ނަމާދާ ގުޅިގެން މުދައްރިސް ކުރި ސުވާލަށް ކުޑަކުއްޖަކު ދިން ޖަވާބުން މުދައްރިސް އަނތަރީސް! ބޮޑެތި ގިނަ ބައެއްގެ މިއުޅެނީ އެކުއްޖާގެ ފެންވަރު ނެތިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ނަމާދާ ގުޅިގެން މުދައްރިސް ކުރި ސުވާލަށް ކުޑަކުއްޖަކު ދިން ޖަވާބުން މުދައްރިސް އަނތަރީސް! ބޮޑެތި ގިނަ ބައެއްގެ މިއުޅެނީ އެކުއްޖާގެ ފެންވަރު ނެތިގެން!

އަޅުގަނޑުގެ ފިރިމީހާ ގާތު ކޮންމެ ދުވަހަކު ފަރުޟު 5 ނަމާދުކުރަން ބުނީމާ ބުނަނީ މިވެނި އެވެނި ނަމާދެއް ކުރިން ކަމަށެވެ. 5 ނަމާދު ހަމައަށް ކުރެވޭކަމަށްވަނީ ޙާލަކުން ދުވަހަކުއެވެ. އެގޮތަށް ނަމާދުކުރީމާ ނަމާދުކުރިކަމަށްވާނެތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.

މުދައްރިސް ކްލާހުގައި ކުރެއްވި ސުވާލެކެވެ. "ދުވާލަކު ކުރަން މިޖެހެނީ ފަރުޟު 5 ނަމާދެވެ. ނަމަވެސް މީހަކަށް ކުރެވެނީ 3 ނުވަތަ 4 ނަމާދެވެ. ވީމާ ދެން ވާނީ ކިހިނެއްހެއްޔެވެ؟"

އެވަގުތު އުމުރުން 8 އަހަރުގެ ދަރިވަރަކު ޖަވާބު ދައްކަލީ ކަރުދާހުގައި ލިޔެ ހިސާބު އަކުރުންނެވެ. އެއިގައި ލިޔެފައިވަނީ 5 އަކުން 1 ކެނޑީމާ އަންނާނީ 0 ކަމަށެވެ.

އެއީ ކީއްވެގެންތޯ މުދައްރިސް ސުވާލު ކުރެއްވީމާ ދަރިވަރު ބުނީ "ﷲ އަންގަވާފައިވަނީ 5 ނަމާދު ކުރަން ނޫންތޯއެވެ! ވީމާ އެ އަދަދު ހަމަ ނުކުރެވޭނަމަ އެމީހަކީ ﷲ އެންގެވި ގޮތަށް އެކަން ކުރެވުނު މީހަކަށް ނުވާނެ ނޫންތޯއެވެ؟ އެހެންވީމާ ﷲ އެންގެވި ގޮތަށް އެކަން ނުކުރެވުނީމާ އޭނާއަށް ލިބޭނީ ސުމެއް ނޫންތޯއެވެ"

އެކަމުގެ ހެކިވެސް ދަރިވަރު ދެއްކި އެވެ. ދަރިވަރު ބުނީ ސްކޫލުން ބޭއްވި އެތްލެޓިކްސް މުބާރާތެއްގައި އޭނާ ބައިވެރިވެ 100 މީޓަރު ދުވުމެއްގައި ވާދަކުރި ކަމަށެވެ. ރޭހުގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑުތަކުގައި ދުވިއިރު އޭނާ އޮތީ އެންމެ ކުރީގައި ކަމަށެވެ. ނަމަވެސް ފައަށް ތަދުވެގެން ރޭސް ނުނިންމުމުން ރޭސް ނިންމި ކަމުގެ ސެޓުފިކެޓް އޭނާއަށް ނުލިބުނު ކަމަށެވެ. އަދި އެއްވެސް އިނާމެއްވެސް ނުލިބުނު ކަމަށެވެ. އަދި އިނާމެއް ނުލިބުނު ސަބަބަކީ ރޭސް ފުރިހަމަ ނުކުރެވުން ކަމަށާއި ރޭސް ފުރިހަމަ ނުކުރެވުނީމާ އިނާމެއް ސެޓުފިކެޓެއް ނުލިބޭނެ ކަމަށް ބައްޕަ ބުނުއްވި ކަމަށެވެ.

ސުވާލަކީ އުމުރުން އެންމެ 8 އަހަރުގެ މި ކުޑަ ކުއްޖާގެ ހުރި ވިސްނުން އަހަރެމެން ބޮޑެތި މީހުންގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ ހުރިނަމަ ނަމާދު އަޅާނެ ހެއްޔެވެ؟

ނިކަން ވިސްނަވައިލަ ބައްލަވާށެވެ! ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއިމެދުގައިކަން އެނގެން އެބައޮތެވެ. އެކަމުން ފޭލްވެއްޖެނަމަ ދެން ކުރި ހުރިހާ ކަމަކުން ފޭލްވާނެކަންވެސް އެނގެން އެބައޮތް ނޫންތޯއެވެ!

އެޑިޓަރުގެ ނޯޓް:

މިއީ ހަމަ ރާއްޖޭގެ ސްކޫލެއްގައި ހިނގާފައިވާ ކަމެއްކަމަށް މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރި ކަމެކެވެ. މި ދަރިވަރަށް ފުރިހަމަ ކާމިޔާބީ މިންވަރު ކުރެއްވެވުން އެދި ދުޢާކުރަމެވެ. އަދި އެ ކުއްޖާ ތަރުބިއްޔަތުކުރަމުންދާ މައިންބަފައިން އެކުރާ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުން އެދި ދުޢާ ކުރަމެވެ.

މިއަދު އޮންލައިން