ވިޔަފާރީގަ ތެދުވެރިނުވުމަކީ އެކަމުގެ ނުބައި އަސަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ފޯރާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ވިޔަފާރީގަ ތެދުވެރިނުވުމަކީ އެކަމުގެ ނުބައި އަސަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ފޯރާ ކަމެއް!

ބާޒާރުގައި މުދަލުގެ އަގުތައް އުފުލެމުންދާކަން އެންމެންވެސް ފާހަގަކުރެއެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާންޖެހިފައިވާ ޤައުމަކަށްވުމުން ބޭރުގައި މުދަލުގެ އަގު އުފުލިއްޖެނަމަ ރާއްޖޭގައިވެސް އުފުލޭނެއެވެ. ނަމަވެސް ހެޔޮއަގުގައި އެތެރެކޮށްފައި ހުންނަ މުދަލުގެ އަގު އުފުލުމަކީ ދީނުގައި ހުއްދަކަމެއް ނޫނެވެ.

ބައެއް ފިހާރަތަކުން ދުވާލަކު 3 ފަހަރުވެސް އެބަ އަގުބޮޑުކުރެއެވެ. ހެނދުނު ހެޔޮއަގުގައި ވިއްކަމުން ދަނިކޮށް ބާޒާރުގައި އެއްޗެއް މަދުވެއްޖެކަން އެނގުމުން އަގު އުފުލަނީއެވެ. 

ބާޒާރުގެ ފިހާރަތަކަށް ބަލާއިރު ފެނިގެންދަނީ އެގޮތަށް މުދަލުގެ އަގު ނުއުފުލައި އެކަށީގެންވާ އަގެއްގައި ވިއްކާ ފިހާރަތަކުގެ ވިޔަފާރި ކުރިއަރައިގެންދާތަނެވެ. އިރުއިރުކޮޅާ މުދަލުގެ އަގު އުފުލާ ފިހާރަތަކުގެ ވިޔަފާރި ކުރިނާރައި ހުއްޓުން އަރާފައި ހުންނަތަނެވެ. ދުވަސްކޮޅަކުން ބަނގުރޫޓުވެސް ވެއެވެ. 

ތިރީގައި އެވަނީ ވިޔަފާރީގައި މަކަރު ހެދުމުގެ ހުރި ނުބައިކަން ބަޔާން ކުރައްވައި ޝައިޚް އަޙްމަދު ޝުޢައިބްވިދާޅުވެފައިވާ ބަސްކޮޅެކެވެ.   

ވިޔަފާރީގައި ތެދުވެރި ނުވެ މަކަރު ހަދާނަމަ އެބައަކަށް މާތް ﷲ މިންވަރުފުޅު ކުރައްވަވާ ވެރިންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެންދާނެ އެވެ. ބޮޑެތި ޓެކްސްތައް ނަގައި ރައްޔިތުންނަށް ނުއުފުލޭނެ ގިނަ މުޞީބާތްތައް ކުރިމަތިކުރުވާނެ އެވެ. އެކަންކަމުގެ ސަބަބުން ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެ އެވެ. "ހަމައެކަނި ކާފަރު ޤައުމުތަކަކަށް ނޫން އެފަދަ ވެރިން މިންވަރުފުޅު ކުރައްވަވަނީ. މުސްލިމްް ޤައުމުތަކަށްވެސް މިންވަރުކުރައްވަވާ ކުރައްވަވާ." 

ވިޔަފާރީގައި މަކަރުހަދާނަމަ އެބައެއްގެ މައްޗަށް ގިނަ ގުނަވެގެންވާ ބޮޑެތި މުޞީބާތަތްތައް ފޮނުއްވަވާނެ އެވެ. އެގޮތުން ރައްޔިތުންގެ އަތުން ބޮޑެތި ޓެކްސްތައް ނަގައި އެބައަކަށް އިތުރަށް ދަތިތައް ކުރިމަތިކުރުވާނެ ވެރިއަކުވެސް މާތްﷲ ފޮނުއްވަވާނެތެވެ. 

މުދަލުގެ އަގުތައް އުފުލަމުން ގެންދިއުމަކީ ވެސް މިނެކިރުމުން މަކަރުހެދުން ފަދައިން ވިޔަފާރީގައި މާތްﷲ ނަހީކުރައްވަވާފައިވާ ކަމެކެވެ. މުދަލުގެ އަގުތައް އުފުލުމަކީ މީސްތަކުންނަށް ލިބޭ އިތުރު ނިކަމެތިކަމެއް ކަމަށާއި މީސްތަކުންނަށް ނިކަމެތިކަން ލިބޭ ކަންކަމަކީ މާތްﷲ ނުރުއްސަވާ ކަންކަމެވެ. މުދަލުގެ އަގުތައް އުފުލުނީމާ އެކަމުގެ ދަތިތައް އިހްސާސްކުރާ ބައަކީ ނިކަމެތި ރައްޔިތުންނެވެ. ވީމާ މުދަލެއްގެ އަގު އުފުލަންޖެހޭނީ ދެން އެހެން ގޮތެއް ނެތިގެންނެވެ. 

ވިޔަފާރީގައި މަކަރު ހެދުމަކީ ރައްޔިތުން ނިކަމެތިވަމުން ދާނެ ސަބަބެކެވެ. އަދި އެކަން ޢާންމުވެ ބައެއް މުޖުތަމައުތަކުގައި ތަކެތި ގަންނަންދާ މީހާއަށް، ވިއްކާ މީހާ މަކަރުހަދާނެކަން ކަނޑައެޅިގެން އެނގޭއިރުވެސް ވިޔަފާރިކުރަންދަނީ އެކަމަށް ރުހި ޤަބޫލުވެގެންނެވެ. މަކަރު ހެދުމަކީ ވެސް އަދި އެކަމަށް ރުހި ޤަބޫލުވުމަކީ ﷲ ތަޢާލާ ހަރާމް ކުރައްވަވާފައިވާ ކަންކަމެވެ. 

ޝައިޚް އަޙްމަދު ޝުޢައިބްގެ ދަރުސަކުން

 

 

މިއަދު އޮންލައިން