގެން ހިދައިދާނެއެވެ. ވީމާ މިބުނި މަގުން ހިތް ޕޮލިޝްކުރަމުން ގެންދާށެވެ! އެއިރުން އީމާންކަން ތާޒާވެ އަޅުކަންކުރަން ހިތް ޖެހެމުންދާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން