ﷲ ތަޢާލާ އެންގެވި ގޮތުގަ އުޅެނިކޮށް ކެންސަރުޖެހުނަސް، ޖެހިފަ ގަދަނުވިޔަސް އެއީ ލެއްވެވި ބޮޑު ރަޙްމަތެކެވެ!: މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ﷲ ތަޢާލާ އެންގެވި ގޮތުގަ އުޅެނިކޮށް ކެންސަރުޖެހުނަސް، ޖެހިފަ ގަދަނުވިޔަސް އެއީ ލެއްވެވި ބޮޑު ރަޙްމަތެކެވެ!: މުޙައްމަދު ހޮބްލޮސް

އެއްވެސް މީހަކި ބަލިވާން އެދޭނެ މީހެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކީވެސް ބަލިވާނެ މީހެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އަށްވެސް އާލާސްކަންފުޅު ޖެހިވަޑައިގަތެވެ. އެކަން އަހަރެމެން މިތިބީ ޤަބޫލުކޮށްގެންނެވެ.

ބަލިވުމުން މީހުންގެ މަތިން ހަނދާން ނައްތައިލުމަކީ އިންސާނުން ކުރާ ކަމެކެވެ. އެއީ ކޮށްގެން ނުވާނެ ކަމެއް ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ ބައަކު އެކަން ކުރެއެވެ. ބަލިވުމުން ރައްޓެހިންނާއި ޢާއިލާގެ މީހުން މަތިން ހަނދާން ނައްތައިލައެވެ. ފުރަތަމަކޮޅު ދެ ތިން ފަހަރަކު ޒިޔާރަތްކޮށްލުމަށްފަހު ފަހުންކޮށްލާނީ ފޯނު ކޯލެކެވެ. ނޫންނަމަ ފޮނުވާނީ ބަލިން އަވަހަށް ގަދަވުމަށް ކުރާ އަމުރެކެވެ. "ގެޓްވެލް ސޫން"

ކެންސަރު ފަދަ ބޮޑު ބައްޔެއްގައި އުޅެން ޖެހިއްޖެ ނަމަ ބައެއް މީހުންނަށް ހީވަނީ އޭނާއަށް ކުރިމަތި ކުރެއްވެވި މުޞީބާތެއް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނިންމައިގެން ނުވާނެއެވެ.

ﷲ ތަޢާލާ ކަންތައްތައް ކުރައްވަވާނީ އެގޮތަކަށް ނޫނެވެ. އެމީހަކީ ޞިއްހަތު ސަލާމަތުން ހުރި ދުވަސްތަކުގައި ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުނު މީހަކު ނަމަ އެމީހަކަށް މުޞީބާތެއް ޖެހޭ ހިނދު އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅު ކުރައްވަވާނެތެވެ. އަދި އެ މުޞީބާތް ކުރިމަތިކުރައްވަވަނީވެސް އިމްތިޙާނަކަށެވެ. އެމީހަކަށް ރަނގަޅަކަށެވެ. އެކަމުގައި ފޮރުވިގެންވާ ކަންކަން އަހަރެމެންނަށް ނުއެނގެނީއެވެ.

މިސާލަކަށް ކެންސަރު ބައްޔަކީ ވޭން ހުރި ބައްޔެކެވެ. އެވޭންތަކާއިއެކު ތިބާއަށް ކުރެވިފައިވާ ފާފަތަކުން ބައެއް ފޮހެވިގެން ދިއުމަށް އުންމީދުކުރެވެން އެބަ އޮތެވެ. ނަމަވެސް އެ ފަދައިން އުންމީދުކުރެވޭނެ ގޮތަށް ތިބާއަށް އަމަލުތައް ކުރެވިފައިވާނަމައެވެ.

ކިތަންމެ ބޮޑު ބައްޔެއްވި ނަމަވެސް މާޔޫސް ނުވާށެވެ! ފަރުވާ ކުރަން މަސައްކަތް ކުރަންވާނެއެވެ. އެއީ އަހަރެމެންނަށް ކުރަން ޖެހޭ ކަމެކެވެ. ޝިފާ ނުލިބުމަކީ މާޔޫސްވެ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. އޮތީ އެކަމަށް ވަކީލުކުރުމެވެ.

ނަމަވެސް އިންސާނުންނަށް އޭނާ އެދޭ ހިތްވަރާއި ބާރު ލިބޭނީ ގަދަވެ ސަލާމަތުން ހުރިއިރު އެބާރު ހޯދަން މަސައްކަތް ކުރެވިފައިވާނަމައެވެ. މައްސަލަ މިއުފެދެނީ އެ ހިސާބުންނެވެ. ބަލިވިއިރު އަމަލުކުރެވެމުން އައި ގޮތުންނެވެ. ވީމާ އޮތީ މިކަންކަމަށް ވިސްނައި ގަދަވެ ސަލާމަތުން ހުރެވޭ ދުވަސްތަކުގައި ވީހައި ގިނައިން ހެޔޮ އަމަލުތައް ކުރުމެވެ. އެގޮތަށް ކަންތައްތައް ކުރެވިފައިވާނަމަ ބަލިވުމުން މާޔޫސްވާކަށް ނުޖެހޭނެއެވެ. އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އޮހެމުންދާނެއެވެ.

-- ޝައިޚް މުޙައްމަދު ހޮބްލޮސް

މިއަދު އޮންލައިން