އެކުގަ އެއްގޭގަ ދިރިއުޅޭ އަނބިމީހާ ބަލިވެ ވޭނުގަ އުޅޭތާ އެތައް ދުވަހެއްވާއިރުވެސް ބުނެލާނެ ފުރުޞަތު ނުދީފަ ލޯބިވާކަމަށް ބުނުމަކީ ލޯތްބަށްކުރާ ފުރައްސާރައެއް! ހަދާ މަކަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
އެކުގަ އެއްގޭގަ ދިރިއުޅޭ އަނބިމީހާ ބަލިވެ ވޭނުގަ އުޅޭތާ އެތައް ދުވަހެއްވާއިރުވެސް ބުނެލާނެ ފުރުޞަތު ނުދީފަ ލޯބިވާކަމަށް ބުނުމަކީ ލޯތްބަށްކުރާ ފުރައްސާރައެއް! ހަދާ މަކަރެއް!

މިރޭ ދައްކަން މިއުޅެނީ ދިރިއުޅެންކުރާ މަސައްކަތުގެ ސަބަބުން 2 ރަށެއްގައި ނުވަތަ ދުރުގައި އުޅެންޖެހިފައިވާ ދެމަފިރިންގެ ވާހަކައެއް ނޫނެވެ. އެއްރަށެއްގައި އެއްގެއެއްގައި އެއްފުރާޅެއްގެ ދަށުގައި ދިރިއުޅެމުން އަންނަ ދެމަފިރިންގެ ވާހަކައެވެ.

އަނބިމީހާ ބަލިވީއެވެ. ހިތްވަރުކޮށްލާފައިވެސް ތެދުވެ އުޅެއެވެ. ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެއެވެ. ދަރިންވެސް ބަލައެވެ. ގޭތެރޭގެ ކަންކަންވެސް ކުރެއެވެ. ނަމަވެސް ބަލިވެއުޅޭތީ ވޭން އުފުލަމުންނެވެ. އެހެންކަމާއިއެކުވެސް މައްސަލައަކަށް މިފާހަގަކުރަނީ ބަލިވެއުޅޭވާހަކަ، ގައިގަ އަޅާވޭނުގެ ވާހަކަ ފިރިމީހާ ގާތުގައި ބުނެލަން ނުލިބި އެތައް ދުވަހެއް ފާއިއތުވެގެން އެބަދެއެވެ. 

އަނބިމީހާ އާއި ވާހަކަ ދައްކައިލާނެ ވަޤުތު ފިރިމީހާއަށް ނުވާތީއެވެ. ނިދަން އަންނަލެއް ލަސްކަމުން ބައްދަލުނުވާތީއެވެ. ހެނދުނު ހޭލައިގެން އޮފީހަށްދާން އަވަސްވެފައި ހުންނަވަރުން އަނބިމީހާ އާއި ވާހަކަދައްކައިނުލެވޭތީއެވެ. ސައިބޯން އިންނައިރުވެސް ފޯނުން ކަންކަން ހިންގަން ޖެހޭތީއެވެ. އޮފީހަށް ދިއުމަސްފަހު ބިޒީކަންބޮޑުކަމުން އަނބިމިހާގެ ފޯނަށް ޖަވާބުދޭނެ ވަގުތެއް ނުވާތީއެވެ. 

މިތަނުގައި ތިބި މީހުން ނިކަން ބުނެބަލާށެވެ! މިގޮތަށް ކަންކަން މެދުވެރިނުވޭހެއްޔެވެ؟ މިޙާލަތު ދިމާވާ އަނބިން އަތްމައްޗަށް ނަގާކަށް ނުބުނާނަމެވެ. އެއީ އަތްމައްޗަށް ނަގައިފިނަމަ ފިރިމީހާ ރުޅިއަންނާނެތީއެވެ. ނަމަވެސް ސުވާލެއްކޮށްލާނަމެވެ. މިޙާލަތުގައި އަނބިންނަށް އުޅެންޖެހިފައިވާ ކަމަށް ޤަބޫލުކުރަން ހެއްޔެވެ؟ ޖަވާބު އަމިއްލަ ނަފްސަސްދޭށެވެ. އެވަރުން ފުދޭނެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެކަމަކުވެސް ގޮވާލަނީ ލޯބިވާއޭ ކިޔާފައެވެ. ކައިވެނިކުރަނީ ލޯބިވާކަމަށް އެތައް ހާސް ވަޢުދެއްވެފައެވެ. އެވަރުން ކައިވެނިކޮށްފައި މިބުނި ގޮތަށް ޢަމަލުކުރުމަކީ ލޯތްބަށް ނުވަތަ ނުވަތަ ލޯބިވުމަށް ފުރައްސާރަކުރުން ނޫން އެހެން ކޮންކަމެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! އަހަރެމްގެ އަމިއްލަ ދިރިއުޅުމާއިމެދު ތަންކޮޅެއް ބޮޑަށް ވިސްނަން އެބަޖެހެއެވެ. ކައިވެނިކުރުމަށްފަހު، ޚާއްޞަކޮށް ދަރިން ލިބުމަށްފަހު އެކަކު އަނެކަކަށް އަޅައިލުން އިތުރުކުރަން އެބަޖެހެއެވެ. އެހީތެރިވާން އެބަޖެހެއެވެ. 

އަހުރެންވެސް ޤަބޫލުކުރަމެވެ. ދިރިއުޅެން ބޭނުންވާ ފައިސާ ހޯދަން އެބަޖެހެއެވެ. ވަޒީފާއަދާކުރަން އެބަޖެހެއެވެ. މަސައްކަތްކުރަންވެސް ޖެހެއެވެ. ނަމަވެސް މިބުނި ޙާލަތަށް ކަންކަން ދިއުމުން އެއޮތީ ގޯސްވެފައެވެ. މިބުނަނީ ހަމަ ތެދަށެވެ. އެފަދަ ގޮތްގޮތަށް ޢަމަލުކުރާމީހުން އެގޮތަށް ކަންކަން އެކުރަނީ ހަމަ ބިޒީކަން ބޮޑުވެގެންކަމަށް ޤަބޫލުކުރަން ވަރަށް އުނދަގުލެވެ. 

ހަމަޔަޤީނުންވެސް އެއީ ދިރިއުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތެއް ނޫނެވެ. އެގޮތަށް އުޅޭނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންވެސް ޖެހޭނެއެވެ. 

އެއީ ހަމަބިޒީކަން ބޮޑުކަމުން އުޅޭގޮތްކަމަށް ޤަބޫލުކުރަން އަހަރެންނަސް އުނދަގޫވަނީ އެންމެ ބިޒީކަންބޮޑު މީހުންވެސް އަހުރެންގެ އެކުވެރިންގެ ތެރޭގައި އެބަތިއްބެވެ. އެމީހުން ދިރިއުޅެން އަބަދު މަސައްކަތްކުރަމުންވެސް އަނބިދަރިންގެ ޙާލުބަލައެވެ. އެމީހުންގެ ކަންކަމުގައި އެހީތެރިވެސްވެއެވެ. 

ދެން ބުނެލަން އޮތް ވާހަކައަކީ ރިޒުޤް ލިބުމަށް ހުރަސް އެޅޭ ސަބަބުތަކުގެ ތެރޭގައި އެމީހަކު ބަލަހައްތަންޖެހޭ މީހުންގެ ކަންކަން ނުބަލަހައްޓައި ފަރުވާކުޑަކުރުން ހިމެނެއެވެ. އިންތިހާއަށް ބުރަކޮށް މަސައްކަތްކުރަމުން ދަނިކޮށްވެސް އަތްމަތި ދަތިވުން އަދި ބަނގުރޫޓުވުން ފަދަ ކަންކަން މެދުވެރިވަނީ ކީއްވެގެން ކަމާއިމެދު ވިސްނައިލީމާ މިބުނި ވާހަކައަކީ ހަޤީޤަތްކަން އެނގިގެންދާނެއެވެ. 

ހުރިހާ އެކުވެރިންނޭވެ! ލޯބިވާކަމަށް ބުނެލުމަކުން ނުފުދެއެވެ. އެއީ އަނެކާއަށް ބޭނުންޖެހޭ ވަޤުތު އަޅައިލުމަށް ކިޔާނަމެކެވެ. ވީމާ މިދެއްކި ވާހަކަކޮޅުން ކޮންމެވެސް އެއްޗެއް ވިސްނި ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް އުންމީދުކުރަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން