ދަރިން ބެލުމުގައި މަންމަ އާއި ބައްޕަގެ ދައުރަކީ ހަމަހަމަ ދައުރެކެވެ. އެހެނަސް ކަންކަން ރޭވި ހިނގަމުންދާގޮތަށް ބަލާއިރު ދަރިން ތަރުބިއްޔަތުކުރުމުގައި މައިންގެ ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހެއެވެ. ސަބަބަކީ ދަރިން ތަރުބިއްޔަތުކުރުމުގައި ޢަމަލީ ގޮތުން ބޮޑުބައި އަދާކުރަނީ މައިން ކަމުގައިވާތީއެވެ.
ބައްޕައިންނަކީ ޢާންމުކޮށް ބަލައިފިނަމަ އަވަދިނެތި މަސައްކަތުގައި އުޅޭބައެކެވެ. އަނބިދަރިންނަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައެވެ. އެހެންކަމުން ގިނަ ވަޤުތު ދަރިންނާއިއެކުގައި ހޭދަކުރަންޖެހެނީ މައިންނަށެވެ.
ބޭނުމަކީ ދަރިން ތަރުބިއްޔަތުކުރުމުގައި ދެމީހުންގެ ދައުރު އަޅައިކިޔުމެއް ނޫނެވެ. ބޭނުންވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންނަށް އަދާކުރަންޖެހޭ ދައުރު އަދާކުރެވޭނެ މަގު ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރުމެވެ. ދެމަފިރިންގެ މައްސަލަތަކުގެ ސަބަބުން އިތުރު ކަންކަމަށް ވިސްނަން މައިންނަށް ނުޖައްސައި މައިންގެ ވިސްނުން ދަރިންނަށް ދެވޭނެ ގޮތަކަށް ކަންކަން ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރުމެވެ.
ދަރިން ލިބުމުން އަމިއްލަ އުފާތައް އެކަހެރިކޮށްފައިވެސް ދަރިންނަށް ދޭންޖެހޭ ސަމާލުކަންދެމާހިނގާށެވެ. ދަރިން ލިބުމުން ވަރިކޮށްލާފައި ޚަރަދުގެ ގޮތުގައި މަދު ރުފިޔާކޮޅެއްދިނުމުން މައިން ތިބެނީ ސިކުނޑި ސުމަކަށް ގޮސްފައެވެ. އެންމެ ދެރަކަމަކީ ވަރިކުރުމަށްފަހު ޚަރަދުގެ ގޮތުގައި ދޭންޖެހޭ އެ މަދު ފައިސާކޮޅުވެސް ގިނަ ބައަކު ނުދޭކަމެވެ.
އެކަނިވެރިކަމާއެކު ދަރިން ބަލާއިރު އެއްދަރި ބޭރަށް ދިއުމުން އެދަރި ހޯދަން ނުކުންނަން ޖެހުމުން ދެންތިބި ދަރިންކޮޅު ގޭގައި ތިބެނީ އެކަނިވެފައެވެ. މިފަދަ އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ތިރީގައި އެވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި މައިން އަދާކުރާ ދައުރަށް ތައްރީފްކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ.
"އިސްލާމް ދީނުގައި އުފެދުނު އެންމެ ބޮޑެތި މުޙައްދިޘުންނާއި ޢިލްމުވެރިން އުފެއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާފައިވަނީ އެބޭކަލުންގެ ހިތްވަރުގަދަ މައިންނެވެ."