އުފަންވުމާއި މަރުވުމުގެ ވާހަކަތައް ފޮތްތަކުގައި އެކި ގޮތްގޮތަށް ލިޔެފައި ހުރެއެވެ. އެއީ އެމީހުންގެ ވިސްނުމުގައެވެ. އެފޮތްތައް ލިޔުނު މީހުން ނުވަތަ ކިޔަވައިދޭ މީހުން ވެސް އުފެއްދެވީ ހަމަ ﷲ ތަޢާލާއެވެ. ވީމާ އެންމެ މޮޅަސް ދެނެވޮޑިގެންވާނީ ﷲ ތަޢާލާ ނޫންހެއްޔެވެ؟
މިކިޔައިދެނީ އެންމެ 2 އާޔަތެވެ! ފުރަތަމަ އާޔަތުގައި މިކިޔައިދެނީ "ލައިފް ސައިކަލްއެވެ. ލައިފް ސައިކަލް މިއާޔަތުގައިވާ ފަދައިން ދަސްކޮށްފި މީހާ ﷲ ތަޢާލާއަށް ބިރުވެތިވާނެއެވެ! އިސްލާމް ދީނަށް ޢަމަލުވެސް ކުރާނެއެވެ.
މައްސލައަކީ ދަރިވަރުންނަށް ލައިފް ސައިކަލް ކިޔަވައިދޭ ފޮތްތަކުގައި ލައިފް ސައިކަލްގެ ޙަޤީޤަތް ހާމަކުރަން ނުކުރެމެވެ. އޮޅުން އަރާގޮތަށް ލިޔާކަމެވެ. އެވެރިން ލިޔާ ފޮތަކުން މުސްލިމުންނަށް އޮޅުވައެއް ނުލެވޭނެއެވެ. އެހެނީ ލައިފްސައިކަލްއަކީ ކޮބައިކަން މިއޮތީ ކީރިތި ޤުރްޢާނުން ފެންނާށެވެ! ތިބާވެސް މިއާޔަތުން ލައިފް ސައިކަލް ދަސްކުރާށެވެ! އަދި ދަރިންނަށްވެސް ދަސްކޮށްދޭށެވެ!
"ތިއަބައިމީހުން ﷲ އަށް ކާފިރުވެގަންނަނީ، ކޮންގޮތަކުންހެއްޔެވެ؟ ތިއަބައިމީހުން މަރުވެފައިވާ ބައެއްގެ ގޮތުގައި ތިއްބައި، ފަހެ އެކަލާނގެ ތިއަބައިމީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށްފަހު، އެކަލާނގެ ތިއަބައިމީހުންގެ (އަޖަލު ހަމަވުމުން) މަރުގަންނަވާނެތެވެ. ދެން (ޤިޔާމަތް ދުވަހުން) ތިއަބައިމީހުން ދިރުއްވާނެތެވެ. ދެން އެކަލާނގެ ޙަޟްރަތަށް ތިއަބައިމީހުން ރުޖޫޢަ ކުރައްވާނެތެވެ." (އަލްބަޤަރާ: 28)
ދެވަނަ އާޔަތުގައި މިވަނީ ފުރަތަމަ އާޔަތުގައިވާ ފަދައިން ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަކުރެއްވެވޭ ދުވަހު ކަންތައްތައް ހިނގާނެ ގޮތެވެ!
"ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިއަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިއަބައިމީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެއަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބުލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." (އާލްޢިމްރާން: 185)
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމައެކަނި މި 2 އާޔަތުންވެސް އެނގިގެންމިދަނީ ވަރަށް ގިނަ ކަންތައްތަކެވެ. ދުނިޔެއަށް ފޮނުއްވެވުމުން މީހާގެ ސައިޒު އޮޅިގެން އުޅުނު ނަމަވެސް އެއްވެސް މަޚްލޫޤަކީ އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫންކަމެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއަށް ކަމެވެ.
އެހެނީ ދުނިޔެއަށް ފޮނުއްވެވުމުގައިވެސް އެއްވެސް ބާރެއް ނެތެވެ! އަދި ދުނިޔޭގައި ހުރުމަކަށްވެސް އެއްވެސް ބާރެއް ނެތެވެ. ދުނިޔެއަށް ފޮނުއްވެވި މުއްދަތު ހަމަވުމުން ޖެހޭނީ ރުހުނަސް ނުރުހުނަސް ހަމަ ދުނިޔެއިން ނުކުމެގެންދާށެވެ!
އެއަށްފަހު ކުރިމަތިލާން މިޖެހެނީ މީޒާނާއިއެވެ. މީޒާނުގައި މީހާގެ އަމަލުތައް ކިރައި ހިސާބު ބެއްލެވުމާއިއެވެ. ދެވަނަ އާޔަތުގައި އެވަނީ އެވަގުތު ކަންތައްތައް ވެގެންދާނެ ގޮތެވެ!
ވީމާ މި 2 އާޔަތަށް ސަމާލުކަންދޭށެވެ! ހިދާޔަތު ލިބިގެންދާނެއެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން