ޑޮކްޓަރަށް ދެއްކުމުގެ ކުރިން ދުޢާކުރަން ހަނދާންކުރާށެވެ! ޑޮކްޓަރު ބޭސްދިނަސް ޝިފާ ދެއްވަވާނީ ﷲ އެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޑޮކްޓަރަށް ދެއްކުމުގެ ކުރިން ދުޢާކުރަން ހަނދާންކުރާށެވެ! ޑޮކްޓަރު ބޭސްދިނަސް ޝިފާ ދެއްވަވާނީ ﷲ އެވެ!: މުފްތީ މެންކް

ވިސްނައިލާށެވެ! ވަރަށް އާދައިގެ ކަންކަމުގައި ޑޮކްޓަރު ދޭބޭހުން ރަނގަޅުނުވެ ހުރެ ގޮސް ކެންސަރު ފަދަ ބޮޑެތި ބަލިތައް ޖެހެން އެކަން އެބަ މެދުވެރިވެއެވެ. ބައެއް ފަހަރު ބަލި ފަސޭހަވެއްޖެ ކަމަށް ބަލައި ޑޮކްޓަރުން އެބަ ނިންމާލައެވެ. ނަމަވެސް ފަސޭހަ ނުވެ ހުރުމުން ފަހުން ބޮޑެތި މަސައްލަތައް އެބަ ކުރިމަތިވެއެވެ. އެހެން އެވަނީ ބޭސްކުރި ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ޝިފާ ނުދެއްވަވާތީއެވެ! ޝިފާ ދެއްވެވުން އެދި ދުޢާކުރަންވީ އެހެންވެގެންނެވެ.

މިސާލަކަށް ބަލިވުމުން ވެސް ފުރަތަމަ ކަމަކަށް އޮތީ ﷲ ތަޢާލާއަށް ދުޢާކުރުމެވެ. ނަމަވެސް ހަމައެކަނި ދުޢާކުރުމަކުން ނުފުދެއެވެ. ޑޮކްޓަރަށް ދައްކައި ފަރުވާކުރަންވެސް ޖެހެއެވެ. ވީމާ ކުރިން ފަދައިން ﷲ ތަޢާލާއަށް ދުއާކުރުމަށްފަހު ޑޮކްޓަރަށް ދައްކާށެވެ! އެކަމަށްވެސް ދުޢާކުރަންވާނެއެވެ! ހަނދާންކުރަންވީ ފަރުވާކުރަނީ ޑޮކްޓަރުން ނަމަވެސް ޝިފާ ދެއްވަވަނީ ﷲ ތަޢާލާ ކަމެވެ. 

ދުޢާކުރަންވީ ޑޮކްޓަރަށް ފަސޭހައިން ތިމާގެ ބަލި އެނގި ތިމާއަށް ޝިފާ ލިބޭނެ ބޭސް ލިޔެދިނުމުގެ ވިސްނުން ޑޮކްޓަރަށް ދެއްވެވުން އެދިއެވެ. އޕަރޭޝަނެއް ކުރުން ފަދަ ކަމެއް ކުރަން ޖެހުނު ނަމަވެސް ﷲ ތަޢާލާއަށް ދުޢާކުރަންވާނެއެވެ! އަދި ކޮންމެ ފަދަ ފަރުވާއެއް ހޯދަން ޖެހުނު ނަމަވެސްމެއެވެ. 

ﷲ ތަޢާލާ މީސްތަކުން އުފައްދަވާފައި މިވަނީ އެއްވެސް މީހަކަށް އެކަނި ދުނިޔޭގައި އުޅެވޭ ގޮތަކަށް ނޫނެވެ. އެންމެ މުއްސަނދި ބިލިއަނަރުވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާ ގޮތަށެވެ. މީސްތަކުން އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށާއި އެހީތެރިވުމަށް އަދި މީސްތަކުން އެކަކު އަނެކެއްގެ ޙާލުބަލައި އުޅުމަށް ﷲ އަމުރުފުޅު ކުރައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. 

ވިސްނަންވީ ކަމަކީ ކޮންމެ މީހަކު ތިމާއަށް އެހީތެރިވެދިން ނަމަވެސް ފުރަތަމަވެސް ޝުކުރުކުރަންވީ ﷲ ތަޢާލާއަށް ކަމެވެ. އެހެނީ އެ އެހީ ތިބާއަށް އެ ލިބުނީ އެމީހާ މެދުވެރިކުރައްވަވައި ﷲ ތަޢާލާ ތިބާއަށް ދެއްވެވުމުން ކަމުގައިވާތީއެވެ! 

އިންސާނުން އުފައްދަވައި ހުރިހާ ނިޢްމަތްތަކެއް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. މީސްތަކުން އުފައްދަވާފައިވަނީ އެއްބައަކު އަނެއް ބައަކާއި، އެކަކު އަނެކަކާއި ގުޅި އަނެކާގެ އެހީތެރިކަން ލިބިގެން ދުނިޔޭގައި އުޅުމަށެވެ. ނަމަވެސް އެއިގެ މާނައަކީ އެހީތެރިވެދެނީ އެމީހާކަމަށްވުމެއް ނޫނެވެ. އެމީހާގެ ކިބައިން އެހީތެރިކަން އެ ލިބެނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން