ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް ދުނިޔެ ދޫކޮށްފައި ދާންޖެހިދާނެ މީހަކުކަން ދަރިންނަށް ދަސްކޮށްދިނުމަކީ މިހާ ފައިދާބޮޑުކަމެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް ދުނިޔެ ދޫކޮށްފައި ދާންޖެހިދާނެ މީހަކުކަން ދަރިންނަށް ދަސްކޮށްދިނުމަކީ މިހާ ފައިދާބޮޑުކަމެއްކަން އެނގޭތަ؟

އެއްވެސް މީހެއްގެ ޢުމުރަކީ އެނގޭނެ އެއްޗެއް ނޫނެވެ. މަރުވާނީ ކޮން ވަޤުތަކު ކަމެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ދަރިން ކުޑައިރު ދުނިޔެދޫކުރަންޖެހޭ މައިންބަފައިންވެސް މަދެއް ނޫނެވެ. އެފަދަ ޙާލަތުގައި ދަރިންނަށް ލިބޭ މާޔޫސްކަން ބޮޑުވެ ދުނިޔެ މަތިން ފޫހިވެއެވެ. ކިޔަވަންވެސް ފޫހިވެއެވެ. އެކަމުގެ ސަބަބުން ބައެއްކުދިންނަށް ނަފްސާނީ ބައްޔަކަށްވެސް އެބަވެއެވެ. 

ވީމާ ކުދިންގެ ޢުމުރާއި ގުޅޭ ގޮތުން މިއީ ހޭލުންތެރިކަން އިތުރުކުރުވަންޖެހިފައިވާ ކަމެކެވެ. މިކަމުން ދަރިންނަށް އިތުރު ފައިދާއެއްވެސް ކުރާނެއެވެ. އެއީ ކުއްޖަކަށް ކުރާނެ އެންމެ ބޮޑު ފައިދާއެވެ. އެފައިދާ އެހައި ބޮޑު ފައިދާއަކަށްވަނީ ކޮންމެ ކުއްޖަކީވެސް ހަމަ ކޮންމެ ޢުމުރެއްގައިވެސް މަރުވެދާނެ ކުއްޖެއްކަން ކުދިންނަށް ޤަބޫލުކުރެވުމެވެ. 

ވީމާ މަރާއިމެދު ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރަންވާނެއެވެ. އަހަރެމެން ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް މަރުވެދާނެ މީހަކުކަން ޤަބޫލުކޮށް އެތަމަށް ތައްޔާރުނުވެވޭނަމަ އަހަރެމެންނަކީ ފޭލްވެފައިވާ ބައެކެވެ. 

މިގޮތުން ނީހައި ގިނައިން ކުދިން ޖަނާޒާތަކަށް ގެންދާށެވެ. އެއިރު މަރުވެގެން ވަޅުލެވެނީ މުސްކުޅިވުމުން އެކަނި ނޫންކަމާއި ތިމާއާއި ތިމާއަށްވުރެ މާހަގުކުދިންވެސް މަރުވާކަމާއި މަރުވުމުން ވަޅުލެވޭކަންވެސް ވިސްނޭނެއެވެ. އަދިކިއެއްތަ އެއީ އެކުދިން ބޮޑެތިވުމުން ޖަނާޒާތަކުގައި ބައިވެރިވަން އާދަވާނެވެސް ކަމެކެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައި ލިޔުމަކީ މިމައުޟޫއާއި ވަރަށް ގުޅުންހުރި ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެކެވެ. މިއީ މީގެ 2 އަހަރު ކުރިން ހަމަ އަޅުގަނޑުމެންގެ ތެރޭގައި ހިނގައިދިއަ ކަމެކެވެ.   

ބައްޕަ އާ ކުޑަބެއާ ވެސް އިރާދަކުރެއްވިއްޔާ ސުވަރުގެއިން ބައްދަލުވާނެ!: ސަނޫންގެ ދަރިފުޅު 

"އިރާދަކުރެއްވިއްޔާ ބައްޕައާއި ކުޑަބެއާއި ވެސް ސުވަރުގެއިން ބައްދަލުވާނެ! އަހަރެމެން އެންމެން ވެސް ސުވަރުގެ އިން ބައްދަލުވާނެ!" މިއީ  ކުރީ ރޭ ކުއްލި ގޮތަކަށް ނިޔާވި ފްލައިމީގެ ޒުވާން ޕައިލެޓް، ސ. ހިތަދޫ، ކޯޒްވޭ ވިލާ، ސަނޫން ނަޞީރުގެ ދަރިފުޅު އޭނާގެ ބައްޕަ ނިޔާވިކަން އެނގުމުން ބުނެފައިވާ ބަސްކޮޅެކެވެ. 

މިކަމުން ވެސް އެނގިގެންދަނީ ސަނޫން ނަޞީރު އާއި އޭނާގެ އަނބިކަނބަލުން އެދެމަފިރިންގެ 7 އަހަރުގެ ކުޑަ ދަރިފުޅު ތަރުބިއްޔަތުކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމެވެ. އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުވައިދީގެން ކަމެވެ. 

ސަނޫންގެ ކޮއްކޮ، ދަރިފުޅުގެ ކުޑަބެ ވަނީ ދާދިފަހުން ކުއްލިގޮތަށް ނިޔާވެފައެވެ. އެކަމުގެ ކަންކަން ވެސް ހިނގައިދިއައީ ހަމަކުއްޖާގެ ކުރިމަތީގައެވެ. އެހެންކަމުން ޢާއިލާއިން ވަނީ ކޮންމެ ވަގުތަކުވެސް ކޮންމެ މީހަކުވެސް މަރުވެދާނެ ކަމާއި ކުރަން އޮތް ކަމަކީ ސުވަރުގެއިން ބައްދަލުކޮށްދެއްވެވުން އެދި ދުޢާކުރުންކަން ވިސްނައިދީފައެވެ. އެއިގެ އިތުރުން ުވަރުގެއިން ބައްދަލުވާނީ ދުނިޔޭގައި ކޮން ގޮތަކަށް އުޅުމުންކަން ވެސް ވަނީ އަނގައިދީފައެވެ. ބައްޕަ (ސަނޫން) ނިޔާވުމުންވެސް ދަރިފުޅަށް އެހައި ސާބިތުކަން އެ ލިބުނީ އެ ތަރުބިއްޔަތުގެ ސަބަބުންނެވެ.   

މިއީ މިއަދު އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާކަމެކެވެ. ދަރިންގެ އުމުޜާއި ގުޅޭގޮތުން ދީނުގެ ކަންކަން އޮޅުންފިލުވައިދީ ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށް ދަރިންގެ ހިތްތަކުގައި ލޯބި ޖައްސުވަން މަސައްކަތްކުރުމުގެ ފައިދާ މިފަދަ ކަންކަމުން މިދަނީ އެނގި ހާމަވަމުންނެވެ.

މިއަދު އޮންލައިން