ތިމާ އާއި ތިމާގެ ދަރިން ނަމާދުކުރާ މީހުންގެ ތެރެއިން ލެއްވެވުން އެދިގެންނާ ތިމާއާ މައިންބަފައިންގެ ފާފަފުއްސެވުންއެދިގެން ކުރަންވީ ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ތިމާ އާއި ތިމާގެ ދަރިން ނަމާދުކުރާ މީހުންގެ ތެރެއިން ލެއްވެވުން އެދިގެންނާ ތިމާއާ މައިންބަފައިންގެ ފާފަފުއްސެވުންއެދިގެން ކުރަންވީ ދުޢާ-

މިއީ ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ ބައަކު ކަމުގައި ލައްވަވައި ދެއްވެވުން އެދި އިބްރާހީމްގެފާނު ކުރެއްވެވި ދުޢާއެވެ. ނަމާދު ކުރަމުން ވެސް މި ދުޢާކުރުން މުހިންމެވެ. އަބަދުވެސް ހުންނަންވާނީ ނަމާދު ޤާއިމުކުރާ މީހުންގެ ތެރެއިން ލެއްވެވުން އެދިއެދިކަމަށްވާތީއެވެ. 

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ 

"އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމްކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލް ކުރައްވަވާނދޭވެ!"

(އިބްރާހީމް ސޫރަތުގެ 40) 

ޤިޔާމަތް ދުވަހުން ސަލާމަތްކަން ލިބެން އޮތީ ނަމާދު ޤާއިމުކުރި ވަރަކުންނެވެ. ވީމާ ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ މީހުން ކަމުގައި ލެއްވެވުމަކީ އަބަދުވެސް އެންމެ ބޮޑަށް އެދެންޖެހޭނެ ކަންތަކެވެ. އަދި ދުޢާކުރަން ޖެހޭނީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމާއި ވެސް އެކުގައެވެ. ކޮންމެ ކަމެއް ޙާޞިލުކުރަން ނަމަވެސް ގަދައަޅައި މަސައްކަތްކުރުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. 

ހަމައެއާއިއެކު ތިމާ އާއި ތިމާގެ މައިންބަފައިންނާއި އެންމެހައި މީސްތަކުންގެ ފާފަ ފުއްސެވުންއެދިގެންވެސް ދުޢާކުރަންވާނެއެވެ! 

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ 

"އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބް ޤާއިމް ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއްމިން ތަކުންނަށް ފާފަފުއްސަވާނދޭވެ!" 

މިއިން ކޮންމެ ދުޢާއަކީވެސް ސަޖިދައިގައިވެސް ކުރެވޭނެ ދުޢާއެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން