ހަމައެކަނި މިއާޔަތަށް ޢަމްލުކޮށްފި މީހާ އޭނާގެ ޒަވާޖީ ޙަޔާތާ އާޚިރަތް ކާމިޔާބުކޮށްފިއެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ހަމައެކަނި މިއާޔަތަށް ޢަމްލުކޮށްފި މީހާ އޭނާގެ ޒަވާޖީ ޙަޔާތާ އާޚިރަތް ކާމިޔާބުކޮށްފިއެވެ! އިން ޝާ ﷲ: މުފްތީ މެންކް

ބަޔާންކުރަން މިއުޅެނީ އެންމެންވެސް ވަރަށް ރަނގަޅަށް ދަންނަ އާޔަތެކެވެ. ޚުޠުބާތަކުގައިވެސް ކިޔާ އާޔަތެކެވެ. މައްސަލައަކަށް ވެގެން މިއުޅެނީ މާނައަށް ވިސްނައި ޢަމްލުކުރުމެވެ. 

"ހަމަކަށަވަރުން، ޢަދްލްވެރިވުމަށާއި، އިޙްސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، ވަޢުޛްއިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."

(އަންނަހްލް: 90) 

މިއާޔަތުގައި ޢަދުލުވެރިވުން އެއޮތީ ވަރަށް ފުޅައު މާނައެއްގައެވެ. އެއީ ހަމައެކަނި ޝަރީޢަތްތަކުގެ ވާހަކައެއް ނޫނެވެ. އެހެނީ ޢަދުލުވެރިވުމަށް ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެކަލާނގެ ބާވައިލެއްވެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. ކިޔަމަންތެރިވުމެވެ. 

ފަނޑިޔާރުންނާއި ހަމައަށް ވިސްނުން ގެންދިއުމުގެ ކުރިން ޢަދުލުވެރިވާން ތިމާ ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއިގެ ތެރޭގައި އަނބިދަރިންނަށާއި ޢާއިލާއަށް ޢަދުލުވެރިވުން ހިމެނެއެވެ. އެއިގެ ތެރޭގައި އެކަކު އަނެކަކަށްވާންޖެހޭ ލޯބިވުމާއި ހެޔޮކޮށްހިތުމާއި އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަންޖެހެއެވެ. 

ނިކަންބުނެބަލާށެވެ. މިބުނި މަގުން އަނބިދަރިންނަށް ޢަދުލުވެރިވާ މީހެއްގެ ޒަވާޖީ ޙަޔާތް ކިހައި ފޮނިވެފައި އުފާވެރިވާނެ ހެއްޔެވެ؟ އޮންނާނީ ކޮން ހިތްހަމަނުޖެހުމެއް ހެއްޔެވެ؟ ހަމައެފަދައިން ޢާއިލާގެ މީހުންނަށްވެސް މިބުނި މަގުން ޢަދުލުވެރިވާނަމަ އޮންނާނީ ކޮން މައްސަލައެއް ހެއްޔެވެ؟ 

ދެން މިއޮތީ އިޙްޞާންތެރިވުމުގެ ވާހަކައެވެ. އިޙްޞާންތެރިވުމަކީ ކޮންމެ ކަމެއް ކުރާއިރުވެސް އެކަން ﷲ ތަޢާލާ ދެކެވޮޑިގެންވާކަން ޤަބޫލުކޮށްގެންހުރެ ކުރުމެވެ. އެގޮތަށް ވިސްނައިގެން ކަންކަން ކުރާމީހަކު އެއްވެސް ނުބައިކަމެއް ނުކުރާނެއެވެ. 

ދެންމިއޮތީ ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމެވެ. އެމީހުންނާއިމެދު ހެޔޮކޮށް ކަންކަން ކުރުމެވެ. މިކަމުގައި ޢާއިލާއިން ދަތި ޙާލުގައި ތިބި މީހުންނަށް އިސްކަންދޭންވާނެއެވެ. އެހެނީ އެންމެ ބޮޑަށް ކަންކަމަށް ބޭނުންވެގެން ތިބޭނީ އެމީހުންކަމުގައިވާތީއެވެ. 

އެއިގެ ފަހަތުން މިއަނަނަނީ ފާތައް ނުކުރުމާއި އަނިޔާވެރިނުވުމުގެ ވާހަކައެވެ. ޒަވާޖީ ޙަޔާތައް ބަލައިފިނަމަ ބޭވަފާތެރި ނުވީމާ ދެމަފިރިންގެ ހިލޭމީހުންނާއި ގުޅުން ބޭއްވުމުން ޖެހޭ އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ. ހަމައެއާއިއެކު އަނިޔާވެރިނުވީމާ ކަންކަން ކުރެވޭނީ އޯގާތެރިކަމާއިއެކުގައެވެ. 

"ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ." ހުތުރުކަންބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ފާހިޝް ޢަމަލުތައް ހިމެނެއެވެ. އެކަންކުރުން އެވަނީ ނަހީ ކުރައްވަވައިފައެވެ. 

މިބުނި ކަންކަމަސް ވިސްނައި ދިރާސާކޮށްފި މީހަކަށް އެނގޭނެއެވެ. މިއާޔަތަށް ޢަމަލުކުރާ މީހެއްގެ ޒަވާޖީ ހަޔާތުގައި ޖެހޭނެ އެއްވެސް މައްސަލައެއް ނުއޮންނާނެ ކަމެވެ. ކިލަމިލަ ނުއުނގުޅޭނެ ކަމެވެ. އަދި ފާފަކުރުމުން ސަލާމަތްވެވި އެމީހަކަށް ޢާޚިރަތް ބާއްޖަވެރިކުރުވޭނެ ކަމެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން