ތިބާ ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނަމަ ނިކަން މިގޮތަށް އަމަލުކޮށްލަބަލަ! ކާމިޔާބުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ތިބާ ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނަމަ ނިކަން މިގޮތަށް އަމަލުކޮށްލަބަލަ! ކާމިޔާބުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ކޮންމެ މީހަކީވެސް އެމީހަކު ކުރާ ކޮންމެ ކަމެއްގައިވެސް ކުރިއަރައިދާން ބޭނުންވާނެ މީހެކެވެ. އެކަމަށް މަސައްކަތްވެސް ކުރާ މީހެކެވެ. ނަމަވެސް އެއްބައަކަށް ވަރަށް ބާރަށް ކުރިއަރައިގެންދެވޭއިރު އަނެއްބައެއް ކުރިއަރައި ދެވެނީ ވަރަށް ކުޑަ މިންވަރަކަށެވެ. އަނެއް ބައަކަށް އޮންނަނީ ކުރިއަރައި ނުވެސް ދެވިފައެވެ.

މިފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ފުރަތަމަ ވެސް ވިސްނައިލަންވީ އެމީހާގެ އަމިއްލަ ޙާލަތާއިމެދުގައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބުމަށް ކުރެވިފައިވަނީ ކޮންކަމެއް ކަމާއިމެދުގައެވެ.

އެގޮތުން ފުރަތަމަ ވެސް ވިސްނައިލަންވީ ތިމާއަށް އެހެން މީހުންނަށް އެހީތެރިވެދެވޭ މިންވަރަށެވެ. ތިމާގެ މައިންބަފައިންނަށާއި އަނބިދަރިންނަށާއި ޢާއިލާއަށް އަދި އެހެން މީހުންނަށްވެސް ތިމާއަށް އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރަށެވެ. އެހެނީ ތިމާ އެހެން މީހުންނަށް އެހީތެރިވެދިނުމުގައި ދެމިހުރިހައި ހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންހުންނަވާނެތީއެވެ. އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންހުންނެވިނަމަ އެމީހަކަށް ކުރިއެރުން ލިބެމުންދާނެތީއެވެ.

ކޮންމެ އިންސާނަކީ ވެސް އެމީހަކު ދުނިޔެއަށް އުފަންވީންސުރެ އެހެން މީހުންގެ ލޯތްބާއި އެހީތެރިކަމަށް ބޭނުންވާނެ މީހެކެވެ! އެހެން މީހުންގެ ލޯތްބާއި އެހީތެރިކަން ނުލިބޭނަމަ ތުއްތު ކުއްޖާ ބޮޑުވާނީވެސް ކިހިނަކުން ހެއްޔެވެ؟ ބޮޑުވުމަށްފަހު ދިރިއުޅެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ މިކަންކަމުން އެނގެނީ ދުނިޔޭގައި މީސްތަކުން ލައްވަވާފައި މިވަނީ އެކަކު އަނެކަކަށް އެހީތެރިވާންޖެހޭ ނިޒާމެއްގެތެރެއިން ކަމެވެ. ކޮންމެ މީހަކީވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާނެ މީހެއް ކަމެވެ. މީސްތަކުންނަށް އެހީތެރިވުމުން މިހައި ބޮޑު ނިޢްމަތެއް ﷲ ތަޢާލާ ދެއްވަވާ ސަބަބަކީވެސް އެއީކަމަށްވެދާނެއެވެ.

އެހީތެރިކަމަކީ ހަމައެކަނި ޑޮލަރު ހުރެގެން ފޯރުކޮށްދެވޭނެ ކަމެއްކަމަށް ހީނުކުރާށެވެ! މީހަކަށްފައިދާކުރާނެ މަސައްކަތެއް ދަސްކޮށްދިނުމަކީ ވެސް އެހީތެރިވުމެވެ. ހެޔޮ ބަސްބުނެ ހިތްވަރުދީ ނަޞޭޙަތް ދިނުމަކީވެސް އެހީތެރިވުމެވެ. ކުރުކޮށް ބުނާނަމަ އެހެން މީހަކަށް ފައިދާކުރާނެ ކޮންމެ ކަމެއްގައި އެހީތެރިވުމަކީވެސް އެހީތެރިވުމެވެ.

ވީމާ ކަމެއް ކުރަން ބޭނުންވެގެން މަސައްކަތްކުރާނަމަ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މީހަކުކަމުގައިވާށެވެ! ތިމާއާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާ މީހަކުކަމުގައި ވެވިއްޖެ ނަމަ އެމީހަކަށް އެއްވެސް ކަމެއް ޙާޞިލު ނުކުރެވިގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން