އަނބިއަޅުގަނޑަކީ 2 އަހަރުނުފުރޭ ތުއްތު ދަރިއަކަށް ކިރުދޭ މައަކީމެވެ. ފިރިމީހާ، ހިލޭ އަންހެނުންނާ ގުޅުންބާއްވާކަން ޔަޤީންވުމުން އެކަން ނުކުރަން ނަޞޭޙަތްދޭތީ އަޅުގަނޑު މިހިރީ ރަށަށް ފޮނުވާލައިފައެވެ. ވަރިއެއް ނުކުރެއެވެ. ދަރިއަކު އޮތުމުން އަދިވެސް މަސައްކަތް މިކުރަނީ އެކުގައި އުޅެވޭތޯއެވެ؟
މިއީ އަނބިމީހާ އާއިމެދު ޢަމަލުކުރަން ދީނުގައި ހުއްދަގޮތްތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަން ޖެހެނީ ފިރިމީހާ އެވަނީ ދީނުގެ އިންތަކުން ބޭރުވެފައި ކަމަށެވެ. ސަބަބަކީ ޢިއްދައިގައި އިންނައިރުވެސް ގެއިން ނުނެރެން ޤުރްއާނުގައި އޮތުމެވެ.
"އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން ޢިއްދަ ގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް، ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) ﷲ އެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެތެވެ."
(އައްޠަލާޤް: 1)
ދެން ފާހަގަކުރަންޖެހޭ ކަމަކީ އަނބިމީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. ރަށަށް ފޮނުވާލުމުން އެވާޖިބު އަދާކުރިކަމކަށްވެސް ނުވާނެއެވެ.
ޖަވާބުގައި ހިމެނޭ މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން