ޢުމުރުން ދުވަސްވުމުން މައިންބަފައިންނަށް ސަރުކާރުންދޭ ޢިނާޔަތުން ޘަވާބުހޯދައިގެން ސުވަރުގެ ވަންނަން އުންމީދުނުކުރާށެވެ! ބޭނުންނަމަ އޮތީ އަމިއްލައަށް ޚަރަދުކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ޢުމުރުން ދުވަސްވުމުން މައިންބަފައިންނަށް ސަރުކާރުންދޭ ޢިނާޔަތުން ޘަވާބުހޯދައިގެން ސުވަރުގެ ވަންނަން އުންމީދުނުކުރާށެވެ! ބޭނުންނަމަ އޮތީ އަމިއްލައަށް ޚަރަދުކުރުމެވެ!

ޢުމުރުން ދުވަސްވުމުން ސަރުކާރުން އެމީހަކަށް ޢިނާޔަތް ނުވަތަ ޕެންޝަން ދޭތީ ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އުމުރުން 65 އަހަރުވުމުން ސަރުކާރުން ދޭ 5000 ރުފިޔާ މައިންބަފައިންނަށް ލިބޭނަމަ ތިމާމެންގެ ޒިންމާ ކެނޑުނީ ކަމަށެވެ. އަދި އެފައިސާ ޢާއިލާގެ އެކަކަށް (މަންމަ، ބައްޕަ، ބަލަހައްޓާ ފަރާތަށް) ލިބޭނަމަ ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. އެހިސާބުން އެހެން ދަރިން ޚަރަދުކުރަން ނުޖެހޭނެ ކަމަށެވެ.

ޒަމާނުގެ ކުރިއެރުމާއިއެކު ރާއްޖޭގައި މިހާރު މިވަނީ އމުރުން 65 އަހަރުވަންދެން ދުނިޔޭގައި އެމީހަކު ހުރެއްޖެ ނަމަ މަހަކު 5000 ރުފިޔާ ލިބޭނެ ނިޒާމެއް ސަރުކާރުން ރާވައިފައެވެ.

މިހާރަކަށް އައިސް މިބެލެނީ ކޮންމެ ކަމެއްވެސް އެއްވެސް މަސައްކަތެއް ކުރުމަކާއި ނުލައި އަދި ޚަރަދެއްވެސް ކުރުމަކާއި ނުލައި ޙާޞިލުކުރުމަށެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ޒިންމާތަކެއް ލައްވަވައިފައެވެ. އެމީހަކަށް ޘަވާބު ލިބެން އޮތީ އެ ޒިންމާތައް އަދާކުރުމުންނެވެ.

ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ސަރުކާރުން ނުވަތަ އެހެން ފަރާތަކުން މައިންބަފައިންނަށް ފައިސާގެ ގޮތުން އެހީތެރިވި ނަމަވެސް ދަރިންގެ ކިބައިން ޒިންމާއެއް ނުކެނޑޭނެއެވެ. އޮތީ ޒިންމާ އަދާކުރުމެވެ.

"އެންމެ މުހިންމު ކަމަކީ މައިން ބަފައިންނަށް ކުރާ ހޭދައިގެ ސަބަބުން ﷲ ތަޢާލާ ދެއްވަވާ ގިނަ ގުނަ ޘަވާބާ ރަޙްމަތް. އެމީހަކު އަމިއްލައަށް ޚަރަދު ނުކޮށް ކިހިނެއްތޯ މި ނިޢްމަތްތައް ލިބިގަނެވޭނީ؟"

މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މައިންބަފައިންނަށް ޚަރަދުކުރުމަކީ ތިމާއަށް ލިބޭ ފަޚުރަކަށް ހެދުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޑރ. އިޔާޟް ވިދާޅުވީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ގޮތުން އެމީހުންގެ ޚަރަދުތައް ކޮށްދޭންޖެހޭނެ ކަމަށެވެ. އަދި އެއީ ތިމާއަށް ޖެހޭ ބުރައެއް ކަމުގައި ބަލައިގެން ނުވާނެ ކަމަށެވެ. "އަދި ކިއެއްތަ! އެކަން ބަލަން ޖެހޭނީ ތިމާއަށް ލިބޭ ފަޚުރެއް ކަމުގައެވެ."

މައިންބަފައިންނަށް ޚަރަދުކުރުމަކީ އަދި ބަލަހައްޓައި އެހީތެރިވުމަކީ ﷲ ތަޢާލާ އެކަމުގައި ވަރަށް ބޮޑަށް ބަރަކާތް ލައްވަވާ ކަމެކެވެ. އެހެންކަމުން މައިންބަފައިންނަށް ހޭދަކުރުމަކީ އަތުން ގެއްލޭ ފައިސާއެއް ނޫނެވެ. އަދި ކިއެއްތަ! އެ ފައިސާ ވެގެންދާނީ އާޚިރަތުގައި އެންމެ ބޮޑު ފައިދާ ކުރާނެ އެއް އިންވެސްޓްމަންޓަށެވެ. އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ މައިންބަފައިންނަށް ހޭދަކުރުން ގިނަކުރާށެވެ. ސަރުކާރުންދޭ ޢިނާޔަތަކީ މުޅިން ތަފާތު އެއްޗެކެވެ. ތިބާއަށް ކޮށް ނުދެވޭ ކަނަކްނަ ކުރަން ނޫނީ އެފައިސާ ޚަރަދުނުކުރާށށެވެ. އެއީ މައިންބަފައިން އެމީހުންގެ އުފަލަށް ހޭދަކުރާ ޕޮކެޓްމަނީ ކަމުގައި ހަދާށެވެ.

މިގޮތަށްވެސް ވިސްނައިލާށެވެ! އެފައިސާގައި އަތްނުލައި ބަހައްޓައިފިނަމަ މިހާރުގެ އަގުތަކަށް ބެލިނމަވެސް އަހަރަކު 2 ފަހަރު އެމީހުން ޢުމރާއަށް ފޮނުވިދާނެއެވެ. ތިބާ، ތިބާގެ މައިންބަފައިންނަށް ޚަރަދުކުރާތީ އެފައިސާ ރައްކައުކޮށްގެން ޢުމުރާ ވެވިއްޖެނަމަ އެކަމުގައި ެމދުވިވީ ތިބާ ކަމުގައި ވެގެންދާނެއެވެ. އެކަމުން ތިބާއަށް ކުރާނެ ފައިދާއަށް ވިސްނާށެވެ.

މިހިރީ ހަމަ ކޮންމެ މީހަކުވެސް ވިސްނާލައިފިނަމަ އެމީހަކު ސުވަރުގެ ވަނުމަށް ކުރެވެންހުރި ކަންކަމެވެ

މިއަދު އޮންލައިން