ޙަޤީޤީ ވާހަކަ: މަރުމަތީގަ ޝަހާދަތް ލައިދިނުމުންވެސް ފިރިމީހާއަކަށް ނުކިޔުނެވެ. މަރުވީ ޝައިޠޯނާ ލޮލަށް ފެންނަ ޙާލުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޙަޤީޤީ ވާހަކަ: މަރުމަތީގަ ޝަހާދަތް ލައިދިނުމުންވެސް ފިރިމީހާއަކަށް ނުކިޔުނެވެ. މަރުވީ ޝައިޠޯނާ ލޮލަށް ފެންނަ ޙާލުގައެވެ!

މިއަދު އަހަރެމެންގެ ތެރެއިން ބައަކު ނަމާދަށް ނުދޭ ސަމާލުކަން ދެނީ ކޮންމެވެސް ފޭނަކަށެވެ! ދަމު ނަމާދު ނުކުރާތަނުގައި ހޭލައި ތިބެގެން ވެސް ފޭނުން ކުރާ ކަންކަން އެބަ ވަގުތުން ބަލަ އެވެ. ސަޕޯޓްކުރާ ކުޅިވަރު ބަލައެވެ. 

ވީއިރު މުސްލިމެއްގެ ނަމުގައި ހުރި ނަމަވެސް އަޅުކަން މިކުރެވެނީ ފޭނުންނަށް ހެއްޔެވެ؟ ﷲ އަށް ހެއްޔެވެ؟ މިފަދައިން އަމަލުކުރާ މީހުންނަށް މިކިޔައިދެނީ ޢިބްރަތްތެރި ހާދިސާއެއްގެ ވާހަކައެކެވެ. ވިސްނައި ޢިބްރަތް ލިބިގަންނާށެވެ! ދެންވެސް ޢަމަލުތައް އިޞްލާޙްކުރެވޭތޯ ގހަދައަޅައި މަސައްކަތްކުރާށެވެ. 

އަހަރެންގެ ފިރިމީހާ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ އަލަން ޝިއެރާގެ ވަރަށް ވަރުގަދަ ސަޕޯޓަރެކެވެ! އޭނާގެ މެޗެއް ހޭލައި އިނދެގެންވެސް ނުބަލައި ދޫކޮށްނުލާނެއެވެ. ފިރިމީހާގެ އެންމެ ބޮޑު އުފަލަކީ އެލަންގެ ކަންކަން ކޮޕީކުރުމެވެ. ނިދާ ކޮޓަރީގައިވެސް އިސްކޮޅާ އެއްވަރުގެ ފޮޓޯއެއް ބަހައްޓާފައި ހުރެއެވެ! 

އެއް ދުވަހަކު ހަވީރު ގޭގައި އިނދެފައި ބުނީ ބުރަކަށީގައި ވަރަށް ގަދައަށް ރިއްސާ ކަމަށެވެ. ދެން އަވަހަށް އެމްބިޔިލާންސަށް ގުޅީއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ސްޓްރެޗަރަށް އަރުވަން އުޅެން ފެށުމުން ރަނގަޅަށް ދަރިން ބެލުމަށް ވަޞިއްޔަތްކުރިއެވެ. "ކަންބޮޑުނުވާށެވެ! ކުޑްއިރުކޮޅެއްގެ އެނބުރި ގެއަށް އާދެވޭނެ! ކަމަށް ބުނީމެވެ. އެމްބިޔުލާންސަށް އެރުވިއިރު ގެއަށް ބަލަހައްޓައިގެން އޮތް ގޮތުން ހީވީ ދެން އެނބުރި ގެއަށް ނާދެވިދާނެކަން އޭނާއަށް އެނގޭހެންނެވެ. 

ހޮސްޕިޓަލަށް ގެންދިއުމުން ޓެސްޓްތައް ހަދައި ސްކޭންތައް ކުރުމަށްފަހު ބުނީ އެތެރެހަށްޓަށް ވަރަށް ބޮޑަށް ކެންސަރުޖެހިފައިވާ ކަމަށެވެ! ސިކުނޑިއަށްވެސް ވަރަށް ބޮޑަށް ކެންސަރުޖެހިފައިވާ ކަމަށެވެ. ފުރާނަ ސަލާމަތްކުރަން ދެވޭނެ ފަރުވާއެއް ނެތްކަމަށެވެ. މެޝިންތައް ގުޅުމަށްފަހު ޑޮކްޓރުން ބުނީ ދުނިޔޭގައި އޮންނާނީ ކިތައް ދުވަހުކަން ކިތައް ގަޑިއިރުކަން ބުނަން ނުއެނގޭ ކަމަށެވެ. 

އެވަގުތު ފިރިމީހާ އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފިއެވެ. ޝަހާދަތް ލައިދޭން މަސައްކަތްކުރީމެވެ. ނަމަވެސް ކުޑަދޮރާއި ދިމާއަށް ބަލަން އޮވެ ބާރަށް ހޭން ފެށިއެވެ. އަޑުގަދަވުމުން ޑޮކްޓަރުންތައް ދުވެފައި އައެވެ. ނަރުހުންތައްވެސް އައެވެ. ފިރިމީހާ އުނަގަނޑު ހިއްލައިލިއެވެ. އަދި ވަރަށް ބާރަށް ބުނަން ފެށިއެވެ. "އަލަން ޝިއެރާ! އަލަން ޝިއެރާ!" އިރުކޮޅެއްވީތަނާ ހަށިގަނޑާއި ފުރާނަ ވަކިވެއްޖެއެވެ. 

މީސްތަކުންނޭވެ! މިއީ އޭނާގެ އަނބިމީހާ އަހަރެންނަށް ކިޔައިދިން ގޮތެވެ! ވިސްނާށެވެ! އެމީހަކު މަރުވާނީ އެމީހަކު ދުނިޔޭގައި އުޅުނު ފަދަ ޙާލަތުގައިކަމަސް ބުނަންޖެހޭ މިބާވަތުގެ އެތައްކަމެއް ދަނީ ފެންނަމުންނެވެ. ޤިޔާމަތްވުމުން އެމީހާ ކައްވަޅުން ތެދުވާނީ އެމީހާ މަރުވިފަދައަކުންނެވެ.

އެއްވެސް މީހަކު މަރުވުމުން އެމީހާ އާއިމެދު ގޮތް ކިޔުމެއް ނެތެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް ޝަހާދަތް ލައިދިނުމުން ކިޔޭނެ ގޮތް ނުވުމާއި ދެން ހިނގައި އެދިއަ ކަންކަމަކީ ވިސްނައިލުން މުހިންމު ކަންކަމެވެ.

 

- ޝައިޚް މުޙައްމަދު ޢަބްދުލްޖައްބާރުގެ ދަރުސަކުން

މިއަދު އޮންލައިން