މިއަދު އަވަހަށް ގޮތް ނިންމާ! މައިންބަފައިންގެ ބުރަ މަސައްކަތުން ކަރުގަ ރަންމެޑެލްތައް އެޅުވި ލޯބިވާ ދަރިފުޅު ނަރަކައަށް ވައްދާތަން ބަލަން ކުޅަދާނަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
މިއަދު އަވަހަށް ގޮތް ނިންމާ! މައިންބަފައިންގެ ބުރަ މަސައްކަތުން ކަރުގަ ރަންމެޑެލްތައް އެޅުވި ލޯބިވާ ދަރިފުޅު ނަރަކައަށް ވައްދާތަން ބަލަން ކުޅަދާނަވާނެތަ؟

އަބަދުވެސް ބުނާ ދަރިންނަށް ހެޔޮއެދޭނަމަ ބަލަންވީ ގަޑި ނުޖައްސައި ސްކޫލަށް ގެންދިއުމަކަށް ނޫނެވެ. 5 ނަމާދުކުރުވުމަށެވެ! މިސްކިތުގެ ޖަމާޢަތުގައި 5 ނަމާދުކުރުވުމަށެވެ. ނޫންނަމަ ގޭގައި ނަމަވެސް ވަގުތު ޖެހުމުން ނަމާދުކުރުވުމަށެވެ. 8 ޖަހާއިރަށް ސްކޫލަށް ގެންދިއުމަސްވުރެ ކުރިން އޮތީ 5 ޖަހާއިރު ޖަމާޢަތުގައި ފަތިސްނަމާދުކުރުވުމެވެ. ޤިޔާމަތް ދުވަހު ފައިދާކުރާނީ ސްކޫލް ޙާޒިރީ ފުރިހަމަވީވަރަކުންނެއް ނޫނެވެ! ނަމާދު ޙާޒިރީ ފުރިހަމަވީވަރަކުންނެވެ!

އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ އެންގެވިމަގުން ދަރިން ތަރުބިއްޔަތު ނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން މައިންބަފައިންނަށް ޖެހޭނެއެވެ. ވީމާ ދަރިން ތަރުބިއްޔަތުކުރުމުގައި މިކަންކަމަށް ސަމާލުކަންދޭށެވެ!

ރަނގަޅަށް ވިސްނާށެވެ! ހިތާމައާއިއެކު ބުނަން ޖެހެނީ ދަރިންނަށް އެކިއެކިކަންކަމުން އެންމެ މޮޅު ވަނަ، މެޑެލް ހޯދައިދޭން ކުރާ މަސައްކަތާއި އެއްވަރަށް ތަޤްވާވެރިކުރުވުމަށް މަސައްކަތް ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން އެކުދިން ބޮޑުވާއިރު ދީނަށް ސަމާލުކަން ގެއްލި މަގު ގެއްލުން ފަދަ ކަންކަމަކީ އަބަދުވެސް ފެންނަމުން އަންނަ ކަންކަންކަމެވެ! މިފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ބުރަމަސައްކަތާއި ޚަރަދުން ހޯދައިދެވުނު ރަން ވަނަތަކާއި މެޑްލަތައް ވާނީ އެކުދިން ދަމާ ނަރަކައަށް ވައްދާނެ އެއްޗަކަށް ނޫންހެއްޔެވެ؟ ވީމާ މިކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! ދަރިންދެކެ ޙަޤީޤީ ލޯބިވާނަމަ މިކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ!

މިހާރަކަށް އައިސް ވަރަށް ގިނަ ބެލެނިވެރިން އެމީހުންގެ ދަރިންނަކީ އެކިއެކި ކުޅިވަރުކުޅެން މޮޅު ކުދިންނަށް ހަދަން ވަރަށް ގިނަ މަސައްކަތްކުރެއެވެ. ތަފާތު ފަންނުތަކުން މޮޅުކުދިންނަށް ހަދަން މަސައްކަތްކުރެއެވެ. ހިތާމައަކީ އެގޮތަށް ކުރެވޭ މަސައްކަތްތަކާއި ގާތަކަށްވެސް ކުއްޖާއަށް ރިވެތި އަޚްލާޤް ދަސްކޮށްދޭން މަސައްކަތް ނުކުރެވޭކަމެވެ. ކުއްޖާއަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ތަޤްވާވެރި ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތުކުރަން މަސައްކަތް ނުކުރެވޭ ކަމެވެ! އެންމެކުޑަމިނުން ފަރުޟު ނަމާދުތަކަށް ރައްކާތެރިވުމަށްވެސް ތަރުބިއްޔަތު ނުކުރެވޭތީއެވެ.

ދަރިފުޅު ކިޔަވާ ސްކޫލް، ކޮލެޖް، ޔުނިވަރސިޓީން ކީއްކުރަން ހެއްޔެވެ؟ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން އެންމެ މޮޅުވެ ކިތަންމެ ގިނަ ރަން މެޑެލް ލިބުނިއްޔާ އާޚިރަތް ދުވަހު ކުއްޖާއަށް ކުރާނެ ފައިދާޢަކީ ކޮބައިހެއްޔެވެ؟ ކިތަންމެ ގިނަ ކުޅިވަރުތަކުން ނަމަވެސް ދުނިޔެއިން ހޯދާ ރަންމެޑްލަތަކަށާއި ރަން ވަނަތަކަށް ޤިޔާމތް ދުވަހުން ޒައްރެއްގެ މިންވަރުގެ ވެސް ސަވާބު ދެއްވަވާނެކަން އަހަރެންނަށް އެނގިފައެއް ނެތެވެ.

ލޮބުވެތި މައިންބަފައިންނޭވެ! ބެލެނިވެރިންނޭވެ! ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ތަޤްވާވެރިކަމަށްދޭށެވެ! ފުރަތަމަ ކަމަކަށް ދަރިފުޅަކީ ﷲ ތަޢާލާއަށް ބިރުވެތިވާ އީމާންތެރި ކުއްޖަކަށް ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިގެ ފަހަތުން ކުޅިވަރާއި އިތުރު ޙަރަކާތްތައް ގެންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން