މަރުވެ ވަޅުލެވުމާއެކު އަލިފާނުން ޢަޛާބު ލިބެން ފަށާނެ ފާފަކުރެވޭ މީހުން ހާދަ ގިނަވެއްޖެއެވެ! ސަލާމަތްކަން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
މަރުވެ ވަޅުލެވުމާއެކު އަލިފާނުން ޢަޛާބު ލިބެން ފަށާނެ ފާފަކުރެވޭ މީހުން ހާދަ ގިނަވެއްޖެއެވެ! ސަލާމަތްކަން ބޭނުންހެއްޔެވެ؟

ޤިޔާމަތް ދުވަހުގެ ވާހަކަދައްކާ މީހުން ވަރަށް ގިނައެވެ. އެފަދަ މީހުންގެ ތެރެއިން ގިނަ ބައަކު ބޮޑެތި ފާފަތައް ކުރަން ބިރެއް ނުގަނެއެވެ. ޖެހިލުމެއް ނުވެއެވެ. އެހެންވެއްޖެ ނަމަ އެމީހެއްގެ ކިބައިގައި ވަރަށް ބޮޑު މައްސަލައެއް އެބަހުރި ނޫންހެއްޔެވެ؟ އަަހރެން ފާހަގަކުރާ ގޮތުގައި ޝައިޠޯނާ އެވަނީ އެމީހަކު ކަސްތޮޅު އަޅުވައިފައެވެ.

މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކަށް މިއަދު ވަނީ އެމީހުންނަކީ މުސްލިމުންކަންވެސް ނުއެނގޭ ހާލަތުގައެވެ. މިހެން ބުނަން މިޖެހުނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަމަށް އެއްވެސް ބިރެއް ނެތި އަރައިގަންނަމުން ގެންދާތީއެވެ. އެންމެ 5 ވަރަކަށް މިނިޓުގެ އުފަލަކަށްޓަކައި އެންމެ ބޮޑެތި ޙައްދުތައް ކަނޑައަޅުއްވަވާފައިވާ ފާފަތައް ކުރަމުން ގެންދާތީއެވެ.

މިސާލަކަށް ބުނާނަމަ ޝަރުޠު ހަމަވާ މީހަކު ޒިނޭކުރުމުން އޮތީ ރަޖަމް ކުރުމެވެ. ވައްކަން ކުރުމުން އޮތީ އަތްކެނޑުމެވެ. މިކަންކަން މުސްލިމުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟ މިފަދަ ބޮޑެތި ފާފަތަކަށް އަރައިގަންނަމުން ދަނީ އެއްވެސް ބިރެއްނެތިއެވެ.

އަންހެނުން އެމީހުންގެ ހަށި ވިއްކަނީއެވެ. ފިރިހެނުން ހަށިގަންނަނީއެވެ. ދެބައިމީހުންގެ ހިތުގައިވެސް އެއްވެސް ބިރުވެތިކަމެއް ނެތެވެ! މިކުރެވޭ އަމަލަކީ މަރުވެ ވަޅުލެވޭ ވަގުތުން ފެށިގެން ތިމާމެންނަށް އަލިފާނުން ޢަޛާބު ލިބެންފަށާނެ އަމަލެއްކަން ހަދީޘްފުޅުން އެގެން އޮތްއިރު އެކަމަށް ވެސް އެއްވެސް ބިރެއް ނެތެވެ! ޖެހިލުންވުމެއް ނެތެވެ. ދާދިކުޑަ ވަގުތުކޮޅެއްގެ އުފަލަށްޓަކައި އަމިއްލަ ހަށިތަކުގައި ހުޅުޖެހެނީކަން ހިތަށްވެސް ނާރާ ފަދައެވެ!

މިފަދަ ގޮތްތައް މެދުވެރިވެ މީސްތަކުންނަށް ބަދަލުތައް އަންނަމުން މިދާ ސަބަބު ފެށޭ ހިސާބަކީ ދުލުން ޝަހާދަތްކިޔޭ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް ދޮގުހެދޭތީއެވެ. ދޮގުހެދުމަކީ ފާފައެއް ކަމަސްވެސް ނުބެލޭތީއެވެ. އެއްވެސް ބިރެއް ނެތި ދޮގުހެދޭތީއެވެ! ހަމަ އެއާއިއެކު ކުދިފާފަތައް ކުރުމަކީ ފާފައެއް ކުރެވުން ކަމަށް ޤަބޫލުވެސް ނުކުރެވި ފާފަތައް ކުރެވެމުން ގެންދެވޭތީއެވެ.

އެކަމުގެ ނަތީޖާއަކަށްވެގެންދަނީ މީހާގެ ހިތް ނަޖިސްވެ ހިލަވެގެންދިއުމެވެ. ހިތް ނަޖިސްވެ ހިލަވެއްޖެ ނަމަ އެމީހާގެ ކުރިމަތީގައި އެއްވެސް ކަމެއް ކުރުމަކީ އެއްވެސް މައްސަލައަކަށްނުވާނެއެވެ! ކިތަންމެ ބޮޑުފާފައެއް ކިތަންމެ ގިނައިން ކުރަންވެސް ޖެހިލުމެއް ނުވާނެއެވެ!

މިޙާލަތަށް އިންސާނުން ވެއްޓިގެން މިދަނީ ޝައިޠޯނާއާއިއެކު ވަގުތު ހޭދަކުރެވުން ގިނަވާތީއެވެ. ބަލަން ނުވާ ފިލްމުތައް ބެލުމާއި މިޔުޒިކްޝޯތަކަށް ދިއުމާއި ސޯޝަލް މީޑިއާގައި ނުބައި އަމަލުތައް ކުރުން ފަދަ ކަންކަމުގައި ވަގުތު ހޭދަކުރެވޭ މިންވަރު އިތުރުވެގެންދާތީއެވެ. އެވަގުތުތަކުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރެވޭތީއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭ މިންވަރު އިތުރުވެގެންދާތީއެވެ.

މިފަދަ ހުރިހާ ކަމެއްގެ ޙައްލުކަމުގައި ﷲ ތަޢާލާ ވަޙިކުރައްވަވާފައިވަނީ ﷲ ތަޢާލާ ހަނދުމަކުރުން ގިނަކުރުމެވެ. ނަމަވެސް އަމަލު މިކުރެވެނީ ދިމާ އިދިކޮޅަށެވެ. އެކަމުގެ ސަބަބުން މީހާގެ އަމަލުތައް ގުދުގުދުވެ ދެދުނިޔެ ގެއްލިގެންދަނީއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޙަޔާތް ބަދަލުކުރަން އެދޭމީހާ ނުވަތަ ޙައްޤުމަގުގައި ސާބިތުވާން އެދޭމީހާ ﷲ ތަޢާލާ ހަނދުމަކުރުން ގިނަކުރާށެވެ! އެމީހަކު ﷲ ތަޢާލާ ހަނދުމަކުރުން ގިަކުރާވަރަކަށް ޤ ތަޢާލާ އެމީހަކު ހަނދުމަކުރެއްވެވުން ގިނަކުރައްވަވާނެތެވެ! އެއިރުން ހިތުގައި ﷲ ތަޢާލާއަށް ލޯތްބާއި ބިރުވެތިކަން އުފެދޭނެއެވެ! ފާފަތަކަށް އަރައިގަތުން މުޅިން ހުއްޓިގެންދާނެއެވެ! ﷲ ތަޢާލާއަށް އަޅުކަންކުރެވުން އިތުރުވެގެންދާނެއެވެ. ފަރުޟުތަކަށް ރައްކައުތެރިވެވޭނެއެވެ.

މިބުނެދިނީ ހަމަ އެންމެ ކަމަކުން ހުރިހާ ފާފަތަކެއް ކުރެވުން ހުޓާލެވި ﷲ ތަޢާލާގެ މަގުގައި ސާބިތުވެވޭނެ ކަންތަކެވެ. ތަކުރާރުކޮށްލާނަމެވެ. އެކަމަކީ ﷲ ތަޢާލާ ހަނދުމަކުރުން ގިނަކުރުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން