އަހަރުގެ ދުވަސްތައް ފާއިތުވަމުން ގޮސް މިއަހަރުގެ ރަމްޟާން މަސް އައިސް ބައްދަލުކުރާ ދުވަސް ދާދިގާތްވެއްޖެއެވެ. ރަމަމާން މަހު ވީހައި ގިނައިން އަޅުކަންކުރަން ތައްޔާރުވާން ވިސްނާއިއރު މިހާރުވެސް ކުރަންޖެހޭނެ ކަންކަމަށް އެބަވިސްނައިލަމުހެއްޔެވެ؟
އަބޫހުރައިރަތުގެފާނު ވިދާޅުވެފައިވަނީ ތިމަންކަލޭގެފާނަށް "އަހަރުންގެ ރަޙްމަތްތެރިޔާ (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ)" 3 ކަމަކަށް ވަޞިއްޔަތް ކުރެއްވެވި ކަމަށާއި އަދި ތިމަން ކަލޭގެފާނު އަވަހާރަވެއްޖައުމަށްދާންދެން އެ 3 ކަންތައް ކުރެއްވެވުން ހުއްޓަވައި ނުލައްވަވާނެ ކަމަށެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "އަހަރުންގެ ރަޙްމަތްތެރިޔާ (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަހުރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އަހަރެން މަރުވެއްޖައުމަށް ދަންދެން އެކަންކަން ދޫނުކުރާ ހުށީމެވެ. އެއީ ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދު ކުރުމާއި ވިތުރިކޮށްގެން ނިދުމެވެ."
- رواه البخاري (1124) ومسلم 721
މިވަޞިއްޔަތުގައިވާ 3 ކަންތަކަކީ ކޮންމެ މަހަކު 3 ދުވަހު ރޯދަހިފުމާއި ޟުޙާ ނަމާދުކުރުމާއި ވިތުރިކޮށްގެން ނޫނީ ނުނިދުމެވެ. މި 3 ކަންތައް މިއަދު ކުރަނީ މަދު މީހެކެވެ. ކުރާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ.
ރަސޫލް (ﷺ) އެއްވެސް ބޭކަލަކަށް ނުވަތަ ބައަކަށް ކަމެއް ކުރައްވން ވަޞިއްޔަތްކުރައްވަވައިފިނަމަ އެކަމެއް ހިމެނިގެންދާނީ މުޅި އުންމަތުގެ އެންމެން ކުރަން އޮތް ކަމަކަށެވެ. އެކމަކުން މީސްތަކުންނަށް ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގެންދާނެ ކަމަކަށް މެނުވީ ރަސޫލް (ﷺ) ވަޞިއްޔަތް ނުކުރައްވަވާނެއެވެ! ވީމާ މި 3 ކަންތަކަކީވެސް ހަަމ ކޮންމެ މީހަކުވެސް ދޫނުކޮށް ކުރަންހުރި ކަންކަމެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން