ގޮތްހުސްވެ 4 އުދަރެސް ފެނުޖެހުނީހެއްޔެވެ؟ ހަމައެކަނި މިޙާދިސާއަށް ވިސްނައިލި ނަމަވެސް ކަންބޮޑުވުން ފިލައިގެންދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ގޮތްހުސްވެ 4 އުދަރެސް ފެނުޖެހުނީހެއްޔެވެ؟ ހަމައެކަނި މިޙާދިސާއަށް ވިސްނައިލި ނަމަވެސް ކަންބޮޑުވުން ފިލައިގެންދާނެއެވެ!

ކަންކަމުގައި ގޮތް ހުސްވަނީ އިންސާނުންނަށެވެ. ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނަށެވެ. ﷲ ތަޢާލާއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ ތަޢާލާ ކަމަކަށް އިރާދަކުރައްވަވައިފިނަމަ އާދަފޫއަޅުވާލަނިވި ގޮތްގޮތުން މަގުދައްކަވަތެވެ! 

މިސާލަކަށް ފިރުއަޢުނުގެ ބިޔަ ލަޝްކަރު މޫސާގެފާނާއި އެކަލޭގެފާނުގެ އަރިއަހުގައިވާ މަދުމީސްކޮޅު ވަސައިލި ވަޤުތު ކަންތައްތައް މިންވަރުކުރެއްވެވި ގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ. 

މޫސާގެފާނު ހުންނެވީ ގޮތްހުސްވެފައެވެ. އިންތިހާއަށް ކަންބޮޑުވެވަޑައިގެންފައެވެ. ކުރިފުޅުމަތީގައި އޮތީ ބިޔަކަނޑެވެ. އެބިޔަކަނޑު (ރެޑްސީ) ދެފަޅިވެ ހިންގަވާފައި ކުރިއަށް ވަޑައިގެންނެވޭނެކަން މޫސާގެފާނަށް އެނގިވަޑައެއް ނުގަންނަވައެވެ. ނަމަވެސް ﷲ ޙިމާޔަތާއި ރައްކާތެރިކަން ދެއްވަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތެވެ. ނަތީޖާއަކަށްވީ ކަނޑުން ކުރިއަށް ވަޑައިގަންނަވާނެ މަގެއް ދެއްކެވުމެވެ. އެމަގުން ކުރިއަށްވަޑައިގަތީއެވެ. މުޅި ލަޝްކަރު ސަލާމަތްވީއެވެ. ﷲ ތަޢާލާ ސަލާމަތްކޮށްދެއްވެވީއެވެ. 

ވީމާ ކުރިމަތިވާ ކޮންމެ ކަންބޮޑުވުމެއްގައި ﷲ އަށް އިތުބާރުކުރާށެވެ! މަގުދައްކަވާނެތެވެ! އިން ޝާ ﷲ. ނަމަވެސް ޝަރުޠަކާއިއެކުގައެވެ. ﷲ ތަޢާލާއަށް ތިބާ އަދާކުރަންޖެހޭ ބައި އަދާކުރުމުންނެވެ. ދެއަތް އުރާލައިގެން ހުއްޓައެއް ނޫނެވެ. ﷲ ތަޢާލާއަށް އުރެދި ފާފަކުރަމުން އެކަލާނގެ ރަޙްމަތަށް އުންމީދުކުރަންވެދާނެ ހެއްޔެވެ؟ 

ސުވާލަކީ ކަންބޮޑުވަނީ ކީއްވެގެންހެއްޔެވެ؟ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އަދި، ކިއެއްތަ! ތިއަބައިމީހުންނަށް ނަޞްރު  ދެއްވަވާ އެހީތެރިއަކީ ﷲ އެވެ. އަދި، ނަޞްރު ދެއްވަވާ އެންމެ ހެޔޮފަރާތަކީ އެކަލާނގެއެވެ." (އާލްޢިމްރާން: 150) 

މިއާޔަތް ހަމައެކަނި ކިޔާލަންވީއެއް ނޫނެވެ. އާޔަތުގައިވާ ބަސްފުޅު ޤަބޫލުކޮށް ޢަމަލުކުރާށެވެ! އެކަމެއް ޙާޞިލު ނުކުރެވޭނެކަމަށް ތިބާއަށް ޔަޤީންކުރެވިފައިވާ ކަންކަން ފުރިހަމަވެގެންދާތަން ފެންނާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން