މީހުން މެރުމަކީ އިސްލާމް ދީނުގައި ބަޔާންކުރައްވާފައި ހުރި ބޮޑެތި ފާފަތަކުގެ ތެރެއިން 3 ވަނަ ފާފައެވެ. މީހަކު މެރުމުން މަރުގެ އަދަބު ތަންފީޒުކުރަންޖެހެނީ އެހެންވެގެންނެވެ. ފާހަގަކޮށްލަން މިއުޅެނީ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކު ތިމާގެ އިހުމާލުން މަރުވެއްޖެނަމަ ވެދާނެ ގޮތަކާއިމެދުގައެވެ.
އަނބިދަރިންނާ މައިންބަފައިންނަކީ އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނެވެ. އެއިން މީހަކު ތިމާގެ އިހްމާލުން މަރުވެއްޖެ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެއީ ޤަޞްދުގައި މީހަކު މެރުން ނޫންނަމަވެސް އެއީ ބިރުހުރި ކަމެކެވެ. އެއީ އެމީހަކަށް ދުނިޔެދޫކުރަންޖެހުނީ އެމީހާގެ އިހްމާލުންކަމުގައިވާތީއެވެ. އޭނާގެ ފުރާނަ ސަލާމަތްކުރެވެން އޮއްވައި އެކަން ނުކުރީތީއެވެ.
ދެން ޚަރަދުނުދޭ ބައްޕައިންގެ މައްސަލައަށް ބަލައިލަމާ ހިނގާށެވެ! ދަރިފުޅަށް ބައްޕަޚަރަދުނުކުރާތީ ބޭސްފަރުވާ އާއި އެހެނިހެން ކަންކަން މަންމައަށް ކޮށްނުދެވިގެން އެތައް ހާސް ދަރިން ކޮންމެ ދުވަހަކު ދަނީ މަރުވަމުންނެވެ. ޚަރަދުކުރަންޖެހޭ ބައްޕަ އެކަމުގައި އުފުލަންޖެހޭނެ ޒިންމާ އާއިމެދު ނިކަން ވިސްނައިލަބަލާށެވެ. އެދަރިފުޅު މަރުވެގެން އެދިއައީ ބައްޕަގެ ސަބަބުން ނޫންހެއްޔެވެ؟
މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅު ވައްޓައިލުމަކީވެސް ދަރިން މެރުމެވެ. ވީމާ ޝަރީޢާ ހުއްދަކުރާ ހަމަތަކުގެމަތިން ނޫނީ ދަރިން ވައްޓައިލުމަކީ ޤަޞްދުގައި މީހަކު މެރުމެވެ. ތުއްތުކުދިން މެރުމާއި މައިންބަފައިން މެރުމަކީ މީހުންގެ މެރުމުގެ ތެރެއިން އެންމެ ނުބައިކަން ބޮޑު ފާފަތަކެވެ.
ތުއްތުކުދިން މެރުމުގެ ފާފަ އެހައި ބޮޑުވެގެންދަނީ އެއްވެސް ކުށެއްނެތް ފުރާނައެއް ޤަތުލުކުރެވޭތީއެވެ. މައިންބަފައިން މެރުމުގެ ފާފަ އެހައި ބޮޑުވެގެންދަނީ ތިބާއަށް ދުނިޔެއައުދެވިފައި ތިއަހުރީ އެމީހުންގެ ސަބަބުންކަމުގައިވާތީއެވެ. ތަކްލީފްތައް އުފުލައިގެން ތިބާ ބަލައި ބޮޑުކުރީ އެމީހުން ކަމުގައިވާތީއެވެ.
- ޝައިޚް އަބޫބަތުރު ޒައުދުގެ ދަރުސަކުން