އަހަރެމެންގެ ތެރެއިން، މިބުނަނީ ހަމަ މުސްލިމުނެގެތެރެއިން ބައެއް މީހުންނަކީ ދިރިއުޅެން ކުރަން މަސައްކަތް ނިމި ހުސްވަގުތެއްލިބޭއިރަށް ފިލަމަކަށްފަހު ފިލްމެއް ބަލާބައެކެވެ. އަނެއްބައަކު ގޭމަކަށްފަހު ގޭމެއް ކުޅެނީއެވެ. އަނެއް ބައަކު އެކަކަށްފަހު އަނެކަކާއި ޗެޓްކުރަނީއެވެ.
އެމީހަކު ކުރާހިތްވާނަމަ މިއިން އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް ނުކުރަން ބުނަނީއެއް ނޫނެވެ. އަހުރެންގެ ސުވާލަކީ މިބުނި މަގުން އެކަންކަން ކުރާނަމަ އެމީހަކު ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދު ކޮބައިހެއްޔެވެ؟
ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވާފައިވަނީ ވަކި މަޤްޞަދެއް ޙާޞިލްކުރުމަށެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. އަޅުކަންކުރެވޭނީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްގެންނެވެ. މިބުނި ފަދަ ކަންކަން ކެނޑިނޭޅިކުރާ މީހާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނީ ކޮން ވަޤުތަކުހެއްޔެވެ؟ އެކަމަށް ވަޤުތުނުވާ މީހާއަށް ކުރެވޭނީ ކޮންއަޅުކަމެއް ހެއްޔެވެ؟
ތިބާ ދަތުރުކޮށްފައި ތަނަކަށް ދިއައީ ވަކި ބޭނުމަކުއެވެ. އެދަތުރުގައި އެބޭނުން ޙާޞިލު ނުކުރެވުނުނަމަ ތިބާއަށް އެދަތުރުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ދުނިޔޭގައި ހޭދަކޮށްލަން މިލިބޭ ކުޑަކުޑަ ވަޤުކޮޅުގެ ޙަޤީޤަތަކީވެސް ހަމައެއީއެވެ. ތިބާ ދުނިޔެއަށް ފޮނުއްވެވުނު ބޭނުން ޙާޞިލުނުކުރެވިއްޖެނަމަ ފޭލްވީއެވެ. އާޚިރަތް ގެއްލުނީއެވެ.
ވީމާ އަހރެންގެ ނަބޭޙަތަކީ އަމިއްލައަށް އާޚިރަތް ނަގައިލާ މީހަކު ކަމުގައި ނުވުމެވެ. ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދު ޙާޞިލްކޮށްގެން ސުވަރުގެ ވަންނަ މީހަކު ކަމުގައިވުމެވެ. ވީމާ ވަޤުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން