ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދަން ޢަމަލުކުރަންޖެހޭ 3 ކަންތައް އެއް އާޔަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދަން ޢަމަލުކުރަންޖެހޭ 3 ކަންތައް އެއް އާޔަތުން!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން އެންމެން އިސްލާމް ދީނަށް ކިޔަމަންވުމުގެ ތެރެއަށް ވަންނާށެވެ! އަދި ޝައިޠޯނާގެ ފިޔަވަޅުތަކަށް ތިއަބައިމީހުން ތަބަޢަނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ ޝައިޠޯނާ އަކީ ތިއަ ބައިމީހުންނަށް ހުރި ބަޔާންވެގެންވާ ޢަދުއްވެކެވެ." (އަލް ބަޤަރާ: 208)

އިސްލާމްވުމާއި އިސްލާމްކަމުގައި ދެމިހުރުމާއި މިކަންކަން ބައެއް މީހުން ތަފާތު ގޮތްގޮތަށް މާނަކުރެއެވެ. ނަމަވެސް ﷲ ތަޢާލާގެ އަމުރުފުޅު މިއޮތީ ހަމަ އެންމެ އާޔަތަކުން އެނގިހާމަވާށެވެ! ވިސްނުންތެރިކަމާއިއެކު ވިސްނުން ހިންގައިލާށެވެ!

ﷲ ތަޢާލާއަށް އީމާންވުމަށްފަހު ފުރަތަމަ އަމުރުފުޅަކީވެސް "އިސްލާމް ދީނަށް ކިޔަމަންވުމުގެ ތެރެއަށް ވަންނާށެވެ!". މާނައަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރާށެވެ! އިސްލާމް ދީނުގައި ހުއްދަކުރައްވަވާފައިވާ ކަމެއް މެނުވީ ނުކުރާށެވެ! ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވާށެވެ!

ވިދިގެން ވަހީކުރައްވަވާފައި އެވަނީ " ޝައިޠޯނާ އަކީ މީސްތަކުންގެ މައްޗަށް ހުރި ބަޔާންވެގެންވާ ޢަދުއްވެއް" ކަމަށާއި "ޝައިޠޯނާގެ ފިޔަވަޅުތަކަށް ތަބަޢަނުވުމަށެވެ!

މިއީ އިސްލާމް ދީނުގައި އެންމެ މުހިްމު 3 ކަންތަކެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބުމަށް ކޮންމެހެން ކުރަންޖެހޭ 3 ކަންތަކެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުމާއި، އިސްލާމް ދީނަށް ފުރިހަމަ ގޮތުގައި ޢަމަލުކުރުމާއި ޝައިޠޯނާގެ ވަސްވާސްތަކަށް އެއްވެސް ވަރަކަށް ޢަމަލު ނުކުރުމެވެ! އެގޮތުގައި ސާބިތުވެވިއްޖެ މީހާއަށް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން