ގޭގަ ޤުރްއާން ކިޔެވުމަކީ ތިމާއަށާ ގެއަށް އެންމެ ފައިދާހުރި އަޅުކަމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ގޭގަ ޤުރްއާން ކިޔެވުމަކީ ތިމާއަށާ ގެއަށް އެންމެ ފައިދާހުރި އަޅުކަމެވެ!

އެންމެ މަތިވެރި ޛިކުރުކުރުމަކީ ޤުރްއާން ކިޔެވުމެވެ. ވީމާ އެއީ އެންމެ މަތިވެރި އަޅުކަމެކެވެ. އަދި ލިބޭ ޘަވާބު ވަރަށް ގިނަ އަޅުކަމެކެވެ. ކިޔަވާ ކޮންމެ އަކުރަކަށްވެސް 10 ޘަވާބު ދެއްވަވާތީއެވެ.

ކީރިތި ޤުރްއާން އަޑުއެހުމަކީވެސް އަޅުކަމެކެވެ. އުނގެނުމަކީވެސް އަޅުކަމެކެވެ. އުނގަންނައިދިނުމަކީވެސް އަޅުކަމެކެވެ. ވީމާ ހަމައެކަނި ކިޔަވާލައިގެން ފުއްދައިނުލާށެވެ!

ޤުރްއާން ކިޔަވާ ގޭގެ ވަށައިގެން މަލާއިކަތުން ތިއްބަވަތެވެ. ﷲ ތަޢާލާގެ ރަޙްމަތް އިތުރުކުރައްވަވަތެވެ. އަބަދުވެސް ހަނދާންކޮށްދޭފަދައިން އެގެއެއްގައި ބަޤަރާ ސުރަތް ކިޔަވާ ގެއަކާއި ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެއެވެ. ޝައިޠޯނުންނަށް އެގެ ނުވެސް ފެންނާނެއެވެ. އިން ޝާ ﷲ

ރަނގަޅަށް ބަލާށެވެ. އެގެއެއްގެ އެންމެން ޤުރްއާން ކިޔާނަމަ އެގެއެއްގައި އޮންނާނީ ހަމަޖެހުމެވެ. ގެއަށް ރިޒްޤް އިތުރުވާނެއެވެ. މިއީ އަބަދުވެސް ލޯމައްޗަށް ފެންނަމުން އަންނަ ކަންކަމެވެ.

ޤުރްއާން ނުކިޔަވާ ގެތަކުގައި ހާލިހަދައިގެން ޝައިޠާނުން ތިބެއެވެ. ﷲ ތައާލާގެ ރަޙްމަތް އުނިވެގެންދެއެވެ. ޤުރްއާން ނުކިޔަވާ ގެތައް ރަސޫލް ﷺ ސިފަކުރައްވަވާފައިވަނީ ވީރާނާވެފައިވާ ފަޅުތަންތަނުގެ ގޮތުގައެވެ.

ވީމާ ކޮންމެ ދުވަހަކުވެސް އަދި ރޭގަނޑުވެސް ގެތަކުގައި ޤުރްއާން ކިޔެވުން ގިނަކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން