އެއް ދުވަހަކު މީހަކު އޭނާގެ ނޯކަރެއް ނުވަތަ އަޅެއްގެ ގައިގައި ތަޅާ އަނިޔާކުރަނިކޮށް ރަސޫލް (ﷺ) އަށް ފެނިވަޑައިގަތުމުން ޙަދީޘްފުޅު ކުރެއްވެވީ މިފަދަ މޭރުމަކުންނެވެ! "ތިބާއަށް، ތިއައަށްވުރެ ބޮޑަށް އަނިޔާކުރެއްވެވުމަށް ތިބާގެ ވެރި ﷲ ކުޅަދުންވަންތައެވެ!"
މިފަދަ މޭރުމުން ޙަދީޘްފުޅު ކުރެއްވެވީ އެއީ އަޅަކު ކަމުގައިވީނަމަވެސް އެއްވެސް މީހަކަށް އަނިޔާކުރުމުގެ ހުރި ނުބައިކަން ބަޔާންކުރައްވަވައި އަނިޔާކުރުމަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ މިންވަރު ބަޔާން ކުރެއްވެވުމަށް ކަމުގައިވެސް ވެދާނެއެވެ! އަހުރެންނަށް ޤަބޫލުކުރެވެނީ އެގޮތަށެވެ.
ބައެއް މީހުންނަކީ އެމީހުން ރުޅިއަންނަ ވަގުތު އަތް އިސްކުރެވޭ ބައެކެވެ. އަނބިދަރިންނަށް ނުވަތަ ފިރިމީހާއަށްވެސް ބެލުމެއް ނެތި އަތްއިސްކޮށް އަނިޔާކުރާ މީހުން ތިބެއެވެ. އެއީ ވަރަށް ނުރައްކާތެރިކަމެކެވެ. އެހެނީ އެއްވެސް މީހަކަށް އަނިޔާކުރެވިއްޖެ ނަމަ އެކަމަށް ޤިޔާމަތްދުވަހު ބަދަލުދޭންޖެހޭނެއެވެ. އެއީ ދުރު މީހެއްގެ އިތުރުން ތިމާގެ އަނބިމީހާއަށް، ދަރިންނަށް އަދި ފިރިމީހާއަށް ކުރި އަނިޔާއެއް ނަމަވެސް މެއެވެ.
މީސްތަކުންނަށް އަނިޔާވެރިވާނަމަ އެމީހަކާއި ﷲ ތަޢާލާ ދުރުހެލިވެވޮޑިގަންނަވާނެއެވެ! އެހެނީ އަނިޔާވެރިވެވޮޑިގަތުން ﷲ ތަޢާލާ ވަނީ އެކަލާނގެ ޒާތުފުޅަށް ޙަރާމްކުރައްވަވައިފައެވެ.
އިސްލާމް ދީނުގައި ޤިޞާޞް ޙިފުމުގެ ޙުކުމް އައިސްފައިވަނީ އަނިޔާވެރިކަމަށް ޤިޔާމަތް ދުވަހު ދޭންޖެހޭނެ ބަދަލު ބޮޑުކަމުން އެކަމުން މީސްތަކުން ސަލާމަތްކޮށްދިނުމަށެވެ! ވީމާ އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! އެއްވެސް މީހަކަށް އަނިޔާއެއް ކުރެވިފައިވާނަމަ މިދުނިޔޭގައި ޤިޞާޞް ހިފުމުގެ ފުރުޞަތު ދީ، ނުވަތަ މާފަށް އެދި އެކަމުން ސަލާމަތްވާށެވެ! އާޚިރަތް ދުވަހު ބަދަލު ދޭންޖެހުމަކީ ކޮންފަދަ ބޮޑު ގެއްލުމެއް ހެއްޔެވެ؟
އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ބާރުގަދަ މީހާއަކީ އަތުގެ ބާރުގަދަ މީހާ ނޫން ކަމަށާއި ޙަޤީޤީ ބާރުގަދަ މީހަކީ ރުޅި އަންނަ ވަގުތު ރުޅި ކޮންޓްރޯލްކުރެވޭ މީހާކަމަށް އޮތް ޙަދީޘްފުޅެވެ. ވީމާ ރުޅި އަތުވެއްޖެ ނަމަ ހަނުހުންނަން މަސައްކަތްކުރާށެވެ! އާޚިރަތް ދުވަހު ސަލާމަތްކަން ލިބުން ވަނީ ރުޅި ކޮންޓްރޯލްކުރެވިގެންނެވެ!
އަހުރެންނަށް އެނގިފައިވާ އެނގުމުގެ މައްޗަށް ބުރަވެހުރެ ބުނަމެވެ. މީހެއްގެ ގައިގައި ޖެހުމުން ނުވަތަ އަނިޔާކުރުމުން މައްސަލަ އިތުރަށް ގޯސްވުން ނޫންކަމެއް މެދުވެރިއެއް ނުވެއެވެ. އެއްވެސް ކަމެއް ޙައްލެއް ނުވެއެވެ. އެކަމުން ލިބޭ ގެއްލުންތައްވެސް މާބޮޑެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން