އަޑުއެހުމުގެ ކުޅަދާނަކަން ދެއްވެވީމާ މިއަދު ބީރުންކަމަށް ހެދިގެން ތިބި މީހުންގެ އަޑު އެދުވަހުން ﷲ އައްސަވާވޮޑިގަންނަވާނެކަމަށް ހީކުރަނީ ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އަޑުއެހުމުގެ ކުޅަދާނަކަން ދެއްވެވީމާ މިއަދު ބީރުންކަމަށް ހެދިގެން ތިބި މީހުންގެ އަޑު އެދުވަހުން ﷲ އައްސަވާވޮޑިގަންނަވާނެކަމަށް ހީކުރަނީ ހެއްޔެވެ؟: މުފްތީ މެންކް

މިދައްކާ ވާހަކަ ކަނުލައި އަޑުއަހާށެވެ!

ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވޭ މުސްލިމުންގެ އަދަދު އެންމެ އިންސައްތައަކަށްވުރެ މަދެވެ. އެވަގުތު އަންނަނީ ނުވަތަ ފަތިސް ނަމާދަށް ގޮވާލެވެނީ ނިދާފައި އޮއްވައި ކަމަށް ބުނެ މިދުނިޔޭގައި ބަހަނާ ދެއްކިދާނެއެވެ.

ނަމަވެސް މެންދުރު ނަމާދަށް ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟ މެންދުރު ނަމާދަށް ބަންގި ގޮވަނީ އިރު މެދު ޖެހުމުންނެވެ. އެއިރުވެސް ނިދާފައި ތިބޭ ބައަކު އުޅޭނެއެވެ! ނަމަވެސް އެހައި ގިނަވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމާއިއެކުވެސް މެންދުރު ނަމާދުގެ ބަންގީގެ އަޑު ވެސް މިއިވެނީ 3 އިންސައްތައަށް ވުރެވެސް މާ މަދު ބއަކަށެވެ. 97 އިންސައްތަ މީހުންނަށް އަޑުއިވޭކަމަކަށް ނުވެއެވެ.

މިހެން ބުނުމުން ނޫން ތިހެނެއް ނުވާނެ ކަމަށް ބުނެވިދާނެއެވެ. މިސްކިތަތްކުގައި ހުންނަ ތާޅަފިލިތަކުން ދުރަށް އަޑުފަތުރާތީ މާ ގިނަ މީހުންނަށް އަޑު އިވޭނެ ކަމަށް ބުނެފާނެއެވެ. އެކަމަށްވެސް ދެކޮޅު ހަދާކަށް ނެތީމެވެ. އަހަރެންގެ ޖަވާބު ވަރަށް ސާފެވެ.

މީހަކު ކުރަންޖެހޭ ކަމެއް ކުރުމަށް ބުނާ އަޑު އިވުނު ކަމަށްވާނީ އެމީހަކު އެކަމެއް ކުރުމުންނެވެ. އެހެންކަމުން ބަންގީގެ އަޑު އިވުނު ކަމަށް އަހަރެން ޤަބޫލުކުރާނީ ބަންގީގެ އަޑު ކަންފަތަށް އިވުމުން ނުވަތަ ބަންގި ގޮވުމުގެ ކުރިއަށް މިސްކިތަށް ގޮސް ޖަމާޢަތުގައި ބައިވެރިވެ ނަމާދުކުރުމުންނެވެ. ބަންގި ގޮވާ ވަގުތުވެސް މިސްކިތު ފާރުކައިރިން ހިނގާ މީހުންނަށާއި ވެހިކަލް ދުއްވާ މީހުންނަށް ބަންގީގެ އަޑު އިވޭ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. އަހަރެން ޤަބޫލުކުރަން ބޭނުންވަނީ ބަންގީގެ އަޑު އިވުނު ނަމަ އެމީހުން ނަމާދަށް އަރާނެ ކަމަށެވެ. ނަމާދަށް ނާރަނީ ބަންގީގެ އަޑު ނުއިވުމުން ކަމަށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ނަމާދަކީ ﷲ ތަޢާލާ އަހަރެމެންނަށް ދެއްވަވާފައިވާ ވަރަށް ބޮޑު ހަދިޔާއެކެވެ. ވަރަށް މަތިވެރި ނިޢްމަތެކެވެ. ހަޤީޤަތަކީ ނަމާދާއިމެދު މުސްލިމުންނަށް އެނގޭ ކަންތައްތައް ކާފަރުންނަށް އެނގޭނަމަ ނަމާދުކުރުމުގައި އެމީހުން އަހަރެމެންނާއި ވާދަކުރާނެ ކަމެވެ.

ﷲ ތަޢާލާ އިންސާނާ އުފައްދަވައި ދެ ކަންފަތް ދެއްވަވައި އަޑު އެހުމުގެ ކުޅަދާނަކަން ދެއްވެވުމުން ﷲ ތަޢާލާއަށްޓަކައި ގޮވައިލެވޭ އަޑުތައް ނުއަހައި ބީރުކަންފަތް ދައްކައިގެން އުޅޭ ގިނަ ބައަކު އެބައުޅެއެވެ. އެކަމަކު އެމީހުންގެ އަޑު ﷲ އައްސަވައިވޮޑިގަންނަވާނެ ކަމަށް އެމީހުން އުންމީދުކުރެއެވެ. މިއީ ކިހިނަކުން ކޮން ތިލަފަތަކުން ކިރޭނެ އިންޞާފެއް ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން