ފާފަކުރާނަމަ ރިޒްޤް ދަތިކުރައްވަވާނެކަމަށް ބުނީމާ ތިބާއަތުގަ ކާބޯތަކެތި ހުރީތީ ފަރުވާކުޑަކޮށްނުލާށެވެ! މާނަވަނީ މާބޮޑަށް ފުޅައުވެގެންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފާފަކުރާނަމަ ރިޒްޤް ދަތިކުރައްވަވާނެކަމަށް ބުނީމާ ތިބާއަތުގަ ކާބޯތަކެތި ހުރީތީ ފަރުވާކުޑަކޮށްނުލާށެވެ! މާނަވަނީ މާބޮޑަށް ފުޅައުވެގެންނެވެ!

ދަރުސެއް ދެމުން ނުވަތަ މީހެއްގެ ގާތުގައި ނަމަވެސް ރިޒްޤުގެ ވާހަކަ ދައްކާއިރަށް ހީވަނީ އެދައްކަނީ ކާބޯތަކެތީގެ ވާހަކަކަމަށެވެ. މިސާލަކަށް "ފާފަ ނުކުރާށެވެ! އެއީ ރިޒްޤ ދަތިކުރައްވަވާ ކަމެކެވެ!" ބުނެފިނަމަ ބައެއް މީހުންގެ ހިތަށް އެބައަރައެވެ. "އަހަރެންގެ އަތުގައި ކާބޯތަކެތި އެބަހުއްޓެވެ. ނުވަތަ ތަނަވަސްކަން އެބަހުއްޓެވެ. އެހެންވީމާ ފާފަކުރިޔަސް އަހަރެންނަށް ރިޒުޤް ދަތިވެގެން އުޅޭކަށް ނުޖެހޭނެއެވެ."

އަދިވެސް ބުނެފާނަމެވެ. "ތިބާ މަރުވާނީ ތިބާއަށް ދެއްވަވަންހުރި ރިޒްޤް ލިބި ނިމިގެން" ކަމަށް ބުނުމުން އެއިގެ މާނައަކީ ހަމައެކަނި އޭނާއަށްޓަކައި ލިޔުއްވަވާފައިވާ ކާބޯތަކެތީގެ ވާހަކައެއްވެސް ނޫނެވެ. 

މިއީ ވަރަށް ގޯސް ވިސްނުމެކެވެ. ރިޒުޤްގެ މާނައަކީ ހަމައެކަނި ކާބޯތަކެއްޗެއް ނޫނެވެ. އެމީހަކަށް ބޭނުންވާނެ ހުރިހާ ނިޢްމަތްތަކެއް ނުވަތަ ކަންކަން މާނައިގައި ހިމެނިގެންވެއެވެ. ވީމާ ފާފަކުރުމުން ރިޒުޤް ދަތިކުރައްވަވާނެ ކަމަށް ބުނެވޭ ބަހުގެ މާނައަކީ ހުރިހާ ކަމަކުން އޭނާއަށް ދަތިކުރައްވަވާނެ ކަމެވެ. 

ދެން ދުނިޔޭގައި އެމީހަކަށް ލިބެން ލިޔުއްވަވާފައިވާ ރިޒުޤް މަރުވުމުގެ ކުރިން ލިބޭނެ ކަމަށް އޮންނަ ބަސްފުޅަށްވެސް ވިސްނައިލަންޖެހޭނެއެވެ. މިސާލަކަށް ދުޢާކުރީމާ ކުރިން ލިޔުއްވަވާފައިވާ ގޮތް ބަދަލުކުރައްވަވާކަން އެބައެނގެއެވެ. މިސާލަކަށް އެމީހާގެ ޢުމުރު އެބަ ދިގުކޮށްދެއްވަވައެވެ. އެއިގެ މާނައަކީ ލިޔުއްވަވާފައިވާ ޢުމުރަށްވުރެ ދިގުކުރައްވަވައި ދެއްވަވާކަމެވެ. 

އެހެނަކަމަށްވާއިރު ތިބާއަށް ދެއްވަވަން ލިޔުއްވަވާފައިވާ އެއްޗެއް ނުވަތަ ކަމެއް ތިބާކުރާ ފާފަތަކުގެ ސަބަބުން އުނިނުކުރައްވަވާނެ ކަމަށް ޤަބޫލުނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފާފަކުރުމުން ރިޒުޤް ދަތިކުރައްވަވާނެ ކަމަށް އޮތް ބަސްފުޅުގެ މާނައަކީ އެމީހާއަށް ބޭނުންވާނެ، އެދޭ ހުރިހާ ކަމެއްވެސް ހިމެނޭ ގޮތުން ނިޢްމަތްތައް އުނިކުރައްވަވާނެ ވާހަކައެވެ. ވީމާ ބިރުވެތިވާށެވެ. ފާފަކުރުމަކީ މީހާގެ މުޅި ދިރިއުޅުން ބަނގުރޫޓުވެގެން ހިނގައިދާނެ ކަމެކެވެ.

 

- ޝައިޚް ހަމްޒާގެ ދަރުސަކުން

މިއަދު އޮންލައިން