ނުހަނު ފަސޭހައިން ކުރެވެން އޮތް އެންމެ 2 ރަކްއަތުން މިހާގިނަ ފައިދާތައް ލިބެން އޮތްއިރުވެސް އެނަމާދަށް މިއަދު ގިނަ ބައަކު މިތިބީ ޣާފިލުވެފަ- ފައިދާތައް ނުވެސް އެނގެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ނުހަނު ފަސޭހައިން ކުރެވެން އޮތް އެންމެ 2 ރަކްއަތުން މިހާގިނަ ފައިދާތައް ލިބެން އޮތްއިރުވެސް އެނަމާދަށް މިއަދު ގިނަ ބައަކު މިތިބީ ޣާފިލުވެފަ- ފައިދާތައް ނުވެސް އެނގެނީ!

ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ނަމާދަކީ ތަހައްޖުދް ނަމާދުކަން އެއީ އެނގެން އޮތް ކަމެކެވެ. ތަހައްޖުދުނަމާދަށް ބަލައިފިނަމަ ނިދީން ހޭލަން ޖެހެއެވެ. ނަމަވެސް މިރޭ ދައްކަން މިއުޅެނީ ދުވާލު ހޭލައި ހުންނައިރު ވަރަށް ފަސޭހައިން ކުރެވެން އޮތް ނަމާދެއްގެ ވާހަކައެވެ.  

އެއީ ޟުޙާ ނަމާދެވެ. ވަޤުތަކީ ޢާންމުކޮށް ބަލައިފިނަމަ އިރުއަރައި 15 މިނިޓްވުމުން ފެށިގެން މެންދުރު ނަމާދުގެ ވަޤުތުޖެހެން 15 މިނިޓަށް ގާތްވުމާއި ހަމައަށެވެ. ވީމާ އެނަމާދުކުރަން ގިނަ ވަޤުތުތަކެއްވެސް އެބަ ލިބެއެވެ. ދެން އޮތީ ކުރަން އެންމެ ރަނގަޅު ވަޤުތަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. ކުރަން އެންމެ ރަނގަޅު ވަޤުތަކީ މިބުނި ވަޤުތުގެ މެދެވެ. ވީމާ އެއީ 9.30-10:00 ކަމަށް ބެލިދާނެއެވެ.  

ކޮންމެއަކަސް ޞުޙާ ނަމާދަކީ އެކަމެއް ކުރުމަށް ރަސޫލް އަބޫހުރައިރަތުގެފާނަށް ވަޞިއްޔަތް ކުރެއްވެވި 3 ކަންތަކުގެ ތެރެއިން އެއްކަންތައްކަމަށްވުމުން ޟުޙާނަމާދަށް އަހަރެމެންދޭންޖެހޭ ސަމާލުކަން އެނގިގެން އެބަދެއެވެ.  

އަދި ތީއްހެއްޔެވެ؟ ޞުޙާ ނަމާދާއިމެދު ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެއީ ތައުބާވާމީހުންގެ ނަމާދު ކަމުގައެވެ. އަހަރެމެން ކޮންމެ މީހަކީވެސް ގިނަގިނައިން ތައުބާވާންޖެހޭ މީހެކެވެ. ޟުޙާ ނަމާދުކުރުމުން ތައުބާވާމީހުންގެ ތެރޭގައި ހިމެނިގެން އެބަދެއެވެ. އިން ޝާ ﷲ  

ދެން އޮތީ މިޒަމާނުގައި އެންމެ ބޮޑުވެފައިވާ މައްސަލައެވެ. އެއީ ހާސްވުމާއި ކަންބޮޑުވުމެވެ. އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ހާސްވުމާއި ކަންބޮޑުގައި ދިރިއުޅެންޖެހިފައިވާ މީހަކަށްވާތީއެވެ. ޟުޙާނަމާދަކީ ހާސްކަމާއި ކަންބޮޑުވުން ފިލުވައިލަދޭ ނަމާދެކެވެ.  

އަދި ވެސް އޮތީއެވެ. ޟުޙާ ނަމާދުކުރުމުން ހަށިގަނޑުގައިވާ 360 ގުނަވަނުން ކޮންމެ ދުވަހަކު ކުރަންޖެހޭ ޞަދަޤާތް ކުރިކަމަށްވާނެއެވެ.   

ދެން ފާހަގަކޮށްލަންޖެހެނީ ޙައްޖާއި ޢުމުރާެއްގެ ޘަވާބުގެ ވާހަކައެވެ. އިމާމާއިއެކު ފަތިސްނަމާދުކޮށްގެން ޛުކުރުކުރުންމަތީގައި މިސްކިތުގައި އިނދެ ޟުޙާ ނަމާދުގެ ވަޤުތު ޖެހުމުން (އިރުއަރައި 15 ވަރަކަށް މިނިޓްވުމުން) ޟުޙާ ނަމާދުގެ 2 ރަކްއަތް ކޮށްފި މީހަކަށް ޙައްޖާއި ޢުމްރާއެއް ވުމުގެ ޘަވާބު ދެއްވަވާނެކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

އަދި ކީއްހެއްޔެވެ؟ އަނހެނުން ގޭގައި ނަމާދުކޮށްގެންވެސް މިގޮތަށް ޢަމަލުކޮށްފިނަމަ ހަމަ އެފަދައިން ދަރުމަ ދެއްވަވާނެތެވެ. އިން ޝާ ﷲ

ނުހަނު ފަސޭހައިން ކުރެވެން އޮތް އެންމެ 2 ރަކްއަތުން މިހާގިނަ ފައިދާތައް ލިބެން އޮތްއިރުވެސް އެނަމާދަށް މިއަދު ގިނަ ބައަކު މިތިބީ ޣާފިލުވެފައެވެ. ނުކުރެއެވެ. ފައިދާތައް ނުވެސް އެނގެނީއެވެ. ވީމާ މިއީ ހަނދުމަކޮށްލައިދިނުމެކެވެ.  

އަހުރެންގެ ވަޞިއްޔަތަކީ މިތަނުގައި މިތިބަ އެންމެންނާއި ޔޫޓިޔުބުން އަޑުއަހާ މީހުންނާއި ދަރުސްގެ ލިޔުންތައް ކިޔާ މީހުން އެމީހުންގެ އެކުވެރިންނަށް މަޢުލޫމާތު ޝެއާކޮށްލައިދީ ހަނދުމަކޮށްލައިދިނުމެވެ. އެކަމުގެ ފައިދާ އެކަންކުރި މީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ ތިބާގެ ސަބަބުން މީހަކު ޟުޙާނަމާދުކުރަން ފަށައިފިނަމަ އެމީހަކަސް އުނިކުރެއްވެވުމެއްނެތި ތިބާއަށްވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ  

- ޝައިޚް މުޙައްމަދު ބާޖައުރގެ ދަރުސަކުން

މިއަދު އޮންލައިން