މީސްތަކުންނޭވެ! ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދުނިޔޭގެ ކޮންމެ ކަމަކީވެސް ވަގުތީ ކަމެކެވެ. ކޮންމެ ޙާލަތަކީވެސް ވަގުތީ ކަމެކެވެ. ވީމާ ހިތާމައާއި ހިތްދަތިކަންވެސް ދާއިމަށް ކުރިމަތިވެފައި ނުއޮންނާނެއެވެ. އެއީވެސް ހަމަ ވަގުތީ ކަމެކެވެ.
ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް ހޯދެން އޮތީ ހަމަ ކެތްތެރިކަން އިސްކޮށްގެންނެވެ. ރޫޙާނީ ބާރު ވަރުގަދަކޮށްގެންނެވެ! ހުރިހާވެސް ފަރުވާއަކީ ތަޤްވާވެރިކަމެވެ. ﷲ ތައާލާއަށް ވަކީލުކުރުން ހުރިހާ ކަމެއްގެ ކުރިއަށް ނެރުމެވެ.
ހިތާމައާއި ހިތްދަތިކަމުގެ ވަޤުތުގައި ބޭނުންވާ ހަކަތަ ލިބޭނީ ހަމައެކަނި އީމާންކަމުންނެވެ! ހަކަތަ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށާއި މާދަމާއަށް އުންމީދުކުރުން ދޫކޮށް ނުލާށެވެ!
--މުފްތީ މެންކްގެ ދަރުސަކުން
މުފްތީ މެންކް ބަޔާންކުރައްވާފައި އެވަނީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށްވާގޮތަކީ ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ ނުވަތަ ދަތިޙާލަތެއް ކުރިމަތިވެއްޖެނަމަ ޢިުމުރުން ބާކީ އޮތް ހުރިހާ ދުވަހަކުވެސް އެފަދަ ނިކަމެތި ޙާލުގައި އުލެންޖެހިދާނެ ކަމަށް ޤަބޫލުކުރެވުމެވެ.
އެހިސާބުން މީހާ ވެއްޓިގެން އެދަނީ މާޔޫސްކަމުގެ ފުން ވަޅުގަނޑަކަށެވެ. އެވަޅަށް ވެއްޓިއްޖެ މީހަކަށް އެވަޅުން އެރުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ސަބަބަކީ ރަނގަލު ގޮތްތައް މެދުވެރިވިނަމަވެސް އެކަންވެސް ޤަބޫލުނުކުރެވޭތީއެވެ.
ޔޫސުފްގެފާނު ފެންވަޅަށް ވައްޓައިލެވުމާއި އައްޔޫބްގެފާނަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅާއި އަދި ޔޫނުސްގެފާނަށް މަހެއްގެ ބަނޑުގައި އޮންނަވަން ޖެހިވަޑައިގެންނެވުން ފަދަ ކަންކަމަށް ވިސްނައިލާށެވެ. އެއިރުން ކިތަންމެ ބޮޑު ހިތްދަތިކަމާއި ތަކްލީފް އުފުލަން ޖެހުނަސް އެކަންކަމުން ސަލާމަތްވެވޭނެކަން ޤަބޫލުކުރެވި ހިތްހަމަޖެހުން ލިބޭނެއެވެ. އިންޝާ ﷲ