ތަކްލީފްތައް ގިނަވެ މުޞީބާތްތައް ޖެހޭތީ އެއީ ﷲ ގެ ޢަޛާބްކަމަށް ހީވާނަމަ މިމަގުން ޢަމަލުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތަކްލީފްތައް ގިނަވެ މުޞީބާތްތައް ޖެހޭތީ އެއީ ﷲ ގެ ޢަޛާބްކަމަށް ހީވާނަމަ މިމަގުން ޢަމަލުކުރާށެވެ!: މުފްތީ މެންކް

ތިބާއަށް ކުރިމަތިވާ ކޮންމެ ތަކްލީފަކީ ނުވަތަ މުޞީބާތަކީ ﷲ ތަޢާލާގެ ޢަޛާބް ކަމަށް ހީނުކުރާށެވެ! އެއީ ރަޙްމަތަކަށްވެސްވެދާނެއެވެ. އަދި އެކަކަށް ޢަޛާބަކަށްވާ ކަންކަން އެއީ އެހެން މީހަކަށް ރަޙްމަތަކަށްވެސް ވެދާނެއެވެ. 

ޔަޤީންކަމަކީ ކޮންމެ ދުވަހަކުވެސް ތައުބާވުންމަތީގައި ދެމިހުންނަ މީހަކަށް ﷲ ތަޢާލާ ޢަޛާބެއް ނުފޮނުއްވަވާނެކަމެވެ. އެހެނަސް ވިސްނައިލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިސާލަކަށް ތިބާ ކޮންމެ ދުވަހަކުވެސް އިސްތިޣްފާރުކުރެއެވެ. ފާފަފުއްސެވުމަށް އެދި ދަންނަވައެވެ. އެހެންކަމާއިއެކުވެސް ތިބާއަށް ކަންކަން ކުރިމަތިވަނީއެވެ. 

އެހެންކަމަށްވާނަމަ އެކުގައި އުޅެވެނީ ކޮންބައަކާއިއެކުކަމާއިމެދު ވިސްނައިލާށެވެ. ޙަރާމްކަންކަން ކުރާ މީހުންނާއިއެކުގައި އުޅެވުމަކީ އެމީހަކަށް ﷲ ތަޢާލާގެ ކޯފާއާއި ޢަޛާބު ލިބޭ ކަމެކެވެ. ވީމާ އަވަހަށް އެފަދަ މީހުންނާއި ދުރެހެލިވެ ހެޔޮލަފާ މީހުންނާއިއެކުގައި އުޅެންފަށާށެވެ. ބަދަލު ފެންނާނެއެވެ. އިން ޝާ ﷲ 

މިހާރަކަށް އައިސް އެހެން މީހުން ކުރާ ފާފަތަކުގެ ވާހަކަ ދައްކައި ކަންބޮޑުވުން ފައުޅުކުރާ މީހުން އެބަގިނަވެއެވެ. އެހެން މީހުން އުޅެނީ ނުބައި އެކުވެރިންނާއިއެކުގައި ކަމަށްވެސް އެބަ ބުނެއެވެ. މައްސަލައަކީ އެހެންބުނާ މީހާ ފާފަކުރާކަމެވެ. ނުބައި އެކުވެރިންނާއިއެކުގައި އުޅޭކަމެވެ. އެފަދަ މީހަކަށް އެހެން މީހުންނާއި ދިމާއަށް އިނގިލި ދިއްކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ 

ވީމާ ތިމާއަށް ﷲ ތަޢާލާގެ ޢަޛާބް ލިބެމުން އަންނަކަމަށް ޤަބޫލުކުރެވޭނަމަ މިބުނި ކަންކަމަސް ވިސްނައިލާށެވެ! އިޞްލާޙްކުރަންޖެހޭ ކަންކަން އަވަހަށް އިޞްލާޙްކޮށްލާށެވެ. ތައުބާވެ ހެޔޮމަގަށް ރުޖޫޢަވާން މަސައްކަތްކުރާ މީހުންނަށް ﷲ ތަޢާލާ އަބަދުވެސް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން