މައިން ބަފައިން ރޭއަޅުކަމަށް ހޭލުންތެރިނުވެ އާޚިރަތްވެސް އަދި ދަރިންކޮޅުވެސް ސަލާމަތުން ނުލިބޭނެކަން ޔަޤީންކުރެވޭ ބައެއް ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
މައިން ބަފައިން ރޭއަޅުކަމަށް ހޭލުންތެރިނުވެ އާޚިރަތްވެސް އަދި ދަރިންކޮޅުވެސް ސަލާމަތުން ނުލިބޭނެކަން ޔަޤީންކުރެވޭ ބައެއް ސަބަބު-

ރޭގަނޑަކީ ވަރަށް ބޮޑު ނިޢްމަތެކެވެ! ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވުމުގެ ފުރުޞަތުވެސް ލިބިގެންދަނީ ރޭގަނޑުއެވެ. އަދި ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ނަމާދު، ދަމުނަމާދު ކުރެވެން އޮތީވެސް ރޭގަނޑުއެވެ. އެހެންކަމުން އެކަލާނގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ މަތިކޮށްލުމުގެ ފުރުޞަތު އެންމެ ބޮޑަށް ލިބިގެން މިދަނީ ރޭގަނޑުއެވެ.

މިއަދު ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލުވަމުން މިދަނީ ރޭގަނޑުން އެމީހުންނަށް ލިބެން އޮތް ފައިދާ ޙާޞިލުކުރުމުގައެވެ. އެއީ ވީހައި އަވަހަކަށް ނިދައި ރޭގަނޑުގެ ފަހުބައިގައި ހޭލައި ރޭއަޅުކަން ކުރުމެވެ. ދެމަފިރިން އެކުގައި ދަމުނަމާދުކޮށް ތިމާމެންނަށް އެންމެ ބޭނުންވެފައިވާ ކަންކަމަށް އެދި ދުޢާ ކުރުމެވެ. ފާފަ ފުސއްސަވައި ދެއްވެވުން އެދި ދުޢާކުރުމެވެ. ޢާއިލާއަށް ތަނަވްސްކަން ދެއްވަވައި ލިބިފައިވާ ދަރިންނަށް ރަނގަޅު ޢިލްމާއި ތަރުބިއްޔަތު ލިބޭނެ މަގުފަހިކޮށްދެއްވެވުން އެދިވެސް ދުޢާ ކުރުމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ތެރެއިން ގިނަ ބައަކު ނިދަނީ، ނިދައި ހޭލަންވާ ވަގުތުގައެވެ. ކުރިން މިބުނި ފަދައިން އަޅުކަންކުރަންވީ ވަގުތުގައެވެ. ހޭލައި ތިބެގެން ކުރެވެނީ ރަނގަޅު ކަންކަމެއްވެސް ނޫނެވެ. ހަމަހަމަ ވަރަށް ކުރުކުރުކޮށް ވާހަކައެއް ބުނެލާނަމެވެ.

އެންމެ 11 ވަރަކަށް އަހަރުގެ އަންހެންކުއްޖަކު ދާދިފަހުން ވަނީ އޭނާ ސިޓިންގ ރޫމްގައި ނިދިފައި އޮއްވައި މަންމަ އާއި ބައްޕަ ބެލި ފިލްމެއްގެ ވާހަކަ އޭނާގެ އެކުވެރިންނަށް ކިޔައިދީފައެވެ. އެ ކުއްޖާ ބުނެފައިވަނީ އެއީ ދަންވަރުގެ ވަގުތެއް ކަމަށާއި އޭނާއަށް ހޭލެވުމުން ހޭލެވުނުކަން ނާންގައި ސިއްރުން އޭނާވެސް ފިލްމް ބަލަން އޮތީ ކަމަށެވެ.

ނިކަން ވިސްނައިލަބަލާށެވެ! ދަރިފުޅަށް އެވަގުތު ހޭލެވުނުއިރު މަންމަ އާއި ބައްޕަ ތިބީ ﷲ ތަޢާލާއަށް އަޅުކަންކުރަން ނަމަ ކުއްޖާއަށް ދަސްވާނެ ފިލާވަޅާއި ލިބޭނެ ތަރުބިއްޔަތާއި ނަމަވެސް މިލުބުނު ފިލާވަޅާއިމެދުގައެވެ.

މިހިރަ މިހިރަ ކަންކަމަކީ އަހަރެމެން ކޮންމެ މީހަކުވެސް ފުންކޮށް ވިސްނައި ފިކުރުކުރަންޖެހޭނެ ކަންކަމެވެ. ކޮންމެ މައަކުވެސް ބަފައަކުވެސް ޢިބްރަތް ޙާޞިލުކުރަން ޖެހޭނެ ކަންކަމެވެ. ދެދުނިޔެ ކާމިޔާބުކުރަން ބޭނުން ނަމަ ޢަމަލުކުރަން ޖެހޭނެ ކަންކަމެވެ. ނުވިސްނުމުން ތިމާމެންނަށް އާޚިރަތް ގެއްލިގެންދާއިރު ދަރިންކޮޅުވެސް އެދަނީ މަގުފުރެދެމުންނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރޭގަނޑާއިމެދު އިތުރަށް ސަމާލުވާށެވެ! ރޭގަނޑުގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ! ރޭގަނޑަކީ ތިމާގެ ނަފްސް ހަލާކުގެ ތެރެއަށް އެއްލައިލަން ލިބޭ ފުރުޞަތަކަށް ނުހަދާށެވެ! ރޭގަނޑުގެ ފަހުބައިން ލިބެން ހުރި ނިޢްމަތްތައް ލިބިގަތުމުގައި ހީވާގިވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން