ޒިނޭކޮށްގެން ލިބޭ ދަރިންގެ ޢަޤީޤާ ކަތިލަން ޖެހޭނެތޯ؟ ކަތިލަން ޖެހޭނީ ކާކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 16ސ
ޒިނޭކޮށްގެން ލިބޭ ދަރިންގެ ޢަޤީޤާ ކަތިލަން ޖެހޭނެތޯ؟ ކަތިލަން ޖެހޭނީ ކާކަށް؟

އުފަންވާ ކޮންމެ ކުއްޖެއްގެ ފަރާތުން ވެސް ޢަޤީޤާ ކަތިލުމަކީ ސުންނަތުން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. އެއީ ވަކި ކުއްޖެއް ޚާއްޞަނުކޮށް ހަމަ ޢާއްމުކޮށް އައިސްފައިވާ ޙުކުމެކެވެ. 

عَنْ سَمُرَةَ بْنِ جُنْدُبٍ ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : ( كُلُّ غُلَامٍ رَهِينَةٌ بِعَقِيقَتِهِ : تُذْبَحُ عَنْهُ يَوْمَ سَابِعِهِ ، وَيُحْلَقُ ، وَيُسَمَّى ) رواه أبوداود ( 2838 ) ، والترمذي ( 1522 ) ، وصححه الألباني فيارواء الغليل ” ( 4 / 385 ) . 

ސަމްރަތު ބިން ޖުންދުބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ މައްޗަށް ޢަޤީޤާ ކަތިލަން ޖެހޭނޭ ކުއްޖެކެވެ. އެކުއްޖާގެ ޢުމުރުން ހަތްދުވަސްވާ ދުވަހު އެކުއްޖާގެ މަތިން ޢަޤީޤާ ކަތިލެވެއެވެ. އަދި އެދުވަހުގައި ނަންދެވެއެވެ. އަދި އެކުއްޖާގެ ބޯ ބޭލެއެވެ." 

عَنْ أُمِّ كُرزٍ أَنَّهَا سَأَلَتْ رَسُولَ اللهِ صَلَى اللهُ عَلَيْهِ وَسَلَّمَ عَنِ الْعَقِيْقَةِ ، فَقَالَ عَلَيْهِ الصَّلاَةُ وَالسَّلاَمُ : ( عَنِ الْغُلاَمِ شَاتَانِ ، وَعَنِ الأُنْثَى وَاحِدَةٌ ، لاَ يَضُرُّكُمْ ذُكْرَاناً أَمْ إِنَاثاً ) . رواه الترمذي ( 1516 ) والنسائي ( 4217 ) و صححه الألباني فيإرواء الغليل ” ( 4 / 391 ) . 

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުގައި، އުންމު ކުރްޒު ޢަޤީޤާއާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. "ފިރިހެން ކުއްޖަކަށް ދެ ބަކަރިއެވެ. އަންހެން ކުއްޖަކަށް އެއް ބަކަރިއެކެވެ. އެއީ ފިރިހެން އެއްޗަކަށް ވިޔަސް ނުވަތަ އަންހެން އެއްޗަކަށް ވިޔަސް ތިޔަބައިމީހުންނަކަށް ގެއްލުމެއް ނެތެވެ." 

އަދި ޒިނޭގެ ކުއްޖާ ދަންނައެވެ. އެކުއްޖާ ވެސް މިޙަދީޘްތަކުގައިވާ ޢާއްމު ޙުކުމުގެ ދަށަށް ވަދެގެންދެއެވެ. ވީމާ އެކުއްޖާގެ ފަރާތުން ޢަޤީޤާ ކަތިލެވޭ ހުއްޓެވެ. 

އަދި ކުއްޖާ، އެކުއްޖާގެ މަންމައަށް ނިސްބަތްވާހައި ހިނދަކު އެކުއްޖާގެ ޢަޤީޤާ ކަތިލުން ވަނީ އެކުއްޖެއްގެ މަންމައަށެވެ. 

އައްޝައިޚް ބިން ބާޒް ރަޙިމަހު ﷲ އާ ސުވާލު ވެވުނެވެ. 

"ޒިނޭގެ ކުއްޖާގެ މަންމައަށް އެކުއްޖާގެ ފަރާތުން ޢަޤީޤާ ކަތިލެވިދާނެ ތޯއެވެ.؟ އަދި އެކުއްޖާއަށް ޚަރަދު ކުރަން ޖެހޭނެ ތޯއެވެ.؟" 

ޖަވާބުގައި ވިދާޅުވި އެވެ. 

"އާއެކެވެ، މަންމައަށް އެކުއްޖާގެ ފަރާތުން ޢަޤީޤާ ކަތިލުން އެއީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. އަދި އެކުއްޖާއަށް ޚަރަދު ކުރުން އެއީ މަންމަގެ މައްޗަށް ވާޖިބު ކަމެކެވެ. އެކަމަކު އެއީ މަންމައަށް އެކަމުގެ ކުޅަދާނަކަން ލިބިގެންވާނަމަ އެވެ. ކުޅަދާނަކަން ލިބިގެން ނުވާ ނަމަ އެދަރިފުޅު ބެލެހެއްޓުން ދައުލަތާ ހަވާލުކުރާހުށިކަމެވެ. އަދި ކުޅަދާނަކަން ލިބިގެންވާ ނަމަ ކުއްޖާއަށް ޢަޤީޤާ ކަތިލައި ހެޔޮ ގޮތުގައި ކުއްޖާ ބަލައި ބޮޑު ކުރާހުށިކަމެވެ. އަދި ކުރެވުނު ފާފައަށް ﷲ ތަޢާލާގެ ޙަޟްރަތުން ތައުބާވާންޖެހޭނެއެވެ. އަދި އެކުއްޖާ ނިސްބަތްވެގެން ވަނީ މަންމައަށެވެ. 

ޒިނޭކުރި ފިރިހެނާ ދަންނައެވެ، އޭނާގެ މައްޗަށް ވަނީ ފާފައިން ތައުބާ ވުމެވެ. އެކުއްޖާގެ މައްޗަށް އެއްވެސް ކަހަލަ ޚަރަދެއް ކުރުމެއް އޭނާގެ މައްޗަކަށް ނުވެއެވެ. އަދި އެކުއްޖާ އެއީ އޭނާގެ ކުއްޖަކަށް ވެސް ނުވާހުއްޓެވެ. އޭނާގެ މައްޗަށް ވަނީ ހަމައެކަނި ތައުބާ ވުމެވެ. އެކުއްޖާ ވަނީ މަންމައަށް ނިސްބަތްވެގެންނެވެ. އަދި އެކުއްޖާއަށް ޙަރަދު ކުރުން ވެސް ވަނީ މަންމަގެ މައްޗަށެވެ." 

– ” مجموع فتاوى الشيخ عبد العزيز بن باز ” ( 28 / 124 ) . 

--ޝައިޚް މުޙައްމަދު ޝާފިޢު 

މަޞްދަރު

https://islamqa.info/ar/answers/228538

 

މިއަދު އޮންލައިން