މިއާޔަތުގަވާ ފަދައިން ތިބާގެ ދިރިއުޅުން ދަތިކުރެއްވެވީމާ ތަނަވަސްކޮށްދޭނީ ކާކު؟ ދެލޯ ކަނުކުރެއްވެވީމާ ފެނުންދޭނީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މިއާޔަތުގަވާ ފަދައިން ތިބާގެ ދިރިއުޅުން ދަތިކުރެއްވެވީމާ ތަނަވަސްކޮށްދޭނީ ކާކު؟ ދެލޯ ކަނުކުރެއްވެވީމާ ފެނުންދޭނީ ކާކު؟

ﷲ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ!  

"އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ." (ޠާހާ: 124) 

މިއާޔަތުގައި އެންމެ ސާފު ޢިބާރާތުން އެނގެން މިއޮތީ ކީރިތި ޤުރްއާނަށް ފުރަގަސްދީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ދެކޮޅަށް ޢަމަލުކުރާ މީހުންގެ ވާހަކައެވެ. މިއީ ހަމަ އެންމެ ވަރުގަދަ އިންޒާރުގެ ބަސްފުޅެވެ. 

ހިތާމައަކީ ތިމަންމެން މިތިބީ ކީރިތި ޤުރްއާން ޤަބޫލުކޮށް މުސްލިމުން ކަމަށް ބުނާ މީހުން ކީރިތި ޤުރްއާނަށް ފުރަގަސްދީ، ގޮންޖަހައި ޤާނޫނުތައް ހަދަމުން ގެންދާ ކަމެވެ. އެ ޤާނޫނުތައް މުސްލިމުންގެ މައްޗަށް ތަންފީޒުކުރަމުން ގެންދާ ކަމެވެ. 

ސުވާލަކީ އެމީހުންގެ ލޯ، ﷲ ތަޢާލާ ކަނުކުރެއްވެވުމުން ފެނުން ދޭނީ ކާކުހެއްޔެވެ؟ އެމީހުންނަށް ދަތި އުނދަގޫ ޙާލަތު ކުރިމަތި ކުރެއްވެވުމުން އެ މުޞީބާތުން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއާޔަތަކީ އެންމެހައި މުސްލިމުންގެ މައްޗަށް އޮތް އާޔަތެކެވެ! ކީރިތި ޤުރްއާނުގައިވާ އެއްވެސް ކަމަކަށް ފުރަގަސް ނުދޭށެވެ! ކުރިންވެސް ބުނިފަދައިން ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ ހަަމއެކަނި ރީތި ރާގުތަކަށް ކިޔަވައި އެއިގެ މަތިވެރިކަމުގެ ވާހަކަތައް ދެއްކުމަށް އެކަންޏެއް ނޫނެވެ! އެއަށް ޢަމަލުކުރުމަށެވެ! 

ކީރިތި ޤުރްއާން އެނގިހުރެ އެ ފޮތަށް ގޮންޖަހައި ފުރަގަސްދިނުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފަކަމުގައި ބުނެވިދާނެއެވެ! ކީރިތި ޤުރްއާނަށް ޢަމަލު ނުކުރުމަކީ ﷲ ތަޢާލާގެ ވަޙީ ޤަބޫލުނުކުރުމެވެ. ޤަބޫލުކުރުމަކީ ހަމައެކަނި ޤަބޫލުކުރާ ކަމަށް ދުލުން ބުނުމެއް ނޫނެވެ. ދުލުން ބުނުމާއިއެކު ޢަމަލުކުރުމެވެ. ޢަމަލު ނުކުރާނަމަ ޢަމަލުން އެދެއްކެނީ އެމީހަކު ކީރިތި ޤުރްއާން ޤަބޫލު ނުކުރާ ކަމެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން