މިއީ ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ކަމެކެވެ. އަނބިންނަށް ހެޔޮކޮށް ހިތުމާއިބެހޭ ގޮތުން
ދެވިފައި ހުންނަ ދަރުސްތަކާއި ގުޅިގެން ފިރިހެން ބޭފުޅުންވެސް ސުވާލު އުފައްދަވައެވެ. "އަނބިން ފިރިންނަށް ހެޔޮވާން، އޯގާތެރިވާން، ވަފާތެރިވާން، އެހީތެރިވާން ނުޖެހޭނެތޯއެވެ؟"
މިިސުވާލުގެ ޖަވާބުގައި ބުނަންޖެހެނީ ދެމަފިރިން ވެސް އެކަކު އަނެކަކަށް ހެޔޮލަފާވާން ޖެހޭނެ އެވެ. އަދި ކޮންމެ ދަރުސްތަކުގައި އެކަން ފާހަގަވެސް ކުރަމެވެ. ކައިވެނީގެ ޚުޠުބާތަކުގައިވެސް ނަޞޭޙަތްދީ ވަޞިއްޔަތްކުރަނީ ދެމީހުންނަށެވެ. ދެމީހުންގެ ޒިންމާތައް ވަކިވަކިން ކިޔައިދެވެއެވެ.
އަނބިންނަށް ހެޔޮކޮށް ހިތުމުގެ ވާހަކަ ގިނައިން ދައްކަންޖެހެނީ ސަބަބުތަކެއް އޮތުމުންނެވެ. ޤަބޫލުކުރަން އުނދަގޫވި ނަމަވެސް އިސްލާމީ ޤައުމުތަކުގައި މިހައިތަނަށް ކުރެވިފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކީ ފިރިމީހާގެ މައްސަލަތަކެވެ. އަދި ކައިވެނި ރޫޅުމުން ބޮޑަށް ގެއްލުން ލިބި ނިކަމެތިވަނީވެސް އަނބިންނެވެ.
މިކަމުގެ ހެއްކަކަށް ސައުދިއަރަބިޔާގެ މީގެ 3 އަހަރު ކުރީގެ ޙާލަތަށްބަލާއިރުވެސް ދެވަނަ ކައިވެންޏެއް ނުކުރެވިފައި ތިބި އަންހެނުންގެ އަދަދު 2 މިލިއަނަށްވުރެ ގިނަކަން ފުދެއެވެ. ޔޫއޭއީގައިވެސް ޙާލު ހުރީ ހަމަ މިފަދަ ގޮތަކަށެވެ. އެކަމުގެ ސަބަބުން މުޖުތަމައުއަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށްޓަކައި ސަރުކާރުތަކުން މިހާރު ގެންދަނީ އެފަދަ އަންހެނުންނަށް އަލުން ކައިވެނިކުރެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި އެފަދަ އަންހެނުންނާއި ކައިވެނިކުރުމުން އިނާޔަތްވެސް ދެމުންނެވެ. ދެއަންތބަށް ކައިވެނިކުރަންވެސް ހިތްވަރުދެމުންނެވެ. ދެއަންތބަށް ކައިވެނިކުރުމުން އަނބިމީހާގެ ނަމުގައި ދިރިއުޅޭނެ ފްލެޓެއް ދިނުމުގެ އިތުރުން އެތަނަށް ބޭނުންވާނެ ފަރުނީޗަރާއި ފައިށާގެ ހަދިޔާވެސް ދެމުންނެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން
ރާއްޖޭގެ އާބާދީ ކުޑަކަމުން މިފަދަ ޙާލަތަކަށް އެކަނިވެރި މައިންގެ ކަންކަން ނުދިއަނަމަވެސް އެކަނިވެރިވުމުން ވަރަށް ދަތި ޙާލުގައި އުޅެމުންދާ އެކަނިވެރިމައިން ވަރަށް ގިނައެވެ. ބިދޭސީ ކައިވެނިތައް ދަނީ އިތުރުވަމުންނެވެ. މީގެ ތެރޭގައި ފިރިމީހާ ގާތުން ގަދަކަމުން ވަރިވެގެން ބިދޭސީންނާއި ކައިވެނިކުރާ އަންހެނުން ތިބޭކަންވެސް ފާހަގަކުރަންޖެހެއެވެ.
ފާހަގަކޮށްލަން ބޭނުންވަނީ އިނދެވަރިކުރުމަށް އިސްލާމް ދީނުގައި އޮތް ލުއިފަސޭހަކަން ނަހަމަގޮތުގައި ބޭނުންކުރާނަމަ އެކަމުގެ ނޭދެވޭ އަސަރު ފެނިގެންދާނެއެވެ.
ތިރީގައިވާ ސުވާލަށް ބައްލަވާށެވެ!
ސުވާލު:. އަޅުގަނޑަށް ވަރަށް ބޮޑުކަމެއް ޖެހިގެން މިއުޅެނީ، އަޅުގަނޑު ރުޅި އައިސްގެން އަންހެނުންނާ ދިމާއަށް ބުނެވިއްޖެ ތިހުރީ ވަރިކޮށްފައޭ، ނަމަވެސް އަޅުގަނޑުގެ ނިޔަތަކީ ވަރިކުރުމެއް ނޫން، މީގަ ވަރިވާނެތޯ؟
ޖަވާބު:. ވަރިވާނެ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުލްލަތީފް
އޭނާއަށް އަނބިމީހާ ވަރިކޮށް އެލެވުނީ ވިސްނައިވެސް ނުލައެވެ. ދީނުގައި އޭނާއަށް ލިބިގެންވާ އިޚްތިޔާރުގެ ބޭނުން ނަހަމަގޮތުގައި ހިފުނީއެވެ. ވީމާ މިކަންކަމަށް ތަންކޮޅެއް ބޮޑަށް ވިސްނާލަން އެބަޖެހޭ ނޫންތޯއެވެ