ދަރިން ޒަވާޖީ ޙަޔާތަށް ފެށުމުން ދެމަފިރިންގެ އަމިއްލަ ކަންކަމަށް ފާރަލުމަކީ ކުރެވޭ ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ދަރިން ޒަވާޖީ ޙަޔާތަށް ފެށުމުން ދެމަފިރިންގެ އަމިއްލަ ކަންކަމަށް ފާރަލުމަކީ ކުރެވޭ ފާފައެއް!

 

ފާރަލުން ނަހީކުރައްވަވާފައިވީނަމަވެސް ވަރަށް ބޮޑަށް ފާރަލާން ޖެހޭ ޙާލަތެއްވެސް އެބަ އޮތެވެ. އެއީ ދަރިންގެ ކަންކަމުގައެވެ. ދަރިއަކު ނުރަނގަޅު މަގަކުން ކުރިއަށްދާކަމަށް ޝައްކު ކުރެވޭނަމަ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެކަމެއް ހިނގާކަން ކަށަވަރުކުރުމެވެ. އެކަމެއް ދަރިފުޅު ކުރާކަން ޔަޤީން ނުކޮށް ފިޔަވަޅު އެޅޭގޮތް ބައެއް ފަހަރު މެދުވެރިވެއެވެ.

 

 

 

އެފަދަ ޙާލަތްތަކުގައި މައިން ބަފައިން އިތުބާރު ނުކުރީތީ ދުނިޔޭގައި ހުންނަން ބޭނުން ނުވެގެން ދަރިން އަމިއްލައަށް މަރުވެފައިވެސް އެބަހުއްޓެވެ. ވީމާ ދަރިއަކާއިމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ބޮޑަށް ބަލަން ޖެހޭނެއެވެ. އެގޮތުން ދަރިއަކު ނުބައި މަގަކުންދާކަމަށް ޝައްކުކުރެވޭނަމަ ފުރަތަމަ ކަމަކަށްވެސް ދަރިފުޅާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ބެސްޓްފްރެންޑުންނަށްވާންވާނެއެވެ.

 

 

 

މިގޮތަށްވެސް ވިސްނާށެވެ!  މީހަކު ތިބާއަށް ދެރައެއް ދީފިނަމަ އެކަން އެނބުރި ތިބާއަށް ލިބޭނީ ފައިދާއެއްގެ ގޮތުގައެވެ. އަނިޔާ ނުވަތަ ގެއްލުން ދިން މީހާގެ ކިބައިން އެކަމަށް ހައްޤު ބަދަލު އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ ތިބާއަށް ހޯއްދަވައިދެއްވަވާނެތެވެ. ނަމަވެސް ތިބާއަށް ބަލަހައްޓަން ޖެހޭ ދަރިއަކު ތިބާ ނުބަލަހައްޓައިގެން މަގުން ކައްސައިލި ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ތިބާއަށެވެ. ވީމާ މިއީ މުޅިން ދެ ޙާލަތެކެވެ.

 

 

 

ދަރިން ބޮޑެތިވެ ތިބާގެ ކިބައިން ބެލެނިވެރިކަން ނެތިގެން ދިއުމުން ފާރަލާންޖެހޭނީ ދަރިފުޅުގެ އަޚްލާޤާއިމެދުގައެވެ. ދީނީ ކަންކަން ކުރޭތޯއެވެ. ނަމަވެސް ބައެއް ޢާއިލާތަކުގައި ދަރިން ބޮޑެތިވެ ކައިވެނިކޮށް އަމިއްލަ ދިރިއުޅުމަށް ފެށުމުން ދެމަފިރިންގެ ކަންކަމަށް އެބަފާރަލައެވެ. ދެމަފިރުން ދައްކާވާހަކަ ސިއްރުން އެބަ އަޑުއަހައެވެ.

 

 

 

މިއީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެންކަމުން އެއީ ދަރިންނަށްވީތީ އެފަދަ ކަމެއް އެއްވެސް ބެލެނިވެރިއަކު ކޮށްގެން ނުވާނެއެވެ. ކޮށްފިނަމަ އެކަން ވާނީ އިމުން ބޭރުވުން ކަމަށެވެ!

 

 

 

މިލިޔުންވެސް ވިދާޅުވެލައްވާށެވެ!

 

 

 

ކޮންމެ މީހެއްގެވެސް ހަސަދަވެރިން ތިބޭނެއެވެ. ގެއްލުންދޭން ބޭނުންވާ ބައަކުވެސް ތިބޭނެއެވެ. އަދި އެމީހަކަށް އެއްވެސް ރަނގަޅު ގޮތެއް ވުމަށް ނުއެދޭ މީހުން ވެސް ތިބޭނެއެވެ. އެފަދަ މީހުން ފާހަގަކުރެވޭނަމަ އެމީހެއްގެ ކިބައިން ރައްކައުތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ. ނަމަވެސް ޝައްކެއްގެ މައްޗަށް އެއްވެސް މީހަކަށް ފާރަ ނުލާށެވެ.

 

 

 

ފާރަލުމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެކެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ އެކަން ތިމަން ﷲ އަށް ދޫކޮށްލުމަށެވެ. ތިމަން ﷲ އެކަން ބައްލަވައިވޮޑިގަންނަވާ ކަމަށެވެ. ވީއިރު ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަމެއް ކޮށް، ފާފަވެރިވާންވީ ކީއްވެގެން ހެއްޔެވެ؟

 

 

 

މީހަކު ތިބާއަށް ދެރައެއް ދޭން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. ﷲ ތަޢާލާ އެކަމަށް އިރާދަކުރައްވަވާފައިވާނަމަ މެނުވީއެވެ. ﷲ ތަޢާލާ އެކަން އެމީޙެއްގެ ސަބަބުން މެދުވެރިވުމަށް މިންވަރު ކުރައްވަވާފައިވާނަމަ އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއްވެސް ނުއޮންނާނެއެވެ. ވީއިރު މީހަކު ދީފާނެ ގެއްލުމަކުން ބަރީޢަ ވުމުގެ ވިސްނުމުގައި ﷲ ތަޢާލާ ނަޙީ ކުރެއްވެވި ކަމެއް ކުރަންވީ ކީއްކުރަން ހެއްޔެވެ؟ އަމަލުކުރަން ޖެހޭނީ ﷲ ތަޢާލާ އަނގްވާފައިވާ ގޮތަށް ނޫން ހެއްޔެވެ؟

 

 

 

މިތަނުގައިވެސް ބުނެލަން ބޭނުންވަނީ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމާއި ފާރަލުން އޮޅުވައި ނުލުމަށެވެ. ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަން ﷲ ތަޢާލާ ވަނީ އަންގަވަފައިފައެވެ. ފާރަލުން ވަނީ ނަހީ ކުރައްވަވައިފައެވެ. ވީމާ މިއީ މުޅިންތަފާތު ދެކަމެކެވެ. މި ދެކަންތައް އޮޅުވައިނުލާށެވެ.

 

 

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން