"ބާރުހުރި ނުވަތަ ބާރުގަދަ މީހާގެ ލޮބުވެތިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ބާރުދެރަ މީހާއަށްވުރެ ބޮޑު" ކަމަށް އޮންނަ ޙަދީޘްފުޅު އެމީހުން މާނައެކުރަނީ ރަނގަޅަކަށް ނޫނެވެ. އެހެނީ މި ޙަދީޘްފުޅުގައި "ބާރުގަދަ" އައިސްފައި އެވަނީ އެއްވެސް ޙާލެއްގައި ހަށިގަނޑުގެ ނުވަތަ ގައިބާރަށް ކަމަށް ބަލައިގެން ނުވާނެއެވެ. އެމީހާގެ އީމާންތެރިކަމާއި ތަޤްވާވެރިކަން ހިމަނަން ޖެހޭނެއެވެ.
އެކަމުގެ ދަލީލަކީ ރަސޫލް (ﷺ)ގެ މި ޙަދީޘްފުޅެވެ. "ބާރުގަދަ މީހާއަކީ ހަށިގަނޑުގެ ބާރުގަދަ މީހާއެއް ނޫނެވެ. ބާރުގަދަ މީހާއަކީ ރުޅި އަންނަ ހިނދު ކޮންޓްރޯލްކޮށް ރުޅީގެމައްޗަށް ބާރުހިންގައި ނަފްސް ކޮންޓްރޯލް ކުރެވޭ މީހާ" ކަމަށް އޮތް ޙަދީޘްފުޅެވެ.
ދައްކަން ބޭނުން ނުވި ނަމަވެސް މިއަދު މިވާހަކަދައްކަން މިވަނީ މަޖުބޫރުވެފައެވެ. ދުވާލު ދެއިރު ޕާކުތަކުން މިފެންނަ މަންޒަރުގެ ސަބަބުންނެވެ. ބައިބައަށް އެތައް ސަތޭކަބައަކު ކަސްރަތުކުރަމުން ގެންދާތީއެވެ. ޖިމްތައް ފުރި އެޕޮއިންޓްމަންޓްހަދަންޖެހޭތީއެވެ.
އެއްވެސް މީހަކު މިވެނި އަޅުކަމެއް ނުކުރާކަމަށް ބުނުމެއް ނެތެވެ. ނަމަވެސް އެނގޭކަމަކީ ޕާކުތަކާއި މަގުތަކުން ކަސްރަތުކުރަނިކޮށް މިފެންނަ އަދަދަށް މީހުން މިސްކިތުގެ ޖަމާޢަތުން ފެންނަނަމަ މިސްކިތްތައް ފުރޭނެ ކަމެވެ. ކޮންމެއަކަސް އެމީހުންނަށް ވިސްނިގެން އުޅޭ ގޮތުގައި މައްސަލައެއް އެބައުޅެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަސްރަތުކުރާށެވެ! ޖިމްތަކަށްދާށެވެ! ދުޅަހެޔޮ ޞިއްހަތު ލިބިގަންނަން މަސައްކަތްކުރާށެވެ! ނަމަވެސް އެކަމަށް މަސައްކަތްކުރަންވާނީ ތަޤްވާވެރިކަން އިތުރުކުރަން ކުރާ މަސައްކަތުގެ ފަހަތުންނެވެ. ކުރިއަށް ނެރެގެނެއް ނޫނެވެ.
ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކޮށް ކުރާ ކަސްރަތުން ކުރާނެ ފައިދާއެއް ނެތެވެ! ވީމާ ކަސްރަތުކުރިނަމަވެސް ބޮޑީބިލްޑްކުރި ނަމަވެސް އެކަންކަން ކުރުމުގެ ކުރިން ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްްުތައް އަދާކުރާ މީހަކަށްވާށެވެ! އަބަދުވެސް ބުނާފަދައިން ބަލިތަކުން ސަލާމަތްކޮށްދޭނީ ދުޅަހެޔޮ ޞިއްހަތެއް ނޫނެވެ! އެކަންކޮށްދެއްވެވުންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ!
އިސްލާމީ ތިލަފަތުގެ ދަރުސަކުން