އަހަރެމެންގެ ތެރެއިން ބައެއް މީހުން ދަމުނަމާދަށް ހޭލަން މަސައްކަތްކުރެއެވެ. ފަތިސް ނަމާދަށް ވެސް ހޭލަން މަސައްކަތްކުރެއެވެ. މަސައްކަތްކުރަމުންގޮސް އެ މަސައްކަތް ކާމިޔާބުވެސް ކުރެއެވެ. އެކަންކަން އަލަށް ފަށައިގަންނަ މީހުންނަށް އެކަންކަމަކީ އެއް ދުވަހުން ޙާޞިލުނުކުރެވިދާނެ ކަންކަމަށްވެދާނެއެވެ. އެހެނީ އެއީ އެކަމަށް ފަށައިގަންނަން ކުޑަކޮށް ބުރަކަމަކަށްވެދާނެތީއެވެ.
ބައެއް މީހުންނަށްވާގޮތަކީ އެކަމަށް ކުޑަކޮށް މަސައްކަތްކޮށްލުމުން ކާމިޔާބު ނުވިނަމަ އެއީ ތިމާއަށް ނުކުރެވޭނެ ކަމެއް ކަމަށް ބަލައި އެކަމަށް މަސައްކަތްކުރުން ހުއްޓާލަނީއެވެ. އެގޮތަށް އެކަން މެދުވެރިވުމަށް އަހަރެން ކިޔާނެ ނަމަކީ ފަހަތުފައަށް ބުރަވެ އިތިފުށަށް ވެއްޓި އިނދަ ޖެހުމެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެއެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާ ދުނިޔެއިން ކަމެއް ޙާޞިލުކުރަން ބޭނުންވެގެން އުޅޭއިރު އެކަމެއް ޙާޞިލުކުރަން ހިތްވަރުކުރަ ފަދައިން އާޚިރަތަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަންވެސް ހިތްވަރުކުރާށެވެ! ދުނިޔެއިން ކަމެއް ޙާޞިލު ނުކުރެވި ދުނިޔެ ދޫކުރަން ޖެހުނު ނަމަވެސް އާޚިރަތް ދުވަހު ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެއެވެ. ނަމަވެސް އާޚިރަތް ދުވަހަށްޓަކައި ކުރަންޖެހޭ ކަންކަން ނުކުރެވި ދުނިޔެ ދޫކުރަން ޖެހިއްޖެ ނަމަ ލިބިދާނެ ގެއްލުން ކިތަންމެހައިވެސް ބޮޑެވެ! ވީމާ ކޮންމެ ފަދަ ޤުރްބާނީއެއް ވެގެން ނަމަވެސް މަސައްކަތްކުރަންވީ އާޚިރަތަސްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށެވެ.
އެގޮތުން ފަތިސްނަމާދާއި ރޭއަޅުކަމަކީ އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ގިނަ ބައަކަށް ކަންނެތްވެ ނުކުރެވޭ ދެ ނަމާދެވެ! މީހާ އެދޭ ކަންކަމަށް ދުޢާކުރަން އޮތް އެންމެ ރަނގަޅުވަގުތަކީ މިވަގުތުތައް ކަމުގައިވީނަމަވެސް ގިނަބައަކު މިތިބެނީ ކަންނެތްވެ ނިދާފައެވެ. އެއީ އެންމެ ހިތާމަހުރި އެއް ކަންތަކެވެ!
ރަނގަޅަށް ވިސްނާށެވެ! ސުވަރުގެ ލިބުން އޮތީ ހީވާގިވީވަރަކުންނެވެ! ރޭގަނޑުގެ ނިދި ޤުރްބާންކޮށް އަޅުކަންކުރި ވަރަކަށް ދެދުނިޔޭގައިވެސް އެމީހަކަށް ދާނީ ކުރިއެރުން އިތުރުވަމުންނެވެ! އިން ޝާ ﷲ
ކުރަން ބޭނުންވެގެން އެކަމެއް ޙާޞިލުކުރަން މަސައްކަތްކުރާ އެއްވެސް ކަމެއް ޙާޞިލު ނުކުރެވިވަނިކޮށް އެކަމަށް މަސައްކަތްކުރުން ހުއްޓާލައިފިނަމަ އެހިސާބުން އެކަމެއްގެ ވާހަކަ ދައްކައި ނިމުނީއެވެ. ކުރި ހުރިހާ ކަމެއް ބާޠިލުވެ ބޭކާރުވެގެން ދިއައީއެވެ. ވީމާ ކުރަން ބޭނުންވެގެން މަސައްކަތްކުރާ އެއްވެސް ކަމެއް ޙާޞިލުނުކުރެވެނީސް އެކަމެއް ޙާޞިލުކުރަން މަސައްކަތްކުރުން ހުއްޓައިލުމެއް ނެތެވެ. އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
ދިރިއުޅުން ކާމިޔާބުކުރެވިފައިވަނީ މިބުނި މަގުން ހިތްވަރާއިއެކު މަސައްކަތަކުރި މީހުންނަށެވެ. ދިރިއުޅުން އުޖާލާކުރެވިފައިވަނީވެސް ހިތްވަރާއިއެކު މަސައްކަތްކުރި މީހުންނަށެވެ. މިކަންކަމަކީ އެންމެންވެސް ޤަބޫލުކުރާ ކަންކަމެވެ. ކޮންމެހެން އެހެން މީހަކު ކިޔައިދޭން ޖެހޭ ކަންކަމެއްވެސް ނޫނެވެ. ނަމަވެސް މިވާހަކަކޮޅުން މިފެށީ ވަރަށް ބޮޑު ބޭނުމެއްގައެވެ. ވީއިރު ތިމާ ހޭލަންޖެހޭ ނަމާދުތަކަށް ހޭލަންކުރާ މަސައްކަތް ހުއްޓާލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން