ކެރިކުޅަދާނަކަން ލިބިގެންވާ މީހާ ޙައްޖަސްދާންވީއެވެ. ވީހާގިނައިން ޢުމްރާވެސް ވާންވީއެވެ. ބޮޑެތި ޚަރަދުތައްކޮށްގެން އެކަން ކުރަނީ ކީއްކުރަން ހެއްޔެވެ؟ އެންމެ ބޭނުމަކުއެވެ. ނަރަކައިން ސަލާމަތްވުމަށެވެ.
މިޙަދީޘްފުޅަށް ޢަމަލުކުރަން އަތުން އެއްވެސް ފައިސާއެއް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. ނުނިދައި ހޭލާހުންނާކަށްވެސް ނުޖެހޭނެއެވެ. ކުރަން މިޖެހެނީ ކޮންމެ މީހަކަށްވެސް ކުރުން ވާޖިބު އަޅުކަމެވެ. އަދާކުރަންޖެހެނީ ކޮންމެ މީހަކު ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ފަރުޟެވެ. ހަމައެކަނި ކޮށްލަންޖެހޭނެ ކަމަކީ ދޭ ސަމާލުކަން އިތުރުކޮށްލުމެވެ.
"އިމާމް މީހާ އާއިއެކު ފުރަތަމަ ތަކްބީރުލިބޭގޮތަށް މީހަކު ސާޅީސް ދުވަސްވަންދެން ނަމާދުކޮށްފި މީހާއަށް 2 ބަރީޢަވުމެއް ލިޔެވެއެވެ. ނަރަކައިން ބަރީޢަވުމާއި ނިފާޤްކަމުން ބަރީޢަވުމެވެ." (ތިރްމިޛީ) (ޑރ. އިޔާޟް)
އަޅުގަނޑުމެން ޖަމާޢަތުގައި އެބަ ނަމާދުކުރަމުއެވެ. ލާން ޖެހެނީ ކުޑަހިތްވަރެކެވެ. އެއީ ކުޑަ ވގުތުކޮޅެއް ކުރިން މިސްކިތަށް އަރައި ޙަދީޘްފުޅުގައިވާ ފަދައިން އިމާމް މީހާ އާއިއެކު ފުރަތަމަ ތަކްބީރުލިބޭގޮތަށް ޖަމާޢަތުގައި ބައިވެރިވުމެވެ. އިތުރަށް ހީވާގިވެލަން މިޖެހެނީ ފަތިސް ނަމާދަށް ހޭލުމަށެވެ.
އެކަން 40 ދުވަސްވަންދެން ޤަވާއިދުން ކުރެވިއްޖެ ނަމަ ލިބެން އޮތް ނިޢްމަތަށްބަލާއިއރު އެއީ އެއްވެސް ކަމެއް ނޫނެއް ނޫންތޯއެވެ؟
އަހަރެމެން މުޅި އުމުރުގައި އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭ ކަމަކީ ނަރަކައިން ސަލާމަތްވުމެވެ. އަދި މުސްލިމުން މަސައްކަތް މިކުރަނީވެސް އެކަމަށެވެ. އެހެންކަމަށްވާއިއރު މި ޙަދީޘްފުޅަށް އަމަލުކުރަމާތޯއެވެ! އެއިރުން އެމީހަކަށް ލިބިގެން އެދަނީ ހާދަބޮޑު ނިޢްމަތެކެވެ.
އެހެންވީމާ އެކުވެރިންކޮޅު އެއްބަސްކިޔާފައި ގްރޫޕްހަދައިގެން ވެސް ކުރަންވީ މިފަދަ ކަންކަމެއް ނޫންތޯއެވެ؟ އެކަކު އަނެކަކަސް ހަނދާންކޮށްދީގެންވެސް އަތުގައި ހިފައި މިސްކިތަށް ގެންގޮސްގެންވެސް ކުރަންވީ މިކަން ނޫންތޯއެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން