ހުއްޓާލަން މަސައްކަތްކުރާއިރުވެސް ފާފަކުރެވޭނަމަ މާޔޫސްނުވެ ޢަމަލުކުރަންވީ ގޮތް-: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ހުއްޓާލަން މަސައްކަތްކުރާއިރުވެސް ފާފަކުރެވޭނަމަ މާޔޫސްނުވެ ޢަމަލުކުރަންވީ ގޮތް-: ޝައިޚް އަބޫބަކުރު ޒައުދު

"އަހަރެންނަށް ފާފަކުރެވެނީއެވެ. ހުއްޓާލަން މަސައްކަތްކޮށްކޮށްވެސް ހުއްޓައެއް ނުލެވުނެވެ. އަހަރެންދެންވާނީ މުނާފިޤަކަށް ނޫންހެއްޔެވެ؟ އަހަރެންނަށް ފާފަކުރުން ހުއްޓައިނުލެވުނީ އަހަރެންނަށް ﷲ ގެ ރުހިވޮޑިގަތުން ނުލިބުނީމައެވެ. އަހަރެންނަށް ވަންނަން ޖެހޭނީ ނަރަކައަށެވެ."  

މިބާވަތުގެ ވިސްނުންތައް ކުރެވެން ފެށުމުން ލިބޭ މާޔޫސްކަމުގައި ބައެއް މީހުން އިސްލާމް ދީން އެބަ ދޫކޮށްލައެވެ. މިއީ މީހަކަސް ހެދޭނެ އެންމެ ބޮޑު ގޯހެވެ. ވީމާ މިދައްކާ ވާހަކައަސް ސަމާލުކަންދީގެން އަޑުއަހައިލަބަލާށެވެ!  

ކޮންމެ އާދަމްގެ ދަރިއަކީވެސް ފާފަކުރެވޭނެ މީހެކެވެ. ފުރަތަމަ ބަލައިލަންވީ ފުރަތަމަ 2 ބާވަތަށެވެ. އެއްބާވަތަކީ ވަރަށް ގިނައިން ފާފަކުރެވޭ މީހުންނެވެ. އަނެއްބައަކީ މަދުންނަމަވެސް ފާފަކުރެވޭ މީހުންނެވެ.  

އެހެން ދެބައަކުވެސްވެއެވެ. އެތަނުން އެއްބައަކީ މަސައްކަތްކުރުމުން ފާފަކުރުން ހުއްޓައިލެވޭ މީހުންނެވެ. ދެވަނަބައަކީ މަސައްކަތްކުރިނަމަވެސް ފާފަކުރުން ހުއްޓައިނުލެވޭ މީހުންނެވެ. އެއީ ދެވިހިފާފައި ހުންނަ ކަމެއްގެ ސަބަބުން މެދުވެރިވާ ގޮތެކެވެ. ހުއްޓާލައިގެން ހުރުމަށްފަހުގައިވެސް މިބުނި ބާވަތުގެ މީހުންނަށް އަލުން ފާފަކުރެވެއެވެ.  

މީސްތަކުންނޭވެ! ފާފަކުރެވޭނަމަ ފުރަތަމަ ކަމަކަށް ނުބައި އެކުވެރިންނާއި ދުރުހެލިވާށެވެ! ދިރިއުޅޭ މާޙައުލު ބަދަލުކުރަންޖެހޭނަމަ އެކަންވެސްކުރާށެވެ! ދިރިއުޅެންކުރާ މަސައްކަތް ނުވަތަ ވަޒީފާއަދާކުރާތަން ނުވަތަ އަދާކުރާ ވަޒީފާ ބަދަލުކުރަންޖެހޭނަމަ އެކަންވެސް ކުރާށެވެ.  

އެއްގޮތަކަށްވެސް ނުކުރަންވީ ކަމަކީ ފާފަކުރުން ހުއްޓައިނުލެވުނީތީ މާޔޫސްވެގެން ދީންދޫކޮށްނުލުމެވެ. އެއްވެސް ޙާލެއްގައި ދީން ދޫކޮށްލައިގެންނުވާނެއެވެ. ދެން މިބުނެދެނީ މަސައްކަތްކުރުމުން ގެންދާއިރުވެސް ފާފަކުރެވޭނަމަ ޢަމަލުކުރަންވީ ގޮތެވެ.  

ފާފައެއް ކުރެވޭއިރަށް ވަގުތުން ތައުބާވާށެވެ. އަދި ފާފަނުކުރަން ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރާށެވެ. ފާފައެއް ނުކުރެވުނަސް ތައުބާވުން ގިނަކުރާށެވެ.  

ވީހައި ގިނައިން أَسْـتَـغْـفِـرُ اللهَ وَ أَ تُـوبُ إِ لَـْيهِ ކިޔާށެވެ!

ހިތާމަކުރަންޖެހޭނީ ތައުބާނުވެވި ހުއްޓައި ފުރާނަ ގެންދަވައިފިނަމައެވެ. ވީހައި ގިނައިން ތައުބާވެ ފާފަފުއްސެވުމަށް އެދެންވީ އެހެންވެގެންނެވެ. މުސްލިމުންނަކީ ފާފަކުރެވުނަސް މާޔޫސްވެ ކަރުއެލުވައިލަންޖެހޭނެ ބައެއް ނޫނެވެ. ﷲ ތަޢާލާއީ ފާފަ ފުއްސަވައިދެއްވެވުމަށް އިޚްލާޞްތެރިކަމާއިއެކު އެދޭއިރަށް ފާފަފުއްސަވައިދެއްވަވާ ރަސްކަލާނގެ ކަމުގައިވާތީއެވެ.  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން