ދަރިން ގޯސްވާތީ ކަންބޮޑުވާއިރު މައިންބަފައިން އަދާކުރަންޖެހޭ ފުރަތަމަ ވާޖިބު ކޮންމެ ދުވަހަކު އަދާކުރަނީ ކިތައް މައިންބަފައިން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދަރިން ގޯސްވާތީ ކަންބޮޑުވާއިރު މައިންބަފައިން އަދާކުރަންޖެހޭ ފުރަތަމަ ވާޖިބު ކޮންމެ ދުވަހަކު އަދާކުރަނީ ކިތައް މައިންބަފައިން ހެއްޔެވެ؟

ދަރިންނަށްޓަކައި މައިންބަފައިން އަދާކުރަންޖެހޭ ފުރަތަމަ ވާޖިބަކީވެސް އެކުދިންނަށްޓަކައި ހެޔޮދުޢާކުރުމެވެ. ހެޔޮލަފާ ޞާލިޙް ދަރީންގެ ދުޢާ، އެއީ ދަރިންނަށްޓަކައި މައިންބަފައިންނަށް ދެވޭނެ އެންމެ އަގުބޮޑު އެއް ހަދިޔާއެވެ. އަދި އެއީ އެންމެ ފަޤީރު މީހާއަށްވެސް އަތުން އެއްވެސް ޚަރަދެއް ކުރުމަކާއި ނުލައި ދެވެން އޮތް ހަދިޔާއެކެވެ.

ސުވާލަކީ ދުވަސް ނިމިގެންދާއިރު ދަރިންނަށްޓަކައި ހެޔޮ ދުޢާކުރަނީ ކިތައް މައިންބަފައިން ހެއްޔެވެ؟ ޢަދަދު ބުނާކަށް ނުއެނގެއެވެ. ނަމަވެސް މައިންބަފައިންނާއި ވާހަކަދައްކާލުމުން އެނގޭ ކަމެއް އެބައޮވެއެވެ. އެއީ ދަރިންނަށްޓަކައި ކޮންމެ ދުވަހަކު ދުޢާނުކުރާކަމެވެ.

ދަރިންގެ ކަންކަން ގޯސްވެގެން އައިސް ވާހަކަދައްކާ މައިންބަފައިންނާއި "އެމީހުންގެ ދަރިންނަށްޓަކައި ކޮންމެ ދުވަހަކު ހެޔޮދުޢާކުރަމުތޯ؟" ސުވާލުކުރުމުން ގިނަބައަކު ބުނަނީ ނުކުރާ ކަމަށެވެ. އެހެން ހަދައިގެން ކަންކަން ރަނގަޅެއް ނުވާނެއެވެ. އަހަރެން ބުނާނީ ކޮންމެ ދުވަހަކު ކުރުމަކުން ނުފުދޭކަމަށެވެ. ކޮންމެ ނަމާދެއްގެ ފަހުގައިވެސް ކުރަންޖެހޭނެ ކަމަށެވެ. ބަންގި ގޮވުމާއި ޤަމަތްދިނުމާއި ދެމެދުގައި އެއޮތީ ބައިވަރު ވަޤުތެވެ. ދުޢާ ޢިޖާބަ ކުރައްވާނެ ވަޤުތުކޮޅެކެވެ. ވީމާ ނަމާދު ފެށުމުގެ ކުރިން ކުރާ ދުޢާގައިވެސް ދަރިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! ދަރިންނަށް ހެޔޮ ބަދަލުތައް އަންނާނެއެވެ. އިން ޝާ ﷲ

ދަރިންނަށްޓަކައި ކުރެވިދާނެ ދުޢާއެއް:

"ޔާ ﷲ! އަޅަމެންގެ ދަރީންނަކީ އަޅަމެންދެކެ ނުހަނު ލޯބިވާ، އަޅަމެންގެ ހެޔޮބަސް އަހާ، އަޅަމެންނަށް ރަޙުމުކޮށް އޯޤާތެރިވާ ބައެއްކަމުގައި ލައްވާށި. އަދި އަޅަމެންގެ ދަރީންނަކީ އަޅަމެންނަށްޓަކައި ހެޔޮ ދުޢާކޮށްދޭ، ހެޔޮލަފާ ޞާލިޙް ދަރީންކަމުގައި ލައްވާށި. އަދި އަޅަމެންނާއި، އަޅަމެންގެ މައިންބަފައިންނާއި، އަޅަމެންގެ ދަރީންނަށް ހެޔޮ ރަޙުމަތް ލައްވައި، އެންމެހާ ނުބައި ލޯތަކުންނާއި، އެންމެހާ ނުބައި ކަންތައްތަކުން އަޅަމެން އެންމެން ރައްކާތެރިކޮށްދެއްވާށި! އާމީން"

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން