މުސްލިމުންނަށް އޮތީ ދެދުނިޔޭގެ ބާއްޖަވެރިކަމަސް އެދިގެން މަސައްކަތްކުރުމެވެ. ދުޢާވެސް ކުރުމެވެ. އެހެންކަމާއިއެކުވެސް އެންމެ މުހިންމީ އުޚްރަވީ ޙަޔާތް ބާއްޖަވެރިވުމެވެ. މަދު ދުވަސްކޮޅެއް ދުނިޔޭގައި ހޭދަކޮށްލުމަށްފަހު ދުނިޔެ ދޫކުރަންޖެހެއެވެ. އެހިސާބުން އެއޮތީ އުޚުރަވީ ޙޔާތަށް ފެށިފައެވެ.
ކޮންމެ މީހެއްގެވެސް އެންމެ ބޮޑު ބޭނުމަކަށްހަދަންޖެހޭނީ ދުނިޔެއަށްވުރެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމެވެ. އުފަންވީންސުރެ މަރުވުމާއި ހަމައަށް ފާއިތުކުރެވެނީ ވަރަށް މަދު ދުވަސްކޮޅެކެވެ. މަރުވުމާއި ހަމައިން ފެށިގެން އެދަނީ ދުވަހަކުވެސް ނިމުމެއް ނެތް ހަޔާތެވެ! ވީމާ ދުނިޔޭގެ ޙަޔާތުގައި ލިބޭ އުފާވެރިކަމުން ކުރާނީވެސް ކޮން ފައިދާއެއްހެއްޔެވެ؟
ވީމާ ދުނިޔަވީ ޙަޔާތަށްވުރެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރަން އެދޭމީހާ އެކަމަށްޓަކައި މަސައްކަތްކުރަން ޖެހޭނެއެވެ. މަސައްކަތްކުރުމާއިއެކު ދުޢާކުރުން ގިނަކުރަންޖެހޭނެއެވެ. އެގޮތުން މިއީ ވެސް ގިނަގިނައިން ކުރަންވީ ދުޢާއެކެވެ!
"ޔާ ﷲ! މިއަޅާގެ މާޒީއަށްވުރެ މުސްތަޤްބަލް އުޖާލާކުރައްވަވައި ދެއްވަވާނދޭވެ! ދުނިޔެއަށްވުރެ ކައްވަޅު އުފާވެރިކުރައްވަވައިދެއްވަވާނދޭވެ! ދުނިޔަވީ ޙަޔާތަށްވުރެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރައްވަވައި ދެއްވަވާނދޭވެ! އަދި މިއަޅާގެ އެންމެ ފަހު މަންޒިލަކީ ޖަންނަތުލްފިރުދައުސްކަމުގައި ލައްވަވާނދޭވެ!" އާމީން