މަންމަގެ ނަޞޭޙަތް ޤަބޫލުކޮށް ސުވަރުގެއިން މަންމައާ ބައްދަލުކުރަން ޤުރްއާން ހިތުދަސްކުރި ބާރާޢާ ދިހަ އަހަރުގަ ދުނިޔެ ދޫކުރުން- މުސްލިމް އުންމަތް ރޮއްވައިލި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
މަންމަގެ ނަޞޭޙަތް ޤަބޫލުކޮށް ސުވަރުގެއިން މަންމައާ ބައްދަލުކުރަން ޤުރްއާން ހިތުދަސްކުރި ބާރާޢާ ދިހަ އަހަރުގަ ދުނިޔެ ދޫކުރުން- މުސްލިމް އުންމަތް ރޮއްވައިލި-

ތުއްތު ޙާފިޡާ ބަރާޢާ ގެ ވާހަކައަކީ އެއްފަހަރު ދައްކާލާފައި ނިންމައިލެވެން އޮތް ވާހަކައެއް ނޫނެވެ. އެއަށްވުރެ މާއަސަރުހުރި، މާއަސަރުގަދަ ވާހަކައެކެވެ. މާޢިބްރަތްތެރި ވާހަކައެކެވެ.

މަންމަގެ ޙިކުމަތްތެރިކަމެވެ. ދަރިފުޅަށް ރަނގަޅު ގޮތް ހޯދައިދޭން މަސައްކަތްކުރި މަންމައާއި ބައްޕައާއި އަދި ދަރިފުޅަށް ދުނިޔެ ދޫކުރަންޖެހުނު ގޮތެވެ. ބަރާޢާ ދުނިޔެ ދޫކުރުމުން މުޅި އިސްލާމީ ދުނިޔެ ކަރުނައެޅިއެޅުމެވެ. 

މިފަދަ ޢިބްރަތްތެރި ޙާދިސާތައް ގިނަގިނައިން ހަނދާން ކުރަންޖެހެއެވެ. ވިސްނައި ފިކުރުކުރާ މީހަކަށް މިހުންނަނީ ޢިބްރަތުން ފުރިގެންވާ ވަރަށް އަގުހުރި ފިލާވަޅުތަކެވެ. 

ޙަޤީޤީ ވާހަކަ- ދިހަ އަހަރުގެ ޙާފިޡާ ބަރާޢާއަށް ކެންސަރުޖެހުމާ މަންމައާ ބައްޕަ ނިޔާވި ގޮތުގެ ވާހަކައަށްވުރެ އަސަރުގަދަ ވާހަކައެއް އިވިފައިވާނެބާ! 

އުމުރުން އެންމެ 10 އަހަރުގެ ތުއްތު ބަރާޢާ ނިޞްބަތްވަނީ މިޞުރަށެވެ! މަންމައާއި ބައްޕައަކީވެސް ޑޮކްޓަރުންނެވެ. ދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ހޯދައި ދިނުމުގެ އުންމީދުގައި ދިރިއުޅުން ސައުދިޢަރަބިޔާއަށް ބަދަލުކުރިއެވެ. 

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަންމަގެ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން އެނގުނީ މަންމައަށް ކެންސަރުޖެހިފައިވާ ކަމެވެ. މަންމަ ގަސްދުކުރީ ބަލި ނުބުނި ނަމަވެސް ތުއްތު ދަރިފުޅަށް ވިސްނައިދޭށެވެ! އެހެންވެ މަންމަ ބުންޏެވެ. "ދަރިފުޅާއެވެ. ދަރިފުޅަށް މަންމަ ގެއްލިވެސްދާނެއެވެ. ނަމަވެސް ދެރަ ނުވާށެވެ! އެއީ ވަރަށް އަވަހަށް މަންމަ ސުވަރުގެ ގެންދަވައިފާނެތީއެވެ. ދަރިފުޅުކުރަންވީ ކަމަކީ ކީރިތި ޤުރްޢާން ހިތުދަސްކުރުމެވެ. އެއިރުން ﷲ ތަޢާލާގެ ވާގިފުޅާއިއެކު އަހަރެމެންނަށް ސުވަރުގެއިން ބައްދަލުކުރެވޭނެއެވެ!" 

ބަރާޢާއަށް މަންމަ އެދެއްކި ވާހަކައިގެ މާނަ އެކުގައި ނުވިސްނުނު ނަމަވެސް މަންމަ ބުނި ބަސް ޤަބޫލުކޮށްގެން ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށިއެވެ. އެއިގެ ދުވަސްކޮޅެއްފަހުން މަންމަ ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ. އެދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ސްކޫލް ނިމިގެން ބައްޕައާއިއެކު ހޮސްޕިޓަލަށް ގޮސް އިތުރަށް ދަސްވާބައި މަންމައަށް ކިޔައިދިނެވެ. 

ދުވަސްކޮޅެއްފަހުން މަންމަގެ ޙާލު ބޮޑުވެގެން ހޮސްޕިޓަލުން ގުޅުމުން ބައްޕަ އަވަހަށް ސްކޫލަށްގޮސް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ގޮސް ކާރު ޕާކުކޮށްފައި މަގުހުރަސްކުރަން އުޅެނިކޮށް ބާރު ސްޕީޑުގައި އައި ކާރަކުން ޖެހި ބައްޕަ މަރުވީ ބަރަޢާ ކުރިމަތީގައެވެ. އަދި އެދުވަހަކީ މަންމަ ދުނިޔެ ދޫކުރި ދުވަހެވެ. 

ބަރަޢާ އެކަނިވުމުން މިޞުރުގައި ތިބި ތިމާގެ މީހުން ބަރަޢާ މިޞުރަށް ގެންދިއައެވެ. މާގިނަ ދުވަހެއް ނުވެ ބަރަޢާގެ ބަނޑެއްގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ބުނީ ހަމަ މަންމަ ފަދައިން ކެންސަރު ޖެހިފައި ކަމަށެވެ. ބަރަޢަށް ކެންސަރު ޖެހުނުކަން ޖެހުނުކަން އެނގުމުން ސައުދިޢަރަބިޔާއިން ބަރަޢާ އެ ޤައުމަށް ގެންގޮސް ހިލޭ ބޭސްކޮށްދޭން މަސައްކަތްކުރިއެވެ. ނަމަވެސް ބެލެނިވެރިން ބޭނުންވީ މާރަނގަޅު ފަރުވާ ލިބޭނެކަމަށް ބަލައި އިނގިރޭސި ވިލާތަށް ގެންދިއުމަށެވެ. 

ގެންދިއަތާ މާގިނަ ދުވަސްތަކެއް ނުވެ ބަރަޢާގެ އެތެރެހަށީގެ ގުނަވަންތަކަށް ކެންސަރު ފެތުރި ވަނީ ކޯމާއަކަށް ގޮސްފައެވެ. 

ޢުމުރުން 10 އަހަރުގެ ޙާފިޡާ، ބަރަޢާގެ ރަން އަޑުން ކިޔެވުމުގެ އަޑު އައްސަވައިލައްވާށެވެ! މާތް ﷲ ބަރަޢާ އަށާއި އޭނާގެ މަންމަޢާއި ބައްޕަގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރައްވަވާށި! އޭނާގެ މަންމަގެ އެދުން ޤިޔާމަތް ދުވަހު ޙާޞިލުކޮށްދެއްވަވާށި! އާމީން! 

ގުޅުންހުރި އޯޑިއޯ(ޔޫޓިޔުބް):

 

 

 

މިއަދު އޮންލައިން