ވިސްނައިލާށެވެ! ރަސޫލް ﷺ އާއި ޞަހާބީން ހޭލައި ތިއްބަވައިގެން ވިދިވިދިގެން 10 ރޭ ﷲ ތަޢާލާއަށް އަޅުކަން ކުރެއްވެވިއެވެ. މިދައްކަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ވާހަކައެވެ. ޖެހިގެން މިއަންނަނީ ޢީދު ދުވަހެވެ. ޢީދު ދުވަސް އައުމުން އެބޭކަލުން އުފާކުރެއްވެވިއެވެ. މީސްތަކުން ނުކުމެ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކުޅިވަރުތައް ކުޅެ ހަދައެވެ.
ދެން ވިސްނައިލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން އިމެއްނެތި ޘަވާބުލިބޭ އަޅުކަމަކީ ރޯދަހިފުން ކަމަށްވީނަމަވެސް 2 ޢީދު ދެދުވަހަކީ ރޯދަހިފުން ޙަރާމް ކުރައްވަވާފައިވާ 2 ދުވަހެވެ. އެއީ މީސްތަކުން އުފާ ކުރެއްވެވުމަށް އޮތް 2 ދުވަސްކަމުގައި ލައްވަވާފައިވާތީއެވެ. ނަމަވެސް ހަނދާންކުރާށެވެ! ﷲ ތަޢާލާ ހުއްދަކުރެއްވެވި އިންތަކުގެ ތެރެއިންނެވެ.
ނަމަވެސް މިއަދު ޢީދު އައުމުން މުސްލިމުންގެ ތެރެއިން ބައަކު ދަތިޙާލުގައި އުޅޭތީ ކަމަށްބުނެ ޢީދުގައި އުފާކުރަން ބޭނުން ނުވާ ބައަކު އެބައުޅެއެވެ. އެހެދެނީ ގޯހެކެވެ. އެއީ ނުބައި ވިސްނުމެކެވެ. އެމީހުންނަށް ކޮށްލަން ބޭނުންވާ ސުވާލަކީ ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގައި މީސްތަކުންނަށް މުޞީބާތްތައް ކުރިމަތިވެ މުސްލިމުންނަށް ހިތާމަތައް ކުރިމަތިނުވާ އަހަރެއް އައިހެއްޔެވެ؟ މުސްލިމުންގެ ބައަކު ޝަހީދުނުކުރެވޭ އަހަރެއް ދިއަ ހެއްޔެވެ؟ އެހެންކަމާއިއެކުގައިވެސް އެންމެ އަހަރެއްގެ ޢީދުވެސް ފާހަގަނުކުރައްވަވައި ދޫކޮށްލެއްވެވި ހެއްޔެވެ؟ ދުލެއް ނުކުރައްވަވައެވެ!
ވީމާ ޢީދު ދުވަހަކީ އުފާކުރުމުގެ ދުވަހެވެ! އުފާކުރުމުގެ ތެރެއިންވެސް މުސްލިމުންގެ ތެރެއިން ދަތިޙާލުގައި ތިބެންޖެހިފައިވާ، ތަކްލީފްތައް އުފުލަންޖެހިފައިވާ މީހުންގެ މަތިން ހަނދުމަކޮށް އެމީހުންނަށްޓަކައި ހެޔޮދުޢާކުރާށެވެ! ތަނަވަސްކަން ހުރިނަމަ އެމީހުންނަށްޓަކައި ޞަދަޤާތްކުރާށެވެ! އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ.
އެއީ މިއަދު އަތުގައި އޮންނަ ފޯނުންވެސް ކޮށްލެވެންހުރި ކަންކަމެވެ. އެމީހަކު ބޭނުންވާ ބައަކަށް ނުވަތަ މީހަކަށް ޞަދަޤާތެއް ދޭން ހިފައިގެންދާކަށް ނުޖެހެއެވެ. އޭނާގެ ނުވަތަ އެހީތެރިވެދޭ ޖަމާޢަތެއްގެ އެކައުންޓަށް ފޮނުވައިލުމުން އެއޮތީ ޞަދަޤާތް ދެވިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން