ބޭނުންވިކަންކަން ފުދުނީމަ ޝައިޠޯނާގެ ބައަށް ވަންނަ މީހަކަށްވެގެން ﷲ ގެ ރަޙްމަތް ލިބޭނީ ކިހިނަކުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބޭނުންވިކަންކަން ފުދުނީމަ ޝައިޠޯނާގެ ބައަށް ވަންނަ މީހަކަށްވެގެން ﷲ ގެ ރަޙްމަތް ލިބޭނީ ކިހިނަކުން ހެއްޔެވެ؟

މާލީ ދަތިކަމެއްގައި އުޅެންޖެހުމުން މީހުންގެ އެހީތެރިކަން ހޯދަމުއެވެ. ދަތިކަން ފިލައި ދިއުމުން އެހީތެރިވެދިން މީހުންގެ މަތިން ހަނދާނެއް ނުކުރަމުއެވެ. ބަލިމަޑުކަމެއްގައި އުޅޭއިރުވެސް އެކި ގޮތްގޮތުން މީހުންގެ އެހީތެރިކަން ހޯދަމުއެވެ. ގަދަވެ އެކަނި އުޅެލެވޭވަރުވުމުން އެހީތެރިވެދިން މީހުންގެ މަތިން ހަނދާނެއް ނުކުރަމުއެވެ. 

ވަކި މިދެކަންތަކަށް އެކަންޏެއް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކާއި ގުޅިގެންވެސް ޢަމަލު މިކުރެވެނީ ހަމަ މިފަދަ ގޮތަކަށެވެ. އެކަމަކުން އަރައިގަންނަން މީހުންގެ އެހީތެރިކަން ހޯދަމުއެވެ. އަރައިގަނެވުމުން އެހީތެރިވެދިން މީހުންގެ މަތިން ހަނދާނެއް ނުކުރަމުއެވެ. 

ﷲ ތަޢާލާ އާއިމެދުގައިވެސް ގިނަބައަކަށް ޢަމަލުކުރެވެނީ ހަމަ މިފަދަ ގޮތަކަށެވެ. އެންމެ ޚާއްޞަ ކަމަކީ އޭނާ އެދޭކަންކަން ހިންމަވައި ދެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކޮށްލާނެކަން ދެނެވޮޑިގެންވާ ޙާލުގައިވެސް މީސްމީހުން އެދެމުން (އެދި ދުޢާކުރުމުން) އެމީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވާ ކަމެވެ. 

އެމީހާއަށް ކުރިމަތި ދަތިތަކުން އަރައިގަނެވުމުން ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ބަދަލުގައި އެނބުރި ގަނެވެނީ ޝައިޠޯނާގެ މަގަށެވެ. އެންމެ ކުޑަމިނުން ﷲ ތަޢާލާއަށ އަދާކުރަންޖެހޭ ވާޖިބުތައް ވެސް އަދާނުކޮށް ކުރެވެނީ ފާފަތަކެވެ. އެހެންކަމުން މިއީ ދިންނެވުން އެދޭމީހާ ވިސްނާލަންޖެހޭނެ ކަމަކަށް ނުވަނީހެއްޔެވެ؟ 

ﷲ ތަޢާލާގެ ވަހީބަސްފުޅުގައި މިފަދައިން އޮއްވައިވެސް ތިބާއަށް ﷲ ތަޢާލާ ނިޢްމަތް ދެއްވެވުމުން ޝައިޠޯނާ ބުނާ ކަންކަން ކުރަން ހެޔޮވެދާނެ ހެއްޔެވެ؟ 

"އަދި ތިއަބައިމީހުންގެ ކިބައިގައިވާހާ ނިޢްމަތެއް ވަނީ، ﷲގެ ޙަޟްރަތުންނެވެ. ދެން ތިއަބައިމީހުންނަށް ދަތި ޙާލު ޖެހިއްޖެނަމަ، ފަހެ، ތިއަބައިމީހުން ދުޢާކޮށް ދަންނަވަނީ، ހަމަ އެކަލާނގެ ޙަޟްރަތަށެވެ." (އަލްނަހްލް: 53) 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް ވިސްނައިލާށެވެ. ދުނިޔޭގައި އަހަރެމެންނަށް މިތިބެވެނީ ﷲ ގެ ހެޔޮ ރަޙްމަތްފުޅުންނެވެ. ދެއްވަވާފައިވާ ކިތަންމެ ކުޑަކުޑަ ނިޢްމަތެއް އަނބުރައި ގެންދެވިނަމަވެސް އުޅެންޖެހޭނެ ޙާލު ހިތަށް ގެންނާށެވެ. ﷲ ތަޢާލާ ގެ ރަޙްމަތް ލިބުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާށެވެ! އަބަދުވެސް ރަޙްމަތް އިތުރުކުރައްވަވައި ދެއްވަވާނެ އަޅަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން