މައިންވާ ޤުރްބާނީ ހަނދާންނައްތައިނުލާށެވެ! އެވޭނެއް ގަދަކަމުން ދުނިޔޭގެ ހުރިހާ ކަމެއް ހަނދާން ނެތިގެންދާ ވޭން އުފުލަނީ މައިމީހާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
މައިންވާ ޤުރްބާނީ ހަނދާންނައްތައިނުލާށެވެ! އެވޭނެއް ގަދަކަމުން ދުނިޔޭގެ ހުރިހާ ކަމެއް ހަނދާން ނެތިގެންދާ ވޭން އުފުލަނީ މައިމީހާއެވެ!

މިހާރަކަށް އައިސް މައިންބަފައިންގެ ވާހަކައިން މީހަކު ސުވާލުކޮށްފިނަމަ ފުރަތަމަވެސް ކިޔައިދެވެނީ އެމީހުންގެ ކިބައިން ލިބޭ ތަކްލީފްތަކުގެ ވާހަކައެވެ. ބުނާ ގޮތް ނުހަދާ ވާހަކައެވެ. އެމީހުންގެ ޢުމުރުން ދުވަސްވެ ވިސްނުން ކޮށިވެފައިވާކަން ހަނދާނަކު ނުހުރެއެވެ. 

ދެން ދެއްކެނީ ތިމާ، ތިމާގެ މައިންބަފައިންނަށް ކޮށްދޭ ކަންކަމުގެ ވާހަކައެވެ. ކުރަންޖެހޭ ޚަރަދުގެ ވާހަކައެވެ. އުފުލަންޖެހޭ ތަކްލީފްގެ ވާހަކައެވެ. އެމީހުން ތިމާއަށްޓަކައި އުފުލި ތަކްލީފްތަކުގެ މަތިން ހަނދާނެއް ނުކުރެއެވެ. 

ވީމާ މިކަންކަމަށް އިތުރަށް ވިސްނައިލަމާ ހިނގާށެވެ! 

ގައިގައި އަޅާ އެންމެ ވަރުގަދަ ވޭނަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ކެންސަރުގެ ތަދުކަމަށް ބުނެފާނެއެވެ! ނަމަވެސް ކެންސަރުގެ ތަދަށްވުރެ މާވަރުގަދަ ވޭނެއް އިންސާނުންގެ ގައިގައި އަޅައެވެ! އެއީ ވިހެއުމުގައި އަޅާވޭނެވެ! އެވޭން އުފުލަނީ މައިންނެވެ!

ކޮންމެ ދެމަފިރިއަކުވެސް އެންމެ ބޮޑަށް އުފާކުރާނެ އެއް ވަގުތަކީ ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން އެނގޭވަގުތެވެ. އެވަގުތު އެލިބޭ އުފާވެރިކަން ބަޔާންކުރަންވެސް ނޭނގޭނެއެވެ! ބަޔާން ނުވެސް ކުރެވޭނެއެވެ! 

އަންހެން މީހާގެ ބަނޑުބޮޑުވާން ފެށުމުން ޢާންމު ގޮތެއްގައި ތަކްލީފްތައް ކުރިމަތިވާން ފަށައެވެ! އުދަނގޫތައް އިޙްޞާޞްކުރެވެން ފަށައެވެ! އަދި ވިހަން ކައިރިވެގެން އަންނައިރު ބިރުވެރިކަންވެސް އުފެދެއެވެ. އެއީ ވިހެއުމުގައި މެދުވެރިވެދާނެ ކަންކަމަށް ވިސްނެންފެށުމުންނެވެ. 

މިޙާލަތުގައި އުޅެމުންދަނިކޮށް ވިހެއުމުގެ ވަގުތު އައިސް ޖެހެއެވެ. ހޮސްޕިޓަލަށްދެއެވެ. އަންހެންމީހާގެ ހަށިގަނޑުގައި ވޭން އަޅަން ފަށައެވެ! އެވޭން ބަޔާންކުރަމުން ގިނަ އަންހެނުން ބުނަނީ ވިހެއުމަށް އަޅާވޭން އަޅާވަގުތު ދުނިޔޭގެ ހުރިހާ ކަމެއް ހަނދާންނެތިގެންދާ ކަމަށެވެ. އެހައިވެސް ވޭން ގަދަ ކަމަށެވެ! 

ވިސްނައިލާށެވެ! އަހަރެމެން ކޮންމެ މީހަކުވެސް އުފަންމިވަނީ މައިމީހާގެގައިގައި މިހައިވަރަށް ވޭން އެޅުމަށްފަހުގައެވެ. އަހަރެންގެ ސުވާލަކީ މިކަމަށް އަހަރެމެން ވިސްނައިލަމު ހެއްޔެވެ؟ މިކަމަށް އެކަނި ވިސްނައިލި ނަމަވެސް މައިން ނިކަމެތި ޙާލުގައި އުޅެން ޖައްސުވާނެ ހެއްޔެވެ؟ މައިން ހިތަދަތިކުރުވާނެ ހެއްޔެވެ؟ މައިން ބަލިވީމާ އަޅާނުލައި ތިބޭނެ ހެއްޔެވެ؟ 

މައިމީހާގެ މުހިންމުކަން 3 ގުނައަށް އިތުރުވެގެންދަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ! 9 މަސް ދުވަހު ބަނޑުގައި ދަރިފުޅު އޮންނައިރު އުފުލަންޖެހޭ ވޭންތަކާއި ވިހެއުމުގައި އަޅާވޭނާއި ވިހެއުމަށްފަހު ދަރިންނަށްޓަކައި އުފުލާވޭންތަކުގެ ސަބަބުންނެވެ! 

މައިންބަފައިންނަށް ޚާއްޞަކޮށް މައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަމުގެ ވާހަކަ މިހައި ގިނައިން ދައްކަން ޖެހެނީ މިއަދު މުސްލިމުންވެސް ހުޅަނގުގެ ފަލްސަފާއަށް ޢަމަލުކުރުން ގިނަވަމުންދާތީއެވެ! މައިންބަފައިންނަށް ދަރިން އެންމެ މުހިންމުވާ ވަގުތު، ދަރިންގެ ލޯތްބާއި އަޅައިލުމާއި އެހީތެރިކަން ބޭނުންވާ ވަގުތު އެއްވެސް ކަމެއް އަމިއްލަ އަތުން ކޮށްނުދީ، މައިންބަފައިން ބެލެހެއްޓުން ނޯކަރުންނާއި ހަވާލުކުރަމުން ގެންދާތީއެވެ! 

އެއްވެސް ޙާލެއްގައި އެއީ މުސްލިމުން އަމަލުކުރަން އޮތްގޮތެއް ނޫނެވެ! ވަޒީފާގެ ގޮތުން ހުރިހާ ވަގުތަކު ގާތުގައި ނުތިބެވޭނަމަ ނުތިބެވޭ ވަގުތު ބަލަހައްޓަން ބައަކާއި ޙަވާލުކުރިނަމަވެސް ވީހައި ބޮޑަށް ބަލަން ޖެހޭނީ އަމިއްލަ އަތުން މައިންބަފައިންގެ ކަންކަން ބެލެހެއްޓުމަށެވެ. އަމިއްލައަތުން މައިންބަފައިންނަށް ޚިދުމަތްކުރުމަށެވެ! އެކަމުން ލިބެން އޮތް ވީހައި ގިނަ ސަވާބު ލިބިގަތުމަށްޓަކައެވެ. 

މަންމަގެ މަޤާމް ވަނީ ބައްޕައަށްވުރެ 3 ގުނަ މަތިވެރިކުރައްވަވައިފައެވެ! ސުވަރުގެ ލިބުންވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމުންނެވެ. މައިންބަފައިންނަށް ހެޔޮކޮށް ނުހިތާ މީހާއަށް ޤިޔާމަތް ދުވަހުން ﷲ ބައްލަވައިވޮޑިނުގަންނަވާނެތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން