ކަމާއި ބެހޭ މުއައްސަސާތަކުން ނެރޭ ރިޕޯޓްތަކަށް ބެލުމުން އެނގެނީ ކޮންމެ ދުވަހަކީވެސް ކޮންމެވެސް ބައަކަށް ބޮޑެތި އަނިޔާތަކެއް ލިބެމުންދާ ދުވަހެއް ކަމެވެ. އެކަމުން އެނގެނީ އެކަންކަން ހުއްޓުވަން އަޅާ ފިޔަވަޅުތަކުން އެއްވެސް އަސަރެއް ނުކުރާކަމެވެ.
އިސްލާމް ދީނުގެ މައިގަނޑު އަސާސަކީ އިންޞާފު ޤާއިމުކުރުމެވެ. އެއްވެސް މީހަކަށް އަނިޔާވެރިނުވުމެވެ. އެހެންވެ އިސްލާމް ދީނުގައި ވަނީ އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ނުވަތަ އަނިޔާއެއް ކުރުން ކަނޑައެޅިގެން ނަހީ ކުރައްވަވައިފައެވެ. އަދި އެފަދަ ކަމަކަށް މަގުފަހިކޮށްދިނުން ވިޔަސް މެއެވެ.
ޙަދީޘްފުޅުގައި އޮތީ "ކޮންމެ މުސްލިމަކީ ވެސް އަނެއް މުސްލިމްގެ އަޚާ ކަމުގައެވެ. އެހެންވީމާ އެއްވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެއެވެ. އަދި އަނިޔާކުރާ، އަނިޔާވެރިއަކާއި އަޚާ ޙަވާލުކޮށްގެންވެސް ނުވާނެއެވެ. އެހެން މީހެއްގެ ޙާޖަތްތައް ފުއްދައިދީފި މީހެއްގެ ބޭނުންތައް ﷲ ފުއްދަވައިދެއްވަވާނެތެވެ!" މިފަދައިންނެވެ.
Prophet Mohammad (ﷺ) said, "A Muslim is a brother of another Muslim, so he should not oppress him, nor should he hand him over to an oppressor. Whoever fulfilled the needs of his brother, Allah will fulfill his needs." Sahih al-Bukhari 2442
މިއަދު އަޑު އިވެމުން މިދަނީ ބައެއް މައިން ނުވަތަ ބައްޕައިން އެމީހުންގެ ތުއްތު ދަރިން އެހެން މީހުންނާއި ޙަވާލުކޮށްގެން ޖިންސީގޯނާކުރުވާ ވާހަކަތަކެވެ. ޢިއްފަތްތެރި އަންހެނުން އަޅުވެތިކުރުވައިގެން ހަށިވިއްކުވާކަމުގެ ވާހަކަތަކެވެ. އެކަންކަމުގެ ފައިދާ ނަގަމުންގެންދާކަމުގެ ވާހަކަތަކެވެ. މީހުންގެ ޅަދަރިން ލައްވައި ވައްކަން ކުރުވައި މަސްތުވާތަކެތި ވިއްކުވާކަމުގެ ވާހަކަތަކެވެ.
މިފަދަ ކޮންމެ އަމަލަކީ އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. މިފަދަ ޢަމަލުތައް ކުރުވާ އަދި މިފަދަ ޢަމަލުތައްކުރާ މީހުން މަރަން އިސްލާމް ދީނުގައި އޮންނަނީ އެސަބަބަށްޓަކައެވެ. އެމީހުންގެ ސަބަބުން މުޖުތަމައު ފަސާދަވެގެންދާތީއެވެ! އެމީހުންނަކީ މުޖުތަމައުފަސާދަކުރާ މީހުންކަމުގައިވާތީއެވެ! އެމީހުންނަކީ މުޖުތަމައުގެ ސަލާމަތަށްޓަކައި މަރަންޖެހޭ ބައަކަށްވާތީއެވެ!
ހިތާމައަކީ މައްސަލއިގެ ޙައްލު މާތް ﷲ ގެ ވަޙީ ބަސްފުޅުން މިހައި ސާފުކޮށް ފެންނަން އޮންނައިރުވެސް މާތް ﷲ އަންގަވާފައިވާ ގޮތަށް ޢަމަލުނުކުރާކަމެވެ! އަމިއްލަ އުޞޫލުތައް ކުރިއަށް ނެރެގެން ކަންކަން ކުރަންއުޅޭކަމެވެ! މާތް ﷲ ވަކި ގޮތަކަށް ކަންކަން ކުރަން އެންގެވުމުން އެއީ އަމަލުކުރަން އޮތް އެންމެ ރަނގަޅުގޮތްކަން ޤަބޫލުނުކުރެވޭ ކަމެވެ.
މިއަދު މިއުޅެނީ ކަންކަން ޙައްލުނުކުރެވިގެނެއްނޫނެވެ! ޙައްލުކުރަން ބޭނުންނުވެގެންނެވެ! ޙައްލުކުރެވޭނެ މަގު ފެންނަން އޮތްއިރުވެސް އެމަގުން ޢަމަލުނުކުރަނީ ކަންކަން ޙައްލުކުރަން ބޭނުންނުވާތީއެވެ! ޙައްލުކުރަން ބޭނުންވާނަމަ އިސްލާމީ ޝަރީޢާއަށް ޢަމަލުކުރަން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން