ހެޔޮލަފާ ބައެއް މީހުންވެސް މިސްކިތުގެ ޖަމާޢަތަށް ނުގޮސް ގޭގައި އެބަ ނަމާދުކުރެއެވެ! ގޭގަ ނަމާދުކުރުން ފިރިހެނުންނަށް ހުއްދަވެގެންވޭތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބެއްގެ ގޮތުން މިގެނެސްދެނީ ކޮރޯނާގެ ބިރުވެރިކަން އޮތް ދުވަސްވަރު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ. ވީމާ އެފަދަ އެއްވެސް ބިރުވެރިކަމެއް ނެތި ޢާންމު ދިރިއުޅުމުގައި އުޅޭއިރު ޙުކުމް އޮންނާނެ ގޮތް ހިތަށް ގެންނަވާށެވެ.
މިއީ ކުދި ބޮޑު ހުރިހާ ފިރިހެނުން މަތިން ތިރިއަށް އެންމެން މިސްކިތުގެ ޖަމާއަތަށް ގޮސް ދުޢާކޮށް އާދޭސް ދަންނަވަންވީ ވަގުތު!: ޑރ. އިޔާޟް
މިއީ މަތިން ތިރިއަށް އެންމެން ހިމެނޭ ގޮތަށް ކުދި ބޮޑު ހުރިހާ ފިރިހެނުން މިސްކިތުގެ ޖަމާއަތަށް ގޮސް ނަމާދުކޮށް ކޮރޯނާ ވައިރަސް އިންނާއި ރާއްޖޭގެ އިޤްޠިޞޯދަށް ކުރިމަތިވެފައިވާ މައްސަލަތަކުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކޮށް ﷲ ތަޢާލާއަށް އާދޭސް ދަންނަވަންވީ ވަގުތެވެ.
(މިޕެރެގްރާފްގައި "މަތިން ތިރިއަށް" އޮތް ބަސްފުޅުގެ މާނައަކީ ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެންމެން މިސްކިތަށް ދާންޖެހޭނެ ވާހަކައެކެވެ. ނަމާދުގެ ޖަމާޢަތަށް ދިއުމުގައި އެއްވެސް ފިރިހެނަކު އޭނާ އަދާކުރި ނުވަތަ އަދާކުރާ މަޤާމުގެ ގޮތުން އިސްތިސްނާވެގެނެއް ނުވެއެވެ.)
މިއީ ވަކި ބައަކަށް ކުރަން އޮތް ކަމެއް ނޫނެވެ. ނަމާދަށް ނުދެވޭނެ ޞިއްޙީ ޢުޒުރެއް ނެތި ތިބި ހުރިހާ އެންމެން ކުރަންޖެހޭ ކަމެކެވެ. "މަގުމަތީގައި އުޅެން ބިރެއް ނުގަނޭ. ބާޒާރުތަކަށްގޮސް އުޅެން ބިރެއް ނުގަނޭ. އޮފީހަށް، ފިހާރަތަކަށް، ސައިހޮޓާ ރެސްޓޯރަންޓްތަކަށް ގޮސް އުޅެން ބިރެއް ނުގަނޭ. އެތަންތަނުގަ ކިތަންމެ ގިނަ ވަގުތުތަކެއް ހޭދަކުރަންވެސް ބިރެއް ނުގަނޭ! އެފަދަ މީހުން މިސްކިތަށް ޖަމާއަތަށްދާން ބިރުގަންނަން ޖެހެންވީ އެއްވެސް ސަބަބެއް ނެތް. އެފަދަ މީހުން މިސްކިތަށް ގޮސް ޖަމާއަތުގަ ބައިވެރިވާންވީ! ފަލާޙް ލިބިގަންނަން އަުމަށް ގޮވާލާ ގޮވާލުމަށް ޢިޖާބަދޭންވީ! އެއިރުން ހުރިހާ ކަންކަންވެސް ރަނގަޅު ގޮތުގަ ހިންމަވައި ދެއްވަވާނީ!"
ޖަމާޢަތުގައި ނަމާދުކުރުމަކީ ނަމާދު ވާޖިބުވާ ހުރިހާ ފިރިހެނުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ކުރާ މަސައްކަތަކުން އަދާކުރާ ވަޒިފާޢަކުން އަދި ލިބިފައިވާ މަތީ މަޤާމަކުންވެސް މިކަމުގައި އެއްވެސް އިސްތިސްނާއެއް ނެތެވެ.
ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވި އިންސާނަކީ ރަސޫލާ (ﷺ) އެވެ. އެއަށްފަހު 4 ޚަލީފާއިންނެވެ. އެބޭކަލުން ނަމާދުކުރެއްވީ މިސްކިތުގެ ޖަމާޢަތުގައެވެ. ޞަޙާބީންވެސްމެއެވެ. ވީމާ މިކަމުން އެނގިގެންދަނީ ޖަމާޢަތުގައި ނަމާދުކުރުމުން އިސްތިސްނާވާނެ މީހަކު ނުހުންނާނެ ކަމެވެ.
ކޮރޯނާ ވައިރަސްއިންވެސް އަދި އެހެން މުޞީބާތްތަކުންވެސް ސަލާމަތްކޮށްދެއްވެވުން އެދި ކުރަން އެންމެ ބޮޑު އިސްކަމެއް ދޭންވީ ފަރުޟުތަކަށް ރައްކައުތެރިވުމާއި ދުޢާކުރުން ގިނަކުރުމެވެ! އެންމެ ޚާއްޞަކޮށް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމެވެ.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް