ކޮންމެ ދުވަހަކުވެސް މިކަންކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކޮންމެ ދުވަހަކުވެސް މިކަންކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެ!

ހިތާމަތަކާ ހިތްދަތިކަމުން، ބަލިކަށިކަމުންނާ ކަންނެތްކަމުން، ހަރުކަށިކަމުންނާ ނުބައި ބަސްތައް ބުނެވުމުން އަދި މަގުފުރެދުމުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! މިއިން ކޮންމެ ކަމަކީވެސް އެކަމެއްގެ ސަބަބުން ތިބާގެ އާޚިރަތް ގެއްލިދާނެ ކަންކަމެވެ. 

ސަބަބަބުތަކަށް ބަލައިލަމާ ހިނގާށެވެ!

ހިތާމަތަކާ ހިތްދަތިކަމުގެ ސަބަބުން އާޚިރަތް ގެއްލި ނަރަކައަށް ވަންނަންޖެހެނީ އެހާލަތުގައި މީހާއަށް ﷲ ގެ މަގު ދޫކޮށްލެވި ފާފަތައް ކުރެވެން ފަށާތީއެވެ. ޝައިޠޯނާގެ ބަހަށް ހެއްލެވި ﷲ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރެވެން ފަށާތީއެވެ. 

ބަލިކަށިކަމުންނާ ކަންނެތްކަމުން އާޚިރަތް ގެއްލި ނަރަކައަށް ވަންނަންޖެހެނީ އެޙާލަތުގައި މީހުންގެ އެހީތެރިކަން ހޯދަންޖެހުމުން އެމީހުން ބުނާ ނުބައި ކަންކަން ކުރެވޭތީއެވެ. ކަންނެތްކަމުން ނަރަކައަށް ވަންނަންޖެހޭ އެންމެ ބޮޑު ސަބަބަކީ އަދާކުރަންޖެހޭ ފަރުޟުތައް އަދާނުކުރެވޭތީއެވެ. އާމްދަނީ ހޯދަން ކުރަންޖެހޭ މަސައްކަތް ނުކުރެވި ފައިސާއަށް ދަތިވުމުން ޙުއްދަ ނޫން ގޮތްގޮތުން ފައިސާ ހޯދޭތީއެވެ.

ނުބައި ބަސްތައް ބުނެވުމުން އާޚިރަތް ގެއްލި ނަރަކައަށް ވަންނަންޖެހެނީ އެފަދަ ބަސްތައް ބުނުމުން ފާފަވެރިވާތީއެވެ. އެހެންމީހުންގެ ހިތުގައި ޖެއްސޭތީ އާއި މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވޭތީއެވެ. 

މަގުފުރެދުމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަން ޖެހެނީ މަގުފުރެދިއްޖެނަމަ ކުރެވޭނީ ނުބައި ޢަމަލުތައްކަމުގައިވާތީއެވެ. ދެވޭނީ ﷲ ތަޢާލާއި ދުރުވެލިވަމުން ކަމަށްވާތީއެވެ. 

އެކަންކަމުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! ކޮންމެ ދުވަހަކުވެސް ދުޢާކުރާށެވެ. މިއިން ކޮންމެ ކަމަކީވެސް އެކަމެއްގެ ސަބަބުން ތިބާގެ އާޚިރަތް ގެއްލިދާނެ ކަންކަމެވެ. ދުނިޔޭގައި ހުރެވޭ ދުވަހަކު އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭނީ އާޚިރަތް ހޯދުމަށެވެ.

 

- އިސްލާމީ ތިފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން