މުފްތީމެންކުގެ ކުރިމަތީގަ އެންމެ މުހިންމު 2 ދުޢާ މުހިންމުވާ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
މުފްތީމެންކުގެ ކުރިމަތީގަ އެންމެ މުހިންމު 2 ދުޢާ މުހިންމުވާ ސަބަބު!

އަހަރެންނަށް އެންމެ ފާހަގަކުރެވޭ 2 ދުޢާ ބުނެލާނަމެވެ. އެއީ މީސްތަކުންގެ ތެރެއިން ގިނަ ބައަކު އަބަދުވެސް އަވަދިނެތި އުޅޭތަން ފެންނަނީ ކުރަން އެންމެ މުހިންމު ދުޢާއެއް ހޯދުމުގައި ކަމަށްވާތީއެވެ.

އެއީ ހަމަ ރަނކަޅުވެސް ކަމެކެވެ. ހުރިހާ ދުޢާތަކެއްވެސް ކުރަންވާނެއެވެ. އަދި މުހިންމު ދުޢާތައް ގިނައިންވެސް ކުރަންވާނެވެ!  

އަހަރެން އެންމެ ބޮޑަށް ފާހަގަކުރާ ދުޢާއަކީ ކުރެވޭލެއް ގިނަކަމުން އެ ދުޢާގެ މުހިންކުކަން ގިނަ ބައަކު ނުވެސް ވިސްނާ ދުޢާއެކެވެ. ކުރާ ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި ކުރެވޭތީ ކަމަށްވެސް ވެދާނެއެވެ. އެދުޢާއަކީ: 

ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ ﴿٦﴾  

"އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!" (އަލްފާތިޙާ: 6)  

މިދުޢާގެ މުހިންމުކަން އެހައި މަތިވެރިވަނީ ސީދާވެގެންވާ ތެދުމަގު ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމުގައިވާތީއެވެ. އަހަރެމެންނަށް އޮތީ އެކަމަށް އެދިގެން މަސައްކަތްކުރުން ކަމުގައިވާތީއެވެ. އެކަމަށް އެދި ގިނަގިނައިން ދުޢާކުރުން ކަމުގައިވާތީއެވެ.  

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. "ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، ﷲ، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ." (އަލްޤަޞަޞް: 56)  

އެންމެ މުހިންމު 2 ވަނަ ދުޢާއެއްގެ ގޮތުން އަހަރެން ފާހަގަކުރާނީ މިދުޢާއެވެ!  

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِى عَلَى دِينِكَ 

"އޭ ހިތްތައް އެފުށް މިފުށަށް ފުރޮޅުއްވަވާ ރަސްކަލާނގެއެވެ! އިނބަ ﷲ ގެ ދީންމަތީގައި މިއަޅާގެ ހިތް ޘާބިތުކޮށްދެއްވަވާނދޭވެ!"   

ކޮންމެ މުސްލިމަކީ ވެސް ތެދުމަގު ފެނިފައިވާ މީހެކެވެ. ކުރަންވީ އަމަލުތަކާއި ނުކޮށް ދުރުހެލިވާންވީ ކަންކަން އެނގޭ މީހެކެވެ. ދީނުގައި ސާބިތުވުން މިކިޔަނީ ދީނުގައި ކުރަން އަންގަވާފައިވާ ކަންކަން ކުރުމާއިއެކު ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަމުން ދުރުހެލިވެ ހުރުމަށެވެ. އެކަން ކުރެވޭނީ އެމީހާ ދީންމަތީގައި ސާބިތުވެވުނު ވަރަކުންނެވެ.  

މި 2 ދުޢާއަކީ އެންމެ މުހިންމު 2 ދުޢާކަމަށް މިބުނަނީ އެހެން ހުރިހާ ކަންކަން އަންނާނީ މި 2 ކަންތަކުގެ ފަހަތުން ކަމުގައިވާތީއެވެ. މީހަކަށް ލިބޭނެ އެންމެ މަތިވެރި ނިޢްމަތަކީ ސީދާވެގެންވާ ތެދުމަގު ލިބުމާއި އެމަގުގައި ސާބިތުވެވުމެވެ. ވީމާ މި ދެ ނިޢްމަތަށް އެދި ގިނަގިނައިން މި 2 ދުޢާކުރަމުން ގެންދާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން